ސާޖަންޓް އަރީޝްއަށް ސީޕީގެ ތައުރީފު، ވިދާޅުވީ ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމަށް

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު ހުއްޓުވަން މަސައްކަތްކުރި ފުލުހަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ތައުރީފުކުރައްވައިފިއެވެ.

މިލަދޫގައި މަސްތުވާތަކެތި ވިއްކަން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް ބިރު ދައްކައި، ރޭ އޭނާގެ ސައިކަލުގައި ވަނީ ރޯކޮށްލާފައެވެ.

އެ ހާދިސާއަށް ފަހު، ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލަދޫ ޕޮލިސް ޑެސްކް އިންޗާޖު، ސާޖަންޓް މުހައްމަދު އަރީޝްއާ ވާހަކަދެއްކެވި ކަމަށެވެ.

"މިލަދޫގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި [ސާޖަންޓް އަރީޝް] ކުރައްވާ ހިތްވަރުގަދަ އަދި އިޚުލާސްތެރި މަސައްކަތާ މެދު ވަރަށް ފަހުރުވެރިވަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ މައި އޮފީހުން ސީނިއާ އިންވެސްޓިގޭޓަރަކު އެ ރަށަށް ފޮނުވާނެ ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ރަަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ކުރިއަށްގެންދާނަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއް ކަމަށެވެ.

އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ގެއެއްގެ ތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެކެވެ. އެއަށްފަހު މޫނު ނިވާ ކޮށްގެންހުރި މީހަކު ބޭރުން އައިސް އެގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު އެތަނުގައި ހުރި ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅައި މަންޒަރު ފެނެއެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް