އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ހުއްޓާލުމަށް ތިމާވެއްޓާބެހޭ ޖަމްއިއްޔާތަކުން ގޮވާލައިފި

އައްޑޫ ސިޓީގެ ވިލިނގިލި: ބިން ހިއްކުމަށް ވެލިނެގުމުން އެ ސަރަހައްދު ކިލަނބުވެ އެ ސަރަހައްދުގެ ދިރުންތައް ނެތިގެން ދާނެކަމަށް ޖަމްއިއްޔާތަކުން ނެރުނު ބަޔާނުގައިވޭ-- ފޮޓޯ/ ޝަންގްރިލާ

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް ހަ ޖަމްއިއްޔާއަކުން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި މޯލްޑިވްސް ރިޒިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސްއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ ގާނޫނު އަސާސީގައިވާ ތިމާވެށި ހިމާޔަތްކުރުމުގެ މާއްދާއާ ޚިލާފަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއްކަމަށެވެ.

އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ އައްޑޫއަށް އަގު ނުކުރެވޭނެ އެތައް ގެއްލުމެއް ލިބޭނެކަން ވެސް އެ ބަޔާނުގައިވެއެވެ.

އެގޮތުން ބިން ހިއްކުމަށް ވެލިނެގުމުން އެ ސަރަހައްދު ކިލަނބުވެ އެ ސަރަހައްދުގެ ދިރުންތައް ނެތިގެން ދާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އައްޑޫކައިރީ ހިމާޔަތްކޮށް ބައޮސްފިޔާ ރިޒާވްގެ ލަގަބު ދީފައިވާ ސަރަހައްދަށް ވެސް މި މަޝްރޫއިން ނޭދެވޭ އަސަރު ފޯރާނެކަމަށް އެ ބަޔާނުގައިވެއެވެ.

"ނަމަވެސް މިކަމަށް އެއްވެސް ބެލުމެއްނެތި މި މަޝްރޫއު ހިންގައިފިނަމަ މި ރިޒާވް ހަލާކުވެ ފަނާވެގެންދާނެކަމީ ސާފުކޮށް ދޭހަވާން އޮތްކަމެކެވެ. މި މަޝްރޫއަށް ވެލިނަގާ ސަރަހައްދުތަކާއި ކައިރީގައި ހުރި ހިމާޔަތްކޮށްފައިވާ ސަރަހައްދުުތައް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަ ކަނޑު ފަދަ ސަރަހައްދުތަކަށްވެސް އެތައް ގެއްލުމެއް ކުރިމަތިވާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވެލިނަގާ އެ ސަރަހައްދުގައި އުފެދޭ ކިލަނބުގަނޑު ނުފިލާ ގިނަ ދުވަސްވުމަކީ މަންޓާ ޕޮއިންޓުން މަންޓާ މަދުވެ، ކުޑަކަނޑު ސަރަހައްދުން ފެންނަ ކޯމަހާއި ވެލާ، މަޑި އަދި އެހެނިހެން މަހުގެ ބާވަތްތަކަށާއި ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

ކަނޑުގެ އެ ސަރަހައްދު ހަލާކުކޮށް އިތުރު ރިސޯޓު ތަރައްގީކުރުމުން އައްޑޫ ރައްޔިތުންނަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް އެކަމުން އެއްވެސް މަންފާއެއް ނުކުރާނެކަމަށް އެ ބަޔާނުގައިވެއެވެ.

ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއަކަށް ހަދަންޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް