ރިންގު ރޯޑުގައި ނުރައްކާތެރި ވަޅުގަނޑެއް، ދުވަސް ތަކަކަށްފަހު މަރާމާތު ފަށައިފި!

ރިންގް ރޯޑުގައި ހެދިފައިހުރި ވަޅުގަނޑު -- ސަން ފޮޓޯ

ކާނިވާސަރަހައްދު، ހ. ގާދޫ ބިލްޑިންގުގެ ކުރިމައްޗަށްވާ ގޮތަށް ރިންގު ރޯޑުގައި ފުން، އަދި އެހާމެ ނުރައްކާތެރި ވަޅުގަނޑެއް ހެދިފައި ހުންނަތާ ދުވަސް ތަކަކަށްފަހު، އެތަން މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

އެ ހިސާބުގަނޑުގެ ވިޔަފާރިވެރިޔަކު ނަން ނުލިޔުމަށް ޝަރުތުކޮށް "ސަން"އަށް ބުނި ގޮތުގައި އެ ވަޅުގަނޑު ހެދިފައި އޮންނަތާ ހަފްތާއެއްވަރު، ވެދާނެއެވެ. އަދި ބުނީ ކަމާބެހޭ ފަރާތްތަކަށް އެކި ދުވަސްމަތިން އެކަން އެންގި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އަމަލީ އިޖާބައެއް ލިބިފައިވާ ނުވާ ކަމަށެވެ.

ރިންގް ރޯޑުގައި ހެދިފައިހުރި، ވަޅުގަނޑު، މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވަނީ --

އެ މައުލޫމާތު ލިބުމުން ވަޅުގަނޑު ހެދިފައިވާ ސަރަހައްދަށް "ސަން"ގެ ނޫސްވެރީން ގޮސް، ބެލި ބެލުމުން ފެނުނީ ވަރަށް ބިރުވެރި މަންޒަރެކެވެ.

މަގުމަތީގައި އަޅާފައިވާ ތާރުގަނޑުން ބޮޑު ބައެއް ނެއްޓި، އެ ސަރަހައްދުން ދުއްވާ މީހުންނާއި ފައިމަގުގައި އުޅޭ މީހުންގެ ހައްޓަށް ނުރައްކާވާ ގޮތަށް ހެދިފައިހުރި ފުން ވަޅުގަނޑެކެވެ.

އެ ވަޅުގަނޑުގެ ފުން މިނުގައި ގާތްގަނޑަކަށް ތިން ފޫޓް، ފުޅާ މިނުގައި ދެ ފޫޓް ހުންނާނެ ކަމަށް ބެލެވެއެވެ.

އެ ސަރަހައްދަކީ ހާއްސަކޮށް، ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު އެއްވެ އުޅޭ ސަރަހައްދެކެވެ. ހަވީރު ފިންޏަށް ބުރުޖަހަންދާ މީހުންނާއި އާއިލާއެކު ހިނގާލަން ނުކުންނަ ކުޑަކުދިން ވެސް ގިނަ ސަރަހައްދެއް މެއެވެ.

ރިންގް ރޯޑުގައި ހެދިފައިހުރި ވަޅުގަނޑު ކައިރިން މީހުން ހިނގަނީ -- ފޮޓޯ/ ސަން

މީހުންނާއި ދުއްވާ އެއްޗެހިން ފުރި ބާރުވެފައި މާލޭ ސިޓީގައި އެންމެ ގިނަ މީހުން އެއްވަގުތަކު، ޖަމާވާ ސަރަހެއްދުގައި އެފަދަ ފުން ވަޅުގަނޑެއް ހެދިފައި ހުރުމުން ވަޅުގަނޑާ ކައިރިން ރެސްޓޯރެންޓް ހިންގާ ބައެއް މީހުން ޝަކުވާ ކުރިއެވެ.

ނަން ނުލިޔުމަށް ޝަރުތުކޮށް، އެތަނުން ރެސްޓޯރެންޓެއްގެ ސޭޓަކު "ސަން"އަށް ބުނީ އެ ވަޅުގަނޑު ތެރެއަށް މިދިޔަ ހުކުރު ދުވަހު ހަވީރުގެ ވަގުތުގައި ކުޑަކުއްޖަކު ވެއްޓުމުން ނެގި މަންޒަރު ފެނުނު ކަމަށެވެ.

"ގާތްގަނޑަކަށް ހަ އަހަރުގެ ކުއްޖަކު އެ ވަޅުގަނޑަށް ވެއްޓިގެން ނަގަނިކޮށް އަޅުގަނޑަށް ފެނުނު. ވެއްޓުނުއިރު އެ ކުއްޖާ ދިޔައީ މަންމަގެ އަތުގައި ވެސް ހިފައިގެން. ނެގިއިރު ކުއްޖާގެ ކަށިމަތި މަށައިގެން ގޮސް، ކޮންމެވެސް ވަރަކަށް ލޭ ވެސް ފެނުނު" އޭނާ ކިޔައިދިނެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ރިންގު ރޯޑުގައި ފުން ވަޅުގަނޑެއް ހެދިފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ ވަޅުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ލަސްވި ސަބަބެއް އޮފިޝަން ވިދާޅެއް ނުވެއެވެ.

ހަމައެކަނި ވިދާޅުވީ ކައުންސިލްގެ ސަމާލު ކަމަށް އެ މައްސަލަ އައުމާއެކު، އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިއަދުން ފަށައިގެން ކުރަމުން ކަމަށެވެ.

"އެތަން ހުރީ ފެން ހެދިގެން ބިމުގެ އަޑިން ވެލިގަނޑު ދަމާ ގަނެފައި. އެހެންވެގެން މަތީން ތާރުގަނޑު ކައިޑައިގެން ގޮސް ވެއްޓުނީ. ކައުންސިލްގެ ފަރާތުން މިއަދު ހެނދުނުން ފަށައިގެން އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ،" އޮފިޝަލް ވިދާޅުވިއެވެ.

މާލޭ ސިޓީގެ ބައެއް މަގުތަކާއި ގޯޅިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އޭގެ ތެރޭގައި މަގުތަކުގެ ގާތައް އެއްވަރު ނުވުމުން އަޑިގުޑަންތައް ގިނަވެ، ކާނުފަދަ ތަންތަން ވެސް އެކަށީގެންވާ ގޮތެއްގައި ސާފު ނުކުރެވުމުގެ ސަބަބަން މަގުމަތަކުގައި ފެންބޮޑުވުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް