ބޯޑާ މައިލްސްގެ އެންމެ ފުރަތަމަ 'އަބާރަނަ ޓިއާ' ކޯބިން އާއި އޭނާގެ ދަރިކަނބަލުންނަށް

މިއީ އެ 'ޓިއާ' ފަތުރުވެރިޔަކަށް ދެވުނު ފުރަތަމަ ފަހަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމުގައިވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިންއަށް މޯލްޑިވްސް ބޯޑާ މައިލްސްގެ އެންމެ ޝަރަފުވެރި 'އަބާރަނަ ޓިއާ' އަރުވައިފިއެވެ.

މިއީ އެ 'ޓިއާ' ފަތުރުވެރިޔަކަށް ދެވުނު ފުރަތަމަ ފަހަރެވެ. މިދެބޭފުޅުންނަށް އަބާރަނަ 'ޓިއާ' އަރުވާފައި ވަނީ އެބޭފުޅުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ބޭއްވި ހަފްލާއެއްގައި މިނިސްޓާ އޮފް ހެލްތް، އޮނަރަބަލް އަޙްމަދު ނަސީމެވެ.

މިނިސްޓަރު ނަސީމް އާއި ކޯބިން އެންމެ ފުރަތަމަ ފަހަރަށް ބައްދަލުވެފައި ވަނީ 1971 އަހަރު ސްރީލަންކާގެ އެންބަސީއިންނެވެ. އެއަށްފަހު އެދެބޭފުޅުން ވަނީ ދިވެހިރާއްޖެއައް ފަތުރުވެރިކަން ގެނައުމަށްޓަކައި އިސްދައުރެއް އަދާކުރައްވާފައެވެ.

ކޯބިން އާއި އޭނާގެ ދަރިކަނބަލުން ރާއްޖެ ވަޑައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖޭގެ ފަތުރުވެރި ކަމުގެ ފަންސާސް އަހަރު ފުރުމުގެ ރަންޔޫބިލް ފާހަގަ ކުރުމުގެގޮތުން ބާއްވަމުންދާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ. ކޯބިން ގެނައި ފަތުރުވެރިންގެ އެންމެ ފުރަތަމަ ގްރޫޕް ރާއްޖެ ގެނެސްފައިވަނީ 16 ފެބުރުވަރީ 1972 ގައެވެ. އެ ގްރޫޕްގައި ބޮޑަށް ހިމެނުނީ ނޫސްވެރިންނާއި ޑައިވަރުންނެވެ. ފަތުރުވެރިންގެ މި ގްރޫޕަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނި، ރާއްޖެއަކީ 'ދުނިޔެމަތީ ސުވަރުގެ' ގޮތުގައި ސިފަކޮށްފައިވެއެވެ.

މޯލްޑިވްސް ބޯޑާ މައިލްގެ އަބާރަނަ ޓިއާ އަކީ ޕްރޮގްރާމުގެ އެންމެ ޝަރަފުވެރި ޓިއާއެވެ. އެގޮތުން މި ޓިއާގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިލޭ ވީއައިޕީ ސާވިސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް ބޯޑާ މައިލްސްގެ ޕާޓްނާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ވެސް މި ޓިއާ ހާސިލްކުރާ މެމްބަރުންނަށް ޚާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ

ޖޯޖިއާ ކޯބިން ވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕައާއިއެކު ރާއްޖެ އައިސްފައެވެ. އެގޮތުން މިއީ ފަތުރުވެރިކަން ފެށުނުއިރު ރާއްޖެއައި އެންމެ ހަގު ފަތުރުވެރިޔާ ވެސްމެއެވެ.

comment ކޮމެންޓް