ޔޫކްރެއިންގައި 35 ކިޔަވާ ކުދިން, 25 ކުއްޖަކު މިއަދު ރާއްޖެ އަންނާނެ

ޔޫކްރެއިން: އެ ގައުމުގައި 35 ދިވެހި ކިޔަވާކުދިން އެބަތިބި --

ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާ ޔޫކްރެއިންގައި 35 ކިޔަވާ ކުދިން ތިބިއިރު އޭގެތެރެއިން 25 ދަރިވަރުން މިއަދު ރާއްޖެ އަންނަން ފުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ, ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިންގެ ތެރެއިން އެއް ދަރިވަރަކު މިހާރު ވަނީ ރާއްޖެ އައިސްފައި ކަމަށާއި އަދި މިދިޔަ ހުކުރު ދުވަހުވެސް ހަތަރު ދަރިވަރަކު އެ ގައުމު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ފަސް ދަރިވަރަން އަދިވެސް ޔޫކްރެއިންގައި ތިބިއިރު އެ ކުދިން ތިބީ ހަނގުރާމައެއް ފަށައިފިނަމަ ފުރަތަމަ ވެސް އެންމެ ނުރައްކާވާނެ ހިސާބުގައެވެ. އެ ގައުމުގެ، ޚަރްވިކްގައި އެ ދަރިވަރުން ތިބިއިރު އެއީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ އެއް ސިޓީއެވެ.

އެ ފަސް ކުދިން ވެސް މި ވަގުތު އަންނަނީ ރާއްޖެއައުމަށް ތައްޔާރުވަމުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީއާ ޖަރުމަނުގެ ބާލިންގައި ހުންނަ ދިވަހިރާއްޖޭގެ އެމްބަސީ އަންނަނީ ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިންގެ ހާލަތު ވަރަށް ގާތުން ބަލައި ކަންކުރަންވީ ގޮތްތައް ކިޔައިދެމުންނެވެ.

ޔޫކްރެއިންގައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދާދި ފަހުން އަންގަވާފައެވެ.

ޔޫކްރެއިންގެ މައްސަލަ ހޫނު

ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ ޔޫކްރެއިނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފެށުމުގެ އެއްވެސް ރޭވުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެގައުމުން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައިވަނީ ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ހެދުމަށް އެމެރިކާއާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކާއެކު ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިން އަތުވެދާނެތީ އެކަން ހުއްޓުވުމަށްޓަކައި އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްވެސް ރަޝިއާއިން ބުނެފައިވެއެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ އެގައުމު ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށެވެ. އަދި އެމެރިކާގެ އިސް މަސްއޫލުވެރިންނަށްވަނީ ނަފްސާނީ ބައްޔެއްކަމަށްވާ ހިސްޓީރިއާ ޖެހިފައި ކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިން އިން ދަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ޔޫކްރެއިން އިން ބުނާ ގޮތުން ރަޝިއާއާ ކުރިމަތިލުމަށްޓަކައި ހަތަރު ލައްކަ ސިފައިން ބަރުހަތިޔާރާއެކު މިހާރު ތިބީ ތައްޔާރީ ހާލަތުގައެވެ.

ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ވަނީ ރަޝިއާއިން އެގައުމަށް އަރައިގެންފިނަމަ ރަޝިއާ ބަލިކޮށްލާނެކަމަށާއި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ފާއިތުވި ދުވަސްތަކުގައި 2،000 ޓަނުގެ ހަތިޔާރު ލިބިފައިވާކަމަށް ބުނެފައެވެ.

comment ކޮމެންޓް