ހަމާސް އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ލިސްޓުކޮށްފި

އޮސްޓްރޭލިއާގެ ހޯމް އެފެއާސް މިނިސްޓަރު ކޭރެން އެންޑްރޫސް

ހަމާސް އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ލިސްޓުކުރަން އޮސްޓްރޭލިއާއިން ނިންމައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ލިސްޓުކުރާނެކަން އެ ގައުމުގެ ހޯމް އެފެއާސް މިނިސްޓަރު ކޭރެން އެންޑްރޫސް ވަނީ އިއުލާންކުރައްވާފައެވެ.

ކޭރެން އެންޑްރޫސް ވިދާޅުވީ، ނިރުބަވެރި ފިކުރަކަށް އޮސްޓްރޭލިއާގައި ޖާގައެއް ނެތް ކަމަށެވެ.

"ޓެރަރިސްޓުންނާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތައް ޓެރަރިސްޓުންނަށާއި، ޓެރަރިސްޓު ޢަމަލުތަކަށް އަދި ޓެރަރިސްޓު ޖަމާޢަތްތަކުގެ މައްޗަށް ތަންފީޒުކުރެވެން ޖެހޭ" އޭނާ ވިދާޅުވިއެވެ.

ފަލަސްޠީން ނޭޝަނަލް އޮތޯރިޓީގެ ޕާލިމެންޓުގައި ހަމާސްގެ މެޖޯރިޓީއެއް އޮވެއެވެ.

އިޒްރޭލުން ވަނީ 2007 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގައި ބްލޮކޭޑެއް ދަމަހައްޓާފައެވެ.

އޮސްޓްރޭލިއާގެ މި ނިންމުމާއެކު ހަމާސްއަށް ފައިސާގެ އެހީ ނުވަތަ އެހެން ގޮތަކަށްވެސް އެހީ ފޯރުކޮށްދޭ ފަރާތަކަށް 25 އަހަރުގެ ޖަލުހުކުމެއް އަތުވެދާނެއެވެ.

އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަނީ ހަމާސް އިން ވެރިކަންކުރާ ޣައްޒާގެ ރައްޔިތުންނަށެވެ.

comment ކޮމެންޓް