ކުށްކުރާ މީހުން ނިސްބަތުން ގިނަ، އެކަން ބަދަލުކުރަން ތިބީ އެމްސީއެސްގެ މުވައްޒަފުން: އިމްރާން

ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ -- ފޮޓޯ/ ކަރެކްޝަން

ރާއްޖޭގައި ކުށްކުރާ މީހުންގެ އަދަދު ނިސްބަތުން ގިނަ ކަމާއި އެކަން ބަދަލު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހީވާގި މުވައްޒަފުން ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުން ތަރައްގީ ކުރުމުގެ ގޮތުން އެމްސީއެސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ ތިން ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓަކީ ރާއްޖެއަށް އެންމެ މުހިންމު، އެހާމެ ބޭނުންތެރި ދާއިރާއެއް ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް ކުށްކުށަށް އަރައިގަންނަ މީހުންނަކީ ބޭނުންތެރި ބަޔަކަށް ހަދައި އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ޓަކައި ވެސް އެމްސީއެސްގެ މުވައްޒަފުން، އިލްމު އުނގެނި ދަސްކުރާންޖެހޭ ކަމަށެވެ.

"ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަ. އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް. އެކަން ކުރުމަށް ތިބީ އެމްސީއެސްގެ އެންމެ މަތިން ފަށައިގެން މަސައްކަތްކުރާ މުވައްޒަފުން،" އިމްރާން ވިދާޅުވިއެވެ.

އިލްމުގެ މުހިންމު ކަމަށް އަލި އަޅުއްވާލައްވަމުން އިމްރާން ވިދާޅުވީ އިލްމު އުނގެނުމުގެ ސަބަބުން ކާމިޔާބީއާއި ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ ކޯހުގެ ކުރީގެ ދެ ބެޗާ އަޅައި ބަލާއިރު މިފަހަރުގެ ބެޗްގެ ދަސްވެނިން ބޮޑުތަނުން އިތުރުވިކަން ފާހަގަކުރައްވައި، އިމްރާން ވަނީ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރާ ނިސްބަތް 80 ޕަސެންޓުން މަތި ކުރުމަށް ޓަކައި މަސައްކަތްކުރުމަށް ހިތްވަރުދެއްވާފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ ޖެނުއަރީ 10، 2012ގައެވެ.

މި ކޯހުގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާއިރު، ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ.

"ކަރެކްޝަނަލް މެނޭޖްމަންޓް" އިން ޑިޕްލޮމާ ހާސިލް ކުރި ބައިވެރީންނާއެކު ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އާއި ކަރެކްޝަންސްގެ އިސް ވެރިން ---- ފޮޓޯ/ ކަރެކްޝަން

ކަރެކްޝަނުން ބުނީ އެކިއެކި ސަބަބުތަކާހުރެ، ހަ ދަރިވަރަކު އެ ކޯހުން ވަކިވީ ކަމަށެވެ.

އިތުރަށް ކަރެކްޝަނުން ބުނީ އެ ކޯހުގެ މައިގަނޑު މަގްސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމުގެ އިތުރުން މެނޭޖްމަންޓް ފެންވަރުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ. މިއީ ރާއްޖޭގައި ހިންގާ މިޒާތުގެ ފުރަތަމަ ކޯހެވެ.

comment ކޮމެންޓް