އެވަޓަން ބަލިކޮށް ސިޓީއިން އެއް ވަނަ މަގާމު ދަމަހައްޓައިފި

ސިޓީ އަދި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލު ކުރި މެޗު ކާމިޔާބުކޮށް، ސިޓީއިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ސިޓީއިން މޮޅުވީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުން ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ހަމަލާތަކެއް އުފެއްދިއެވެ. ސިޓީގެ ފޯވާޑު ލައިނުން އުފައްދަމުން ދިޔަ ހަމަލާތައް އެވަޓަންގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ހުއްޓުވާފައެވެ.

ކައުންޓާ އެކޭޓްގައި އެވަޓަން އިން ވެސް ސިޓީގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، އެ ޓީމަށް ވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުން ސިޓީ މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ފިލް ފޯޑެން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބެނާންޑޯ ސިލްވާ ދިން ޕާހަކުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 66 ޕޮއިންޓް ހޯދައިގެން ސިޓީ އޮތީ ތާވަލްގެ އެއް ވަނައިގައެވެ.

comment ކޮމެންޓް