ޑްރަގް އޮޕަރޭޝަނެއްގެ މައްސަލައިގައި، ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރު ކުރަނީ

ސީޕީ މުހައްމަދު ހަމީދު --- ސަން ފައިލް ފޮޓޯ

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ މައްސަލައެއްގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފިއެވެ.

ސީޕީ ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފައިވަނީ މާދަމާ މެންދުރު ފަހު 02:00 އަށެވެ.

ނޫސްވެރިންނާއެކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި، ސީޕީ ވިދާޅުވީ ޕޮލިސް ބޯޑަށް ހާޒިރުވާން އަންގައިފައިވަނީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގޯސްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.

"އެއީ ދާދި ފަހަކުން މާލެ ސަރަހައްދުގަޔާއި މިތާ ކައިރި އަތޮޅެއްގަ ހިނގައިދިޔަ އޮޕަރޭޝަނެއްގައި، ފުލުހަކު ހިންގި އިޖުރާއަތެއް، ގޯސްކޮށް ހިންގީ ނުރަނގަޅު ނިޔަތެއްގައި ކަމަށް އަޅުގަނޑުމެންގެ ދައުލަތުގެ ތެރެއިން ބައެއް މުވައްސަސާތަކަށް ގަބޫލުކުރެވިގެން،" ސީޕީ ވިދާޅުވިއެވެ.

މި މައްސަލަ ބޯޑުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ސީޕީ އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކާއި ޝަރީއަތުގެ މަރުހަލާތަކުގައި ވެސް ހެދޭ ގޯސްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މިފަދަ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކޮންމެ މީހަކު ދޫވަނީ ފުލުހުންގެ އިހުމާލުން ނޫން ކަން ސީޕީ ފާހަގަކުރެއްވިއެވެ.

"ގޯހެއް ހިނގައިގެން، ގިނަ ބަޔަކަށް ގަބޫލުކުރެވެނީ، ބަޔަކު ދޫވުން، ބަޔަކު މިނިވަންވުން، ބަޔަކު ޖަލުގަ ނުތިބެވޭނެ ގޮތް ވުން އެއީކީ، ހުރިހާ ފަހަރެއްގައި ފުލުހުންގެ ތަހުގީގު ކުރާ ފަރާތެއް ނުވަތަ ފުލުހުންގެ މުވައްސަސާއިން ހަދާ ގޯހެއްގެ މައްޗަށް ހިނގާ ކަންތައްތަކެއް ނޫން،" ސީޕީ ވިދާޅުވިއެވެ.

މިފަދަ ކަންކަމުން ހާމަވެގެން ދަނީ ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ގޯސްކޮށް ހިނގައިފައިވާ ކަންކަމަށް ބެލެވޭ ކަންކަމާ ގުޅިގެން މިއަދު ޖަވާބުދާރީކުރެވޭނެ މަގުތައް ކޮށިފައިވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތައް ބަލާނީ ޕޮލިސް ބޯޑުންނެވެ.

comment ކޮމެންޓް