ގެވެށި އަނިޔާގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައީ އަންހެނުންނަށް ކުރި ނަފްސާނީ އަނިޔާ

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގެވެށި އަނިޔާގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައީ އަންހެނުންނަށް ކުރި ނަފްސާނީ އަނިޔާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮޓޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ގިނައިން ރިޕޯޓު ކުރި ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ އަންހެނުންނަށް ދީފައިވާ ނަފްސާނީ އަނިޔާއާއި ބަހުގެ ހަމަލާއެވެ. އެކަމުގެ 288 މައްސަލަ މިދިޔަ އަހަރު ވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައެވެ.

އަށާރަ އަހަރުން މަތީގެ އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާގެ 247 މައްސަލައެއް އެ އޮތޯރިޓީއަށް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، 18 އަހަރުން މަތީގެ އަންހެނުންނަށް ބިރު ދެއްކުމުގެ 229 މައްސަލައަކާއި ކުޑަކުއްޖެއްގެ ކުރިމަތީގައި ގެވެށި އަނިޔާގެ އަމަލެއް ހިންގުން ނުވަތަ ދެއްކުމުގެ 78 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 18 އަހަރު ނުފުރޭ އަންހެން ކުދިންނަށް ކުރާ ނަފްސާނީ އަނިޔާއާއި ބިރުދެއްކުމުގެ 100 މައްސަލައާއި ޖިސްމާނީ އަނިޔާގެ 69 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ހަމައެއާއެކު އެ ކުދިންނަށް ބިރުދެއްކުމުގެ 33 މައްސަލައަކާއި، ކުޑަކުއްޖެއްގެ ކުރިމަތީގައި ގެވެށި އަނިޔާއެއް ކުރުން ނުވަތަ ދެއްކުމުގެ 139 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް ކުރާ ނަފްސާނީ އަނިޔާއާއި ބަހުގެ ހަމަލާގެ 56 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 41 މައްސަލައެއްގެ އިތުރުން ބިރުދެއްކުމުގެ 14 މައްސަލައަކާއި ކުޑަކުއްޖެއްގެ ކުރިމަތީގައި ގެވެށި އަނިޔާއެއް ކުރުން ނުވަތަ ދެއްކުމުގެ 61 މައްސަލައެއް ހުށަހަޅާފައި ވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަށާރަ އަހަރުން މަތީގެ ފިިރިހެނުންނަށް ކުރާ އަނިޔާއަށް ބަލާއިރު، ނަފްސާނީ އަނިޔާއާއި ބަހުގެ ހަމަލާގެ 47 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 32 މައްސަލައެއްގެ އިތުރުން ބިރުދެއްކުމުގެ 40 މައްސަލައެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް