ކާށިދޫ ގޮނޑީގެ ހިޔަނި އިއްތިހާދަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ޖަވާބުދާރީ ކުރަން އޭރުގެ އިދިކޮޅުފަރާތް ތަކުން ކުރި މަސައްކަތްތައް ކާމިޔާބުވުމުގެ އަސްލަކަށް ވެގެން ދިޔައީ މަދަނީ އިއްތިހާދު ކުރިއަށް ނުކުމެ އޭރު އެއްގަލަކަށް ނޭރި ތިބި. އިދިކޮޅު ޕާޓީތައް އެއްބައި ކުރުވައި އެއް ޕްލެޓްފޯމަކަށް ގެނައުމަށްކުރެވުނު މަސައްކަތުންނެވެ.

ހާއްސަކޮށް މަދަނީ އިއްތިހާދު އިސްކޮށް އޮވެ އޭރުގެ އިދިކޮޅު އަށް ސިޔާސީ ޕާޓީ އެއްގަލަށް އަރުވައި ސަރުކާރު ހަމަމަގަށް އެޅުވުމަށް 23 ޑިސެމްބަރު ގައި އެތައް ސަތޭކަ ރައްޔިތުންނާއިއެކު ކުރި ބޮޑު މުޒާހަރާއަށް ފަހު އެއްބަޔަކު އަނެއް ބަޔަކަށް ކިޔަމުންދިޔަ ދެކޮޅުވެރިކަމުގެ ބަސްތައް ހުއްޓުމަކަށް ވަނީ އައިސްފައެވެ. އަދިވަރަށް ފޯރިއާއި ޖޯޝައިއެކު އިއްތިހާދު ވަރުގަދަވެ މަޝްހޫރު 23 ރޭގެ މުޒާހަރާއަށް ފަހު ސަރުކާރު ބަދަލުވެ އާސަރުކާރުގައި ހުރިހާ ޕާޓީތަކުން ބައިވެރިވެ އެހުރިހާ ސިޔާސީ ޕާޓީތަކަށް ވަނީ އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުލިބިފަ އެވެ.

އިއްތިހާދުގެ ޕާޓީތައް އެއް މިސްރާބަކަށް ކުރަމުން އައި ދަތުރަށް ހިޔަނި އެޅޭފަދަ ކަންތައްތަކެއް ކުރިމަތިވީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން އިއުލާން ކުރުމާއި ގުޅިގެން ނެވެ. އިއްތިހާދުގައި ހިމެނޭ ބޮޑު ދެ ޕާޓީކަމަށްވާ ޖުމުހޫރީ ޕާޓީއާއި ޕީޕީއެމުން އެ ގޮޑިއަށް ފައި ނަގަން ފެށުމާއެކު އިއްތިހާދުގައި ހިމެނޭ ޕާޓީތައް އެކުވެރިކަމާއި އެކު ކުރިން އޮތް ބަދަހިގުޅުން އޮވެދާނެ ކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

މިހާރުގެ އިއްތިހާދަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވެފައިވާ ގޮތުގައި ކާށިދޫ ގޮނޑިއަށް ޕީޕީއެމާއި ޖުމުހޫރީ ޕާޓީން ކެނޑިޑޭޓުން ނެރުމާއި ގުޅިގެން އެކަމާ ވަރަށް ކަނބޮޑުވެ ވަޑައިގެން ކަމަށާއި މުހިންމު ދަނޑިވަޅެއްގައި އެއްވެސް ޕާޓީއަކުން އަމިއްލަ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި މިހާރު ގައުމަށް އެންމެ ފައިދާ ހުރި ގޮތް ބަލައި ދެ ޕާޓީންވެސް އެކަމާ ވިސްނައި ސަރުކާރުގެ އިއްތިހާދަށް އެންމެ ފައިދާ ހުރި ގޮތެއްގައި ފައިދާވާނެ ގޮތް ބެލުން މުހިންމު ކަމަށެވެ.

"ދެޕާޓީން އެއްގަލަކަށް ނާރައިފިނަމަ ކާށިދޫ ގޮނޑި ގެއްލުމަކީ ވަރަށް ކައިރި ކަމެއް. އެމްޑީޕީން އެގޮނޑި ވިން ކޮށްފިނަމަ އެއީ ސަރުކާރަށާއި ގުޅިފައިވާ އިއްތިހާދަށް ވެސް ލިބޭ ނާކާމިޔާބެއް. އެކަމުގެ ސަބަބުން އިއްތިހާދުގެ ތެރޭގައި އިތުރު މައްސަލަތައް ޖެހި ބައިބައިވުން އެއީ ވެދާނެ ކަމެއް،" މެންބަރު ވިދާޅުވިއެވެ.

ކުރީގެ ރައީސްނަޝީދު ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން ވަތަން އެދޭ އިއްތިހާދުގެ ނަމުގައި 2007 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަށް ގުޅިގެން ވަރުގަދަ 30 އަހަރުގެ ސަރުކާރު ވައްޓާލައި ވަތަން އެދޭ އިއްތިހާދު ވެރިކަމަށް އައިނަމަވެސް މާގިނަދުވަސްތަކެއް ނުވަނީސް އިއްތިހާދުގައި ހިމެނެނުނު ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއަކު ނެރެ އެއްލާލުމުގެ ނަތީޖާ މިއަދު ވަނީ އެމްޑީޕީއަށް ފެނިފައެވެ.

އަދި އިއްތިހާދެއްގެ ގުޅުން ރާއްޖޭގެގައި ވައިގައި ނުހިފާނެ ކަމުގެ ސިގްނަލް ލިބުނުނަމަވެސް އަނެއްކާވެސް އިއްތިހާދެއް ވުޖޫދަށް އައިސް އިއްތިހާދުގެ މަސައްކަތް އަސްލު ފަށަން ޖެހުނު ވަގުތު މިވަނީ އިތުރު ނުތަނަވަސްކަމަކާ ކުރިމަތިވެފަ އެވެ.

މިހާރުގެ ސަރުކާރު ވެރިކަން އައުމާއި އެކު އިދިކޮޅު އެމްޑީޕީން އެންމެ ފުރަތަމަވެސް ބުނެފައިވަނީ ކެބިނެޓްގެ ޕޮޒިޝަންތައް ބަހާނެ ގޮތަކާމެދު އިއްތިހާދު ބައިބައި ވެފައިވާ ކަމަށެވެ. ނަމަވެސް އިއްތިހާދުން ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން އޭރު ބުނެފައިވަނީ އެމްޑީޕީގެ އެ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ އިއްތިހާދާއި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް އަންނަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ފުރިހަމައަށް އެއްބާރު ލުން ދޭނެ ކަމަށެވެ.

"ހިޔާލު ތަފާތުވުންތައް ހުންނާނެ ނަމަވެސް ގައުމަށް ޓަކައި ގައުމުގެ މަސްލަހަތަށް ޓަކައި ހުރިހާ ދޫތަކެއް ދީގެން ހަމަޖެހިގެންނޭ މިތިބީ.. އެއްގޮތަކަށް ވެސް އެބުނާ ކޭކޫފެޅުމުގައި ކޭކު ބައިބައި ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް ނެތް،" އިއްތިހާދުން ވަނީ ބުނެފައެވެ.

އިއްތިހާދު ގައި އެންމެ އިސްކޮށް އުޅުއްވި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި އިއްތިހާދުގައި ހިމެނޭ ދެޕާޓީއަކުން އެއް ގޮނޑިއަކަށް ވާދަކުރުމުގެ މައްސަލަ އަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެމައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް އިއްތިހާދުން ފަށައިފައިވާ ކަމަށާއި އެކަން ހައްލު ނުކުރެވިއްޖެ ނަމަ އިއްތިހާދަށް ލޮޅުމެއް އަރައިގެން ދާނެ އެވެ. ނަމަވެސް އަބްދުﷲ ވިދާޅުވީ އިއްތިހާދަށް އަންނަ ލޮޅުމެއް ސަރުކާރަށް އައުމަކީ ވެދާނެ ކަމެއްކަމަށް އޭނާ ގަބޫލް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އިއްތިހާދަށް އަންނަ ލޮޅުމެއް ސަރުކާރަށް އަތުވެދާނެ ކަމަކަށް. އިއްތިހާދަށް އަންނަ ލޮޅުމަކުން ސަރުކާރަށް އަސަރު ނުކުރާ ގޮތްތައް އެބައޮވޭ. ސަރުކާރުގައި އިއްތިހާދު ތަމްސީލް ކުރަނިއްޔަކީ ނޫން އިއްތިހާދުގައި ހިމެނޭ ޕާޓިތަކުގެ ހައިސިއްޔަތުން ޕާޓީތައް ސަރުކާރުގައި މި ތަމްސީލް ކުރަނީ. އެހެންކަމުން ސަރުކާރު އޭގެ ގޮތުގައި ހިނގަމުންދާނެ . އަޅުގަނޑުމެން މިހާރުވެސް މިދަނީ ކާށިދޫ ގޮނޑީގެ މައްސަލަ ހައްލުކުރުމަށް ދެ ޕާޓީގެ ދެމެދުގައި މަސައްކަތްކުރަމުން." އަބުދުﷲ ވިދާޅުވިއެވެ.

އިއްތިހާދުގެ އިސްވެރިންގެ ވާހަކަތަކުން އެގޭ އަނެއް ކަމަކީ އިއްތިޙާދެއް ހަދައިގެން ހުރިހާ ޕާޓީތަކުން ބައިވެރިވެގެން މިހާތަނަށް މަސައްކަތްކުރި ނަމަވެސް އެއްވެސް ބައި އިލެކްޝަނެއްގައި އިއްތިހާދުން ކެނޑިޑޭޓެއް ނެރުމަށް މިހާތަނަށް ބާރުއަޅައި އެއްވެސް ވާހަކައެއް ދައްކާފައި ނުވަނިކޮށް މިފަދަ މައްސަލަ އެއް ކުއްލިއަކަށް މެދުވެރިވުމުން ހައްލަކާ ހަމައަށް ވާސިލްވުމަށް ދަތިތަކާ ކުރިމަތިވެފައިވުމެވެ.

ކާށިދޫ ދާއިރާގެ ގޮނޑިއަށް އިއްތިހާދުގައި ހިމެނޭ ޖުމުހޫރީ ޕާޓީންނާއި ޕީޕީއެމުން ވާދަކުރާނެ ކަން އިއުލާން ކުރުމާއި ގުޅިގެން އެ މައްސަލަ ވަނީ އިއްތިހާދުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހޫނުވެފަ އެވެ. އަދި އެ މައްސަލާއިގައި ގޮތްތަކެއް ނިންމުމަށް އިއްތިހާދުން ވަނީ މަޝްވަރާތައް ވެސް ފަށާފަ އެވެ. މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި ޑީއާރްޕީން ކައުންސިލުން ނިންމާފައިވަނީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށެވެ.

ޑީއާރްޕީގެ ސްޕޯކްސް ޕާސަން ޒީނާ ޒާހިރު ވިދާޅުވި ގޮތުގައި އިއްތިހާދުގައި ހިމެނޭ ކޮންމެ ޕާޓީއެއް ވެސް ކޮންމެ ބައި އިލެކްޝަނެއްގައި ބައިވެރިވުމުގެ އިހުތިޔާރު އެޕާޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި އެކަމުގައި އިއްތިހާދުން އެއްވެސް ވާހަކަތަކެއް މީގެކުރިން ބައި އިލެކްޝަން ތަކުގައި ވާދަކުރުމަށް އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައި ނެތްކަމަށާއި އެގޮތުން އެޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ޑީއާރްޕީން ތާއީދުކުރާ ކެނޑިޑޭޓް ނިންމީ ކަމަށެވެ.

ޕީޕީއެމްގެ ނައިބުރައީސް އުމަރު ނަސީރު ވިދާޅުވި ގޮތުގައި އިއްތިހާދުގައި ހިމެނޭ ދެ ޕާޓީން އެއްގޮނޑިއަކަށް ވާދަކޮށްފިނަމަ އެ ގޮނޑި އެމްޑީޕީއަށް ލިބިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އިއްތިހާދުން އެއް ކެނޑިޑެޓޭއް ނެރުމަށް ޕީޕީއެމުން އިސް ނަގައިގެން ޖުމުހޫރީ ޕާޓީއާއި ވާހަކަދެއްކި ކަމަށާއި ނަމަވެސް އެކަމުން އެއްވެސް ނަތީޖާއެއް ނުނެރެވި ވާހަކަތައް ހުއްޓުމާއި ގުޅިގެން އިއްތިހާދަށް އެ މައްސަލަ ޕީޕީއެމުން ހުށައެޅި ކަމަށެވެ.
"ޖުމުހޫރީ ޕާޓީއާ ޕީޕީއެމް ވާދަކޮށްފިނަމަ އެ ގޮނޑި އެމްޑީޕީއަށް ގޮސްފާނެ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ބިރެއް. އެހެންވެގެން ހަގީގަތުގައި ޕީޕީއެމް އިސް ނަގައިގެން ޖުމުހޫރީ ޕާޓީއާ ވާހަކަދައްކަން ނިންމީ ސީދާ އަޅުގަނޑުގޮސް ޖުމުހޫރީ ޕާޓީއާއި ވާހަކަ ދެއްކީ އެކަމަކު ޖުމުހުރީ ޕާޓީއާ ދެއްކި ވާހަކައިގައި ކޮޅެއްމެދެއް ނުފެނުނު،" އުމަރު ވިދާޅުވި އެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އިއްތިހާދުން މިހާރު ދިމާވެފައިވާ މައްސަލަ ހައްލުނުކުރެވި އިއްތިހާދުގައި ހިމެނޭ ދެޕާޓީ ކާށިދޫ ދާއިރާއަށް ވާދަކޮށް ފެއިލްވެއްޖެނަމަ އެކަމުގެ އަސަރު މުޅި އިއްތިހާދަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފޯރާނެ އެވެ.

"އިއްތިހާދަށް ކުރާ އަސަރު ސަރުކާރަށް ފޯރާނެ. އެއީ ކާށިދޫ ގޮނޑި އެސަރުކާރު ހިއްސާ ވާ ޕާޓީތަކަށް ނުލިބި އެމްޑީޕީއަށް ލިބިއްޖެއްޔާ އެމީހުން ނުކުމެ ބައިނަލް އަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ބުނެވޭނެ ތިމަންނަ މެންނަށް އޮތްތާއީދު ބަލާށެ ތިމަންނަމެން މިތިބީ ޖެހިގެން އޮތް އިންތިހާބުގައި ގޮނޑި ނަގާފައޭ،" އުމަރު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރެވޭނީ، އިއްތިހާދެއްގެ ތެރެއިން ކަމަށް ސިޔާސީ އެތައް ބަޔަކު ގަބޫލުކުރެ އެވެ. އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ވެރިކަމަށް އަމާޒު ހިފާފައިވާ ލީޑަރުން ގިނަކަމާ އެކު، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ގަބޫލުކުރެ އެވެ. އިދިކޮޅު އިއްތިހާދުގެ ތެރެއިން އެއް ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރިނަމަވެސް މިހާރު ދިމާވެފައިވާ މައްސަލަ އަށް ވާގޮތުން މެނުވީ ކުރިއަށް އޮތް އިންތިހާބުތަކަށް އިއްތިހާދަށް އިތުބާރުކުރެވި ޖަވާބެއް ލިބޭނެ ކަމަކަށް ނުފެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް