ދަމާސްއިން ބްލަޑް ކޭމްޕެއް: އެންމެނަށް ވެސް ލޭ ހަދިޔާކުރެވޭ

ދަމާސް ބްލަޑް ޑޮނޭޝަން ކޭމްޕް -- ސަންފޮޓޯ/ ނާއިލް ހުސައިން

ދަމާސްގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް އެ ކުންފުނިން އިންތިޒާމުކޮށްގެން ކުރިއަށް އެބަ ގެންދެއެވެ.

މިއަދު ހެނދުނު 09:30ން ހަވީރު 15:00އަށް ތެލަސީމިއާ ސެންޓަރުގައި އޮތް މި ކޭމްޕުގައި އެ ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުން ދަނީ ބައިވެރިވެ ލޭ ހަދިޔާކުރަމުންނެވެ. އަދި، އާންމުނަށް ވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ދަމާސް އިން ބުނެއެވެ.

ދަމާސް ބްލަޑް ޑޮނޭޝަން ކޭމްޕް -- ސަންފޮޓޯ/ ނާއިލް ހުސައިން

މިހާތަނަށް އެ ކޭމްޕަށް ތަރުހީބު ބޮޑުކަމަށް ދަމާސް އިން ބުނެއެވެ. އެގޮތުން މިހާރުވެސް 35 މީހަކު ވަނީ އެ ކޭމްޕުގައި ލޭ ދިނުމަށް ނަން ނޯޓުކޮށްފައެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތެކެވެ.

2013ވަނަ އަހަރު ދަމާސް އިން ބޭއްވި ފުރަތަމަ ލޭހަދިޔާ ކުރުމުގެ ކޭމްޕު --- ފޮޓޯ/ދަމާސް

ދެހާސް އެއް ވަނަ އަހަރު އުފެދުނު ދަމާސް އަށް 21 އަހަރު ފުރޭނީ މިއަދަށެވެ. ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ވިޔަފާރި ފުޅާކޮށް ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ.

ދަމާސް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަމުންދާއިރު، މިއީ ކޮވިޑާއި ގުޅިގެން ލޭ ހޯދުމުގެ ދަތިކަން ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރައްވަމުންނެވެ.

comment ކޮމެންޓް