"ތިކި" ހުއްޓާލަން އަމުރު ނެރެއެއް ނުދިން!

"ތިކި" އެޕްލިކޭޝަންގެ ފައުންޑާ އަނަސް ހަބީބު (ވ) އާއި ހަދިޔާ.އެމްވީގެ ފައުންޑާ ޔޫސުފް ޚަލީލް (ކ) --

"ތިކި" އެޕްލިކޭޝަނަކީ "ހަދިޔާ.އެމްވީ"ގެ ކޮޕީއެއްކަމަށް ބުނެ އެ އެޕް ހުއްޓާލަން ލ. ފޮނަދޫ ޑޭލައިޓް ޔޫސުފް ޚަލީލް އެދުނު ވަގުތީ އަމުރު ކޯޓުން ނެރެއެއް ނުދިނެވެ.

ލޭ ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރާ މީހުންނަށް ޚާއްސަކޮށް އަޙުމަދު އަނަސް ހަބީބު ތައާރަފްކުރި "ތިކި" އެޕަކީ "ހަދިޔާ.އެމްވީ"ގެ ކޮޕީއެއްކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މި މަހު 11ވަނަ ދުވަހުއެވެ.

އެއަށްފަހު، "ތިކި" އެޕްލިކޭޝަން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދި ޚަލީލު ހުށަހެޅުމުން މިއަދު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ޝަރީފް ވިދާޅުވީ މައްސަލައިގައި ވަގުތީ އަމުރެއް ނެރެވިދާނެތޯ ނުވަތަ ނޫންތޯ ބެލިއިރު ވަގުތީ އަމުރެއް ނެރެދެވެން އޮންނަ ތިން ޝަރުތު ހަމަނުވާ ކަމަށެވެ.

މި މައްސަލައިގައި ޚަލީލު އެދިފައިވަނީ 375،400 ރުފިޔާގެ ބަދަލަކަށެވެ. އެއީ "ތިކި" އެޕްލިކޭޝަން ހެދުމުން ޚަލީލަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުން 350،000 ރުފިޔާއާއި ވެބްސައިޓް ހެދުމަށް އޭނާގެ އަތުން ހޭދަވި 20،000 ރުފިޔާއާއި ޑޮމައިން ފީއެއްގެ ގޮތުން ދިރާގަށް ދެއްކި 5،400 ރުފިޔާއެވެ.

މި މައްސަލަ ހޫނުވެ "ތިކި" އެޕްލިކޭޝަނަށް އެކި ކަހަލަ އެޓޭކްތައް އައިސް އެ އެޕްލިކޭޝަން ޑައުން ވެސް ވިއެވެ. އެހެން ނަމަވެސް ފަހުން "ތިކި" ޓީމުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.

މީގެ އިތުރުން، ތިކި ޓީމުގެ ބައެއް މެންބަރުންނަށް މަގުމަތިން ދިމާކޮށް އަދި ބިރުދައްކާ އިންޒާރު ވެސް ދީފައިވެއެވެ.

comment ކޮމެންޓް