އދ.ގެ ސަލާމަތީ މަޖިލީހުގެ ރިޒޮލިއުޝަން ރަޝިއާއިން ވީޓޯކޮށްފި

ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި ރަޝިއާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ކަނޑައެޅި ރިޒޮލިއުޝަނެއް ރަޝިއާއިން ވީޓޯކޮށްފި އެވެ.

ރަޝިއާއިން މި ރިޒޮލިއުޝަން ވީޓޯކޮށްފައިވާއިރު 11 ގައުމަކުން ވަނީ ރިޒޮލިއުޝަނަށް ތާއީދުކޮށް ވޯޓު ދީފައެވެ. ނަމަވެސް އިންޑިއާއާއި، ޗައިނާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ އެއްވެސް ކޮޅަކަށް ވޯޓްދޭން ބޭނުންނުވާކަމަށް ބުނެފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަށް މެޖޯރިޓީގެ ވޯޓު ލިބުނަސް ވީޓޯކުރުމުގެ ބާރު ރަޝިއާއަށް ލިބިގެންވެއެވެ. އދ.ގައި ވީޓޯކުރުމުގެ ބާރު ލިބިގެންވަނީ ދާއިމީ ފަސް މެމްބަރުންނަށެވެ. އެއީ އެމެރިކާ، ރަޝިއާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތެވެ.

ރަޝިއާއިން ސަލާމަތީ މަޖިލީހުގެ މި ނިންމުން ވީޓޯކުރުމާއި ގުޅިގެން އެމެރިކާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލީނާ ތޮމްސަން ލިންފިލްޑް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރަޝިއާއިން ރިޒޮލިއުޝޭނަށް ވީޓޯކުރިނަމަވެސް އެންމެންގެ އަޑު ވީޓޯ ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ އދ. އުފެދުމުގެ އެންމެ މައި މަގުސަދަކީ ހަނގުރާމަ ހުއްޓުވުން ކަމަށެވެ. ރަޝިއާއިން ވަނީ އެ ގައުމުން މަސައްކަތްކުރަމުން ދަނީ އިރުމަތީ ޔޫކްރޭނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެފައެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފަށާފައިވާއިރު ޔޫކްރޭނުގެ ވެރިރަށް ކިއެވް އަށްވެސް ރަޝިއާ ސިފައިން ވަނީ ވަދެފައެވެ. ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމަކީ "ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް"ގެ ގޮތުގައި ޕޫޓިން ސިފަކުރެއްވިނަމަވެސް ގިނަ ގައުމުތަކުން ވަނީ މިކަން ހަނގުރާމައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

comment ކޮމެންޓް