ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ މިލަދޫގައި ޑްރަގް ވިއްކަން އުޅުނު މީހަކު ހުއްޓުވި ފުލުސް މީހާއަށް އެންމެ ފުރަތަމަ ދިނީ ބިރުދެއްކުމުގެ ގޮތުން އިންޒާރެއް ކަމަށެވެ.
އެއަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި އެމީހާ އައިސް އެ ފުލުހުސް މީހާގެ ސައިކަލްގައި އަލިފާން ރޯކޮށްލީ ކަމަށެވެ.
އެ ސައިކަލް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިޔަށް ވެފައެވެ.

ނ. މިލަދޫ: އަލިފާން ރޯކޮށްލި ސައިކަލް އަނދާ އަޅިއަށް ވެފައި --
ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ގެއެއްގެ ތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެކެވެ. އެއަށްފަހު މޫނު ނިވާ ކޮށްގެންހުރި މީހަކު ބޭރުން އައިސް އެގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު އެތަނުގައި ހުރި ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅައި މަންޒަރު ފެނެއެވެ.
އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.
އެ މައްސަލައާ ގުޅުވައިގެން އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ވެސް އެކަން ކަށަވަރުކޮށްދިނެވެ.
މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރެވި އޮތަސް، މައްސަލައާ ގުޅޭ ތަހުގީގު ފަށައިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.