އީމާން އަދިވެސް ހޭ ނާރާ، އޮތީ ވެންޓިލޭޓަރުގައި!

ދުއްވާފައިދިޔަ ސައިކަލަކުން ވެއްޓި ހޮސްޕިޓަލްގައި ފަރުވާހޯދަމުންދާ އާމިނަތު އީމާން ---

ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާން, އަދިވެސް ހޭ ނާރާތީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 16:25 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ވިއްސަކަށް މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ މީހަކަށް ފެނިގެންނެވެ.

މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ ކުލަމަޑުކަމުން އީމާން ދިޔަ މަގުގައި ބައްޕަރެއް އޮތްކަން އޭނާއަށް ނޭގުނީ ކަމަށެވެ. އެހެންވެ ބަމްޕަރުމަތިން ބާރު ސްޕީޑުގައި ދުއްވުމުން ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެފަ އޮތް ގޮތަކީ އެ ބަމްޕަރުގެ ކުލަ ތަންކޮޅެއް މަޑުވީމަ އޭނަ ހީކުރީ ބަމްޕަރެއް ނެތް ކަމަށް. އެހެންވެ އޭނައަށް ދެވުނީ ބަމްޕަރު މަތިން ބާރަށް. ވެއްޓިގެން ވިއްސައިގެން ގޮސް އީމާން އޮތީ ބަމްޕަރު މައްޗަށް ޖެހިފަ،" އަންހެނުންގެ ކޮމިޓީގެ މެމްބަރު ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިރޭ އީމާން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ފަރުވާދޭން ފެށިފަހުން ކޮންމެވެސް ވަރަކަށް ނޭވާލާ ކަމަށާއި ނަމަވެސް އަދިވެސް ހޭނާރާ ކަމަށް އަންހެނުންގެ ކޮމިޓީގެ މެމްބަރު ކިޔައިިދިނެވެ.

"ބޮލުގެ އެއްފަޅީގެ ނާށިގަނޑު ފަޅައިގެންގޮސް، އިންޓާނަލީ ބްލީޑް ވަނީ. އީމާންގެ ވިންދުހުރީ ހަމައެކަނި. އޭނަގެ އެއްވެސް ހަރަކާތެއް ނެތް،" އޭނާ ކިޔައިދިނެވެ.

އީމާން ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭރުވެސް އެ ސަރަހައްދަށް ވަނީ ގިނަ އަދަދަކަށް ލޭ އޮހޮރިފައެވެ.

comment ކޮމެންޓް