ޒުވާނުން ތަމްރީނު ކުރަން ތިން ކޮލެޖަކަށް 11 ކޯސް ހަވާލުކޮށްފި

ސްކިލްސްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ގެ ކޯސްތައް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ

ޒުވާނުން ތަމްރީނު ކުރުމަށްޓަކައި ހިންގާ 'ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް' ގެ ދަށުން، 11 ކޯހެއް ހިންގުމަށް ތިން ކޮލަޖަކާ ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާގައި، ކޯސްތައް ހަވާލު ކޮށްފައި ވަނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިތުރުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއެވެ.

މި ތިން ކޮލެޖުގެ ފަރާތުން، ޖުލްމަ 350 ދަރިވަރުން ތަމްރީނު ކުރެވިގެން ދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރެއިން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާ ހަވާލު ކޮށްފައި ވަނީ ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން ކޯހެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ހަވާލު ކުރި ފަސް ކޯހަކީ:

  • ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ގެސްޓްހައުސް އޮޕަރޭޝަންސް
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ބޯޓް އޮޕަރޭޝަންސް
  • ނޭޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކް
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ހެލްތް އެންޑް ސޭފްޓީ ކޮންސްޓްރަކްޝަން

ސްކިލްސްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ގެ ކޯސްތައް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ހަވާލުކުރި ފަސް ކޯހަކީ:

  • ނޭޝަނަލް ސެޓްފިކެޓް 3 އިން އެގްރިކަލްޗާ
  • ނޭޝަނަލް އެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ގާޑްނާ
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ހެވީ ވެހިކަލް އޮޕަރޭޝަން
  • ނޭޝަނަލް ސެޓްފިކެޓް 3 އިންއޮޓޯމޯޓިކް މެއިންޓިނެންސް

ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް އިފްތިތާހު ކޮށްފައި ވަނީ 2020 ޖުލައި 15 ގައެވެ.

ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި، ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސްގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކާއި މުއައްސަސާތަކަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހި ޒުވާނުން ތަފާތު ދާއިރަތަކުން ތަމްރީނުކޮށް، ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ކޯސްތައް ނިމި، 350 ޒުވާނުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނެރެވޭނެ ކަމަށް އުންމީދު ކުރައްވަ ކަމަށެވެ.

މީގެ އިތުރުން، އިތުރު 35 ކޯސް ހިންގުމަށް ހުޅުވާލާފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިއާ ޚިލާފަށް މިހާރު އަޅުގަނޑުމެން ހުޅުވާލާ ކޯސްތަކުގައި، ދަރިވަރުން ބައިވެރި ކުރެވޭނެ، އެ ދަރިވަރުންނަކީ ވަޒީފާ އަދާކުރާ ދަރިވަރުން ކަމުގައި ވިޔަސް. އެބޭފުޅުންގެ (ކޯސްހިންގާ މީހުންގެ) އެ އޮންނަ ރިކުއަޔާމަންޓާ އެއްވަރަށް އެމީހުނަށް ވަގުތާ ކޮމިޓްމަންޓް ދެވޭކަމުގަ ވަންޏާ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ވަޒީފާ އަދާކުރާ މީހުންނަށް މި ކޯސްތަކުގައި ބައިވެރި ނުވެވޭގޮތަށް އުސޫލު އޮންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕްރައިވެޓް ޕްރޮވައިޑަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާއިރު، އެއީ އެންމެ ރަނގަޅުގޮތް ނޫންކަން ފާހަގަ ކުރެވުނު ކަމަށެވެ.

ވަޒީފާގެ ބާޒާރަށް މީހުން ނެރެން ބަލާއިރު، ހާލަތު ނިޔާކުރާ ގޮތުން އެކި ވަޒީފާތަކުގައި އުޅެން މަޖުބޫރު ވެފައި، އެހެން ނަމަވެސް ހުނަރުވެރި، ފަންނުވެރި މަސައްކަތްތައް ދަސްކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ ޒުވާނުން ތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމު ކުރިއަށްދާނީ، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރެވިގެންކަން ފާހަގަ ކުރައްވަމުން، މިކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދޭ އެއްބާރުލުން ބަލައިގަނެ، އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް