ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދެވޭނެ އުސޫލު ހަދައިފި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ރޯހައުސް ތަކާއި ފުލެޓު ފަދަ ތަންތަން އެއްކޮށް ކުއްޔަށް ނުދެވޭ ގޮތަށް ހަދައި، އުސޫލެއް އެކުލަވާލައިފިއެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި މި އުސޫލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އެއަށް އަމަލު ކުރަން ފަށާފައެވެ.

މި އުސޫލުގެ ދަށުން، ރޯހައުސް ނުވަތަ ފްލެޓްގެ ބައެއް ކުއްޔަށް ދެވިދާނެއެވެ.

އެފަދަ ތަންތަން ކުއްޔަށް ދެވޭނީ، މަޝްރޫއު ހިންގި އިދާރާއަކުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން، އެ އިދާރާއެއްގެ ހުއްދައާއެކު ކަމަށް އުސޫލުގައިވެއެވެ.

މި ގަވާއިދުގެ ދަށުން، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ތަނެއް ކުއްޔަށް ދެވޭނީ، ގިނަވެގެން ފަސް އަހަރަށެވެ.

"ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި، ފުލެޓުތަކާއި، ގޯތި ފަދަ ތަންތަން ކުއްޔަށް ދިނުމަށް އެދެވޭނީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށް،" އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ތަނެއް ނުވަތަ ތަނަކުން ބައެއް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދޭއިރު، ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު، ބޯހިޔާވަހިކަމެއްގެ ކަންކަން ހިންގި އިދާރާއަކުން ކުއްޔަަށް ދިނުމަށް އިއުތިރާޒު ނުކުރާ ކަމަށް ބަޔާންކޮށް ދީފައިވާ ލިޔުން ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް