މަޑިވަރު ޓިކެޓު އަގުހެޔޮކުރުމުގެ މަސައްކަތް ކުރާނަން: ރައީސް

ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ މަޑިވަރަށް ކުރާ ދަތުރުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ އަޑު އިވިފައިކަމަށެވެ. އެގޮތުން މާލެއިން މަޑިވަރަށް ދަތުރުކުރަން 1،029 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު، އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް މިތާހުރެފަ ވަކި ގޮތެއް އޭގައި ތި ބޭފުޅުންނާ ހިއްސާކޮށްލަން ދަތިވި ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަދައްކާ އެކަމަށް ރަނގަޅު ހައްލެއް ލަސްތަކެއް ނުވެ ގެނައުމުގެ މަސައްކަތް ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ރާއްޖޭގެ 14 ރަަށެއްގައި 1،575 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.

ނައިފަރު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންވެސްޓްމެންޓެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފެލިވަރުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދަނީ މިފްކޯ އެކްސްޕޭންޑް ކޮށް މިތާ ކައިރީމިއޮތް ފެލިވަރަށް މަސް ގަނެ ސްޓޯ ކޮށް އަދި ދަޅުގައި ބަންދުކުރެވޭނެ ވަސީލަތްތައް ބޮޑަށް އިތުރުކުރަމުން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ ނައިފަރުގެ މަސްވެރިންނަށް މި ކުރިމަތި ވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެކަމަށް. އައިސް ލިބުމުގެ ދަތިކަން ހިއްސާކުރެއްވި އިރުގައި ފެލިވަރުގައި އައިސް އިތުރަށް ލިބޭނެގޮތް އަޅުގަނޑުމެން ހަދަމުން އެބަ ދަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިފަރު އުތުރު ނެރު ފުންކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމުމުން ބައެއް ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން އެކި އެކި ޚިދުމަތްތައް ދިނުމެވެ. އެގޮތުން ޅ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ޑޮކްޓަރުން ނެތް ދާއިރާތަކަށް ވަރަށް އަވަހަށް ޑޮކްޓަރުން ގެނެވޭނެކަމުގެ ޔަގީންކަން އެ ޖަލްސާގައި ރައީސް ވަނީ ނައިފަރު ރައްޔިތުންނަށް އަރުވާފައެވެ. އަދި ޅ. އަތޮޅު ހޮސްޕިޓަލުން ޑައިލަސިސްގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް