ފޭސްބުކުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް -- އޭއެފްޕީ ފޮޓޯ: ބީބީސީ

ރަޝިއާއިން ފޭސްބުކާ ދެކޮޅަށް ފިޔަވަޅު އެޅިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޭސްބުކުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފިއެވެ.

ރަޝިއާއިން ވަނީ ފޭސްބުކަށް އެކްސެސްކުރުން ލިމިޓްކުރަން ނިންމާފައެވެ. މިއާއެކު ފޭސްބުކުން ވަނީ ރަޝިއާ ސަރުކާރުގެ މީޑިއާތަކުން ފޭސްބުކު މެދުވެރިކޮށް އިސްތިހާރުކުރުމާއި އާމްދަނީ ހޯދުން މަނާކޮށްފައެވެ.

ފޭސްބުކުގެ ސެކިއުރިޓީ ޕޮލިސީ ހެޑް ނެތޭނިއެލް ވިދާޅުވީ ރަޝިއާގެ ދައުލަތަށް ނިސްބަތްވާ މީޑިއާތަކުން ކުރާ ޕޯސްޓުތަކުގައި އެކަން ލޭބަލްކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ފޭސްބުކުގެ ޕޭރެންޓް ކުންފުނި މެޓާއިން ބުނީ ރަޝިއާއިން ވަނީ 'ފެކްޓް ޗެކް' ކުރުމާއި ރަޝިއާގެ ސްޓޭޓް މީޑިއާތައް ލޭބަލްކުރުން ހުއްޓުވުމަށް އެދިފައި ކަމަށާއި ނަމަވެސް މެޓާއިން އެކަމަށް އިންކާރުކުރި ކަމަށެވެ.

ފޭސްބުކުން ވަނީ ޔޫކްރޭނުގެ ރައްޔިތުންނަށް ޕްރޮފައިލް ލޮކް ކުރެވޭނެ ގޮތް ހަދާފައެވެ. މިއީ އިތުރު ސެކިއުރިޓީއެއްގެ ގޮތުގައި ފޭސްބުކުން ވަނީ ސިފަކޮށްފައެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ރަޝިއާއާ ދެކޮޅަށް ގިނަ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެމެރިކާއާއި، އީޔޫ އާއި ޔޫކޭއިން ހަރުކަށި ފިޔަވަޅުތައް އެޅުމާއި ގުޅިގެން ރަޝިއާގެ އިގުތިސާދެއް ބޮޑު ގެއްލުމެއްވާނެ ކަމަށް ގިނަ އިގުތިސާދީ މާހިރުން ގަބޫލުކުރެއެވެ.

comment ކޮމެންޓް