ހަނގުރާމައިގެ ވިލާގަނޑުގެ އަސަރު ރާއްޖެއަށް ބޮޑު

ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރާނެ އަސަރު ބޮޑު ---

ކޮވިޑުގެ ބަލިމަޑުކަމުން ދަސްކޮށްދިން އެއް ފިލާވަޅަކީ ރާއްޖޭގެ އިގްތިސާދު އެ ކަމެއްގެ މައްޗަށް ބިނާވެފައިވާ، ފަތުރުވެރިކަމުގެ ސިނާއަތުގެ ނާޒުކުކަމެވެ.

މުޅި ދުނިޔެ ސިއްސުވާލި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް މަޑުޖެހުނު ދުވަސްކޮޅެއް ވެސް ދިޔައެވެ. އެއަށް ފަހު، ސިނާއަތް އަލުން ހިނގަައިގަން އިރު ދިވެހީންނަށް އަނބުރާ ނުގެނެވުނު އެއްޗަކީ ކުރިން އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދިޔަ ޗައިނާ މާކެޓެވެ.

އެ ގައުމުގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދިއުމުގެ ހުއްދަ އަދިވެސް ނުލިބެއެވެ. ނަމަވެސް އިންޑިއާ، ރަޝިޔާ ފަދަ މާކެޓުތަކުން އަންނަ ފަަތުރުވެރިންނާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރީގެ ރެކޯޑުތަކާ ކައިރިކުރިއެވެ.

ކަން މިހެން އޮއްވާ، ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު އޮތް ހަމަނުޖެހުން ހޫނުވެ، ހަނގުރާމައިގެ ހުޅު ފަޅައިގެންފިއެވެ. އެއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓި، އަނެއްކާ ވެސް މުހިއްމު މާކެޓުތަކެއް ބަންދުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރަޝިއާ، ޔޫކްރޭން: ފަތުރުވެރިންގެ 18.8 އިންސައްތަ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 247,197 ފަތުރުވެރިންގެ 15.7 އިންސައްތައަކީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އަދި 3.1 އިންސައްތައަކީ ޔޫކްރޭނުގެ ފަތުރުވެރިންނެވެ.

ރަޝިޔާއަކީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ޔޫކްރޭން އޮތީ އެ ލިސްޓުގެ އަށްވަނައިގައެވެ.

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ނިމުނު އިރު ރަޝިޔާއިން ޖުމްލަ 17,609 ފަތުރުވެރިން ރާއްޖެއައެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. ރަޝިޔާއަކީ އެއަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ނުވަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޔޫކްރޭނުން މިދިޔަ އަހަރު ރާއްޖެއަށް އައީ 3,316 ފަތުރުވެރިންނެވެ. 2020ވަނަ އަހަރާއި އަޅާބަލާއިރު މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ތަފާސް ހިސާބުތަކުން އެނގެނީ ރަޝިޔާއާއި ޔޫކްރޭނަކީ ވެސް ކުރިއަރަމުން އަންނަ، މުހިއްމު ދެ މާކެޓުކަމެވެ.

ޔޫކްރެއިން ބަންދު

ހަނގުރާމަ ފެށުމާއެކު ޔޫކްރޭނުން ކުރާ ވައިގެ ދަތުރުތައް ވަނީ މުޅިން ހުއްޓިފައެވެ. "ސަން"އާ ވާހަކަދެއްކި ޓްރަވެލް އޭޖެންސީތަކުން ބުނީ ޔޫކްރޭނުން ފަތުރުވެރިން ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"ވައިގެ މަގު ހަމަ އެއްކޮށް ބަންދުވެފައި އެއޮތީ. އެމަޖެންސީގައި ނެރޭ މީހުން ވެސް އެއްގަމުން ބޯޑަރު ހުރަސްކޮށްފަ އެ އެވަކުއޭޓް ކުރަނީ" ޓްރެވަލް އޭޖެންޓަކު ބުންޏެވެ.

24 ފެބްރުއަރީ 2022: ޔޫކްރޭނުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކުުރުން

ގިނަ އޭޖެންސީތަކުން ބުނީ ކަސްޓަމަރުން ކެންސަލް ނުކުރި ކަމުގައި ވިޔަސް ޔޫކްރޭނުގެ ހުރިހާ ބުކިން އެއް ކެންސަލް ކުރަން ޖެހިފައިވާ ކަމަށެވެެ. ސަބަބަކީ އެމީހުންނަށް އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމެވެ.

ރަޝިޔާގެ އިގްތިސާދު ދަށަށް

އިސްވެ ހަމަލާތައް ދޭންފެށި ރަޝިޔާއަށް މިވަގުތު ބައިނަލްއަގުވާމީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެއާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބިރު ބޮޑުވެ، ރަޝިޔާގެ ރަސްމީ ފައިސާ ކަމުގައިވާ ރޫބަލްގެ އަގު ރެކޯޑު މިންވަރަކަށް ވަނީ ދަށަށް ވެއްޓިފައެވެ.

މި މަސް ފެށުނު އިރު އެމެރިކާ ޑޮލަރަކަށް ލިބެނީ 76.73 ރޫބަލް އެވެ. 9.3 އިންސައްތައިގެ ވެއްޓުމަކާއެކު، މިހާރު ޑޮލަރެއްގެ އަގަަށް ވަނީ 83.86 ރޫބަލް އެވެ. ހަނގުރާމަ އެންމެ ހޫނުވި ދުވަސް ކަމަށްވާ، މިމަހުގެ 24ވަނަ ދުވަހު، ޑޮލަރާ އަޅާ ކިޔާއިރު ރޫބަލްގެ އަގު 84.95އަށް ވެސް ވަނީ ވެއްޓިފައެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ -- ފޮޓޯ: އަންދަލޫ އޭޖެންސީ

ރަޝިޔާގެ ހިއްސާގެ ބާޒާރަށް ވެސް އަންނަނީ މި ލޮޅުމުގެ އަސަރުކުރަމުންނެވެ. އެގޮތުން، އެ ގައުމުގެ ހިއްސާގެ ބާޒާރުގެ އިންޑެކްސް، އެމްއޯއީއެކްސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ 33 އިންސައްތައަށް ވެއްޓިފައެވެ.މިއީ 1987 ވަނަ އަހަރުގެ ފަހުން، 50 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ބާޒާރެއް މިވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ވެއްޓުމާއެކު، ރަޝިޔާގެ ހިއްސާގެ ބާޒާރުގެ ހިއްސާދާރުންނަށް 189 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓު ކުރެއެވެ. ހިއްސާގެ ބާޒާރުގެ ތާރީހުގައި ވެސް ފަސް ވަނައަށް އެންމެ ގެއްލުން ބޮޑު ވެއްޓުމަކީ މިއީއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް "ސަން" އަށް ވިދާޅުވީ ރަޝިޔާގެ އިގްތިސާދު ހީނަރުވުމަކީ، ރާއްޖޭއަށް އެ ގައުމުން އަންނަ ފަތުރުވެރިން މަދުވާނެ ކަމެއް ކަމަށެވެ.

"ރޫބަލްގެ އަގު ވެއްޓުމާ، މިފަދަ ކަންކަމަކީ ހަމަ އެ ގައުމުގެ އެންމެ މުއްސަނދި މީހުންނަށް ވެސް ގެއްލުން ވާނެ ކަންކަން. އެހެންވީމަ، އެކަމުގެ އަސަރު އެރައިވަލްސް އަށް ކުރާނެ" މައުސޫމް ވިދާޅުވިއެވެ.

"ސްވިފްޓް"އިން ރަޝިއާ ބޭރުކުރާނެ ކަމުގެ ބިރު

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ބޮޑުވެފައި އޮތް އަނެއް ބިރަކީ ބައިނަލްއަގުވާމީ ބޭންކުތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ގެންގުޅޭ "ސްވިފްޓް" ވިއުގައިން ރަޝިޔާ ބޭރުކޮށްލާނެ ކަމުގެ ބިރެވެ.

ބެލްޖިއަމްގައި ގާއިމުކުރެވުނު، މި ވިއުގަ މޮނީޓަރު ކުރަމުން ދަނީ ޔޫރަޕް، އެމެރިކާ އަދި ޖަޕާނުގެ ބޭންކުތަކުންނެވެ. މީގެ ކުރިން ވެސް މި ވިއުގަ ވަނީ އެމެރިކާގެ އަސްކަރީ އެކި ބޭނުންތަކަށް ބޭނުންކޮށްފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އަދި ޖަރުމަނުގެ ޗާންސެލާ، އޯލާފް ޝްކޯލްޒް ވެސް ވަނީ "ސްވިފްޓް" އިން ރަޝިޔާ ނެރެލުމަކީ މި ވަގުތު އަޅަން ނިންމާފައިވާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖަރުމަނުން ރޭ ވެސް ވަނީ "ސްވިފްޓް" މެދުވެރިކޮށް ރަޝިޔާގެ އިސްވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

(ކ-ވ) ޖަރުމަނުގެ ޗާންސެލާ އޯލާފް ޝްކޯލްޒް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން ---

"ލެޓްސް ގޯ" ޓްރެވަލް އޭޖެންސީގެ ވެރިޔާ، މުހައްމަދު ރިޔާޒް "ސަން"އަށް ވިދާޅުވީ ރަޝިޔާގައި "ސްވިފްޓް" ބޭނުން ނުކުރެވޭ ހާލަތެއް އައުމަކީ ރާއްޖެއަށް އެ ގައުމުގެ ފަތުރުވެރިން ގެނައުމަށް ކުރިމަތި ވާނެ ބޮޑު ދައްޗެކެވެ. ސަބަބަކީ މިހާރު ރާއްޖެއާއި ރަޝިޔާއާއި ދެމެދު ފައިސާގެ މުއާމަލާތްތައް ކުރެވެނީ "ސްވިފްޓް" މެދުވެރިކޮށް ކަމަށް ވާތީއެވެ.

"އިތުރު ހައްލެއް ނުހޯދިއްޖެއްޔާ ހަމަ އެއްކޮށް ހުއްޓޭނެ. މިސާލަކަށް، ޑިޖިޓަލް ނުވަތަ ކްރިޕްޓޯ ކަރަންސީ ފަދަ ހައްލެއް. އެކަމަކު، އެކަހަލަ ކަންކަމަކީ ވެސް ވަގުތު ނަގާނެ ކަންކަން" ރިޔާޒް ވިދާޅުވިއެވެ.

"ކަން ވާނެގޮތް އަންދާޒާކޮށްލަން ވެސް ނޭނގޭ"

ރިޔާޒް ވިދާޅުވީ އަދި ރަޝިޔާގެ މާކެޓަށް މާބޮޑު ލޮޅުމެއް އަރާކަން ފާހަގަ ނުވިޔަސް، މަޝްރަހު ބަދަލުވާނެ ގޮތެއް ނޭނގުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ހަމަ އެއް ގޮތަކަށް ވެސް ނޭނގޭ ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް. ބުކިން ހެއްދި މީހުންނަށް އާދެވޭނެކަމެއް ވެސް ނޭނގޭ. އެހެންވީމަ ރަޝިޔާގެ 70 ޕަސެންޓް ބުކިންސް ހޯލްޑުކޮށްގެން އަޅުގަނޑުމެން މި ތިބީ ވެސް" އޭނާ ވިދާޅުވިއެވެ.

"ސަން"އާ ވާހަކަ ދެއްކި ގިނަ ގެސްޓް ހައުސް ތަކުން ބުނީ ރަޝިޔާ ފަތުރުވެރިން ހިމެނޭހެން، މިވަގުތު އޮކިއުޕަންސީ ރަނގަޅު ކަމަށެވެ. މަދު ބުކިންތަކެއް ކެންސަލްވި ނަމަވެސް އެއީ ހަނގުރާމަައާ ގުޅިގެން ވީ ކަމެއް ކަމަށް ލަފައެއް ނުކުރެވެއެވެ.

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ އުންމީދަކީ ހަނގުރާމަ އަވަހަށް ނިމި، ސުލްހަ ގާއިމުވުން ކަމަށެވެ. އެއީ، ރާއްޖެއަށް އެންމެ ގެއްލުން ކުޑަ ވާނެ ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭ އިސްތިހާރު ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް އަންނަނީ ކުރަމުންނެވެ. އެންމެ ދަތި ހާލަތުގައި ވެސް އެއީ ރާއްޖޭގެ ގަދަ ފަޔަށް ވާނެ ކަމަށް މިނިސްޓަރު ދެކެލައްވައެވެ.

މީގެ ކުރިން ވެސް ރާއްޖެއާއި ދުނިޔޭގެ އިގްތިސާދަށް އައި ބޮޑެތި ލޮޅުން ތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ކޮށްފައެވެ.

ސުނާމީއާއި، ކޮވިޑުގެ ބަލިމަޑުކަން ފަދަ ބޮޑެތި ކަންކަމުން ލިބުނު ގެއްލުމުން އަރައިގަތުމުގެ ތަޖުރިބާ އާއެކު، ދުނިޔޭގެ އުތުރުގައި ބަނަވަމުން އަންނަ ހަނގުރާމަައިގެ ވިލާގަނޑަށް ރާއްޖޭގެ ފަތުރުވެރިކަން ތައްޔާރުވަމުން އަންނަނީ މި ކޮޅިގަނޑުން ވެސް އަރައިގަނެވޭނެ ކަމުގެ އުންމީދާއި އެކުގައެވެ.

comment ކޮމެންޓް