އެމްޑީޕީ "އަންހެނުންގެ ރޫހު" ތޮށި ފަޅާފައި ނުކުންނަންޖެހޭ ވަގުތު ޖެހިއްޖެ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް --

އެމްޑީޕީ "އަންހެނުންގެ ރޫހު" ތޮށި ފަޅައިފައި ނުކުންނަށްޖެހޭ ވަގުތު މިއޮތީ ޖެހިފައި ކަމަށާއި ފުރުސަތެއް ދީފި ނަމަ އެކަން ކުރާނެ މީހަކީ އޭނާ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ށ. މިލަންދޫގައި ރޭ ބޭއްވި ފައްޔާޒް އާއި ރޮޒައިނާގެ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކުރި ޑިމޮކްރެސީގެ ދަތުރުގައި ހޭދަ ކޮށްފައިވާ 16 ވަރަކަށް އަހަރުގެ ތެރޭގައި ފެންނަނީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ އިސް ސަފުގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ލިބިފައި މިވަނީ ޕެޕާ ސްޕްރޭ އާ އަނިޔާގެ ކުރިމަތީގައި އަންހެނުން ދެއްކި ހިތްވަރުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަންހެނުން ރޫހު ގަދައަށް ހިންގަން ބޭނުމިއްޔާ އޭނާއަށް ވޯޓު ދޭންވީ ކަމަށާއި އެ ފުރުސަތު މެންބަރުން ދީފި ނަމަ އެކަން ކޮށްދޭން ތައްޔާރު ކަމަށެވެ. އަދި އޭނާއަށް އެކަން ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިޔާސީ ދާއިރާއަށް އަންހެނުން ވަރަށް އެބަ ބޭނުންވޭ. ތިޔަ ބޭފުޅުން އަޅުގަނޑާ އެކީގައި ނުކުންނަވައިފި ނަމަ ތިޔަ ބޭފުޅުންނަކީ ފިސާރި އަންހެން "ވެރިންނަށް" ހަދައިދިނުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ރޮޒައިނާ ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެމްޑީީއަކީ އަންހެނުންނަށް ފުރުސަތުން ފުރިފައިވާ ޕާޓީއެއް"

އެމްޑީޕީ ތަފާތު އަންހެން އެކްޓިވިސްޓުން އުފައްދައިފި ކަން ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ މިއަދު މިއީ "އަންހެން ވެރިން" އުފައްދަންޖެހޭ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ ހަމައެކަނި އެކްޓިވިސްޓުންގެ ގޮތުގައި ތިބެގެން މިއަދަކު ވާކަށް ނެތް ކަމަށެވެ.

"ތިޔަ ލޮބުވެތި މެންބަރުން އަޅުގަނޑު ހޮވައިފި ނަމަ ޕާޓީގެ ތެރެއިން ތިޔަބޭފުޅުންނަށް ލިބެންޖެހޭ ގަދަރާއި އިއްޒަތް ހޯދައިދިނުމަށް ޓަކައި މާތްﷲގެ އިރާދާފުޅާއެކު އަޅުގަނޑު މަސައްކަތް ކުރާނަން،" ރޮޒައިނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި އެމްޑީޕީގެ އަންހެން ކައުންސެލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ ފަރާތުން ރޮޒައިނާ ވަނީ އޭނާއަށް ވޯޓު ދިނުމަށް އެދިލައްވާފައެވެ.

"އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި އެމްޑީޕީގެ އަންހެން ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން އަރިހުން މި އެދެނީ ތިޔަ ބޭފުޅުން އަޅުގަނޑުގެ އަތުގައި ހިއްޕަވާށޭ އަޅުގަނޑު ތިޔަ ބޭފުޅުންގެ އަތަކުން ދުލެއް ނުކުރާނަމޭ." ރޮޒައިނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ބާރު އަޅައި ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ފަންސާސް ޕަސެންޓަކީ އަންހެނުން ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ، އިތުރު ކުރާން ޖެހިއްޖެ ކަމަށެވެ.

"އެހެންކަމަށްވާއިރު މި ގައުމު ބައްޓަން ކުރަން އިށީންނަ މޭޒުގެ ދޮށުގައި އަންހެނުން ނެތްކަމަށް ވާނަމަ ކިހިނެއްތޯ އެ މަސައްކަތެއް ފުރިހަމަ ވެގެން ދާނީ. ނުވާނެ. ތިޔަ ބޭފުޅުންގެ ވެސް ހިޔާލާ މަޝްވަރާއާ އެކީގައި މި ގައުމު އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް ބިނާ ކުރެވޭނީ" ރޮޒައިނާ ވިދާޅުވިއެވެ.

އިތުރަށް ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އައުމުގެ ފުރުސަތު ދީފި ނަމަ ސިޔާސީ ފުރުސަތު ތަކަކީ ވަކި އާއިލާ އަކަށް، ވަކި ރަށަކަށް ކަނޑައެޅިފައިވާ އެއްޗަކަށް ވެފައި އޮންނަ އޮތުން ބަދަލު ކުރާނެ ކަމަށެވެ.

އެމްޑީޕީއާ ސޮއި ކުރެއްވުމަށްފަހު، މީގެ ކުރިން ރޮޒައިނާ ވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ޕާޓީގެ ޗީޕް ވިޕްގެ މަގާމުވެސް އަދާކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ރޫހުގެ އިންތިހާބުވެސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް