ދިވެހީން ތިބީ ޔޫކްރެއިންގައި ހަނގުރާމަ ފަށައިފިނަމަ އެންމެ ނުރައްކާ ސަރަހައްދުގައި

ޔޫކްރެއިން ބޯޑަރުގައި ތިބި ރަޝިއާގެ ހަނގުރާމަވެރިން --

ޔޫކްރެއިންގައި ދިވެހި ދަރިވަރުން ތިބީ ހަނގުރާމަ ފަށައިފިނަމަ ފުރަތަމަ ވެސް އެންމެ ނުރައްކާވާނެ ހިސާބުގައި ކަމަށް އެ ތަނުގައި ތިބި ދަރިވަރުން މިއަދު ބުނެފިއެވެ.

އެ ގައުމުގެ، ޚަރްވިކްގައި އުޅޭ ދިވެހި ދަރިވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން އެ ތިބީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ސިޓީގައި ކަމަށެވެ. އަދި ކޮންމެ ހަމަލާއަކުން ވެސް އެ މީހުންނަށް އަސަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ދަރިވަރުން ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ސަރުކާރު އިދާރާތައް ނޫން އެހެން ބައެއް ފަރާތްތަކުން އެ ދަރިވަރުންނާ ކޮންޓެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނާ އެންމެ ކައިރީގައި ހުރި އެމްބަސީގެ ނަންބަރު ވެސް ހޯދަން ޖެހުނީ އެ ދަރިވަރުން އަމިއްލައަށް ކަމުގައި އެ ބަޔާނުގައިވެއެވެ. އެތަނާ އެންމެ ކައިރީގައި ހުންނަ އެމްބަސީއަކީ ޖަރުމަނުގެ ބާލިންގައި ހުންނަ އެމްބަސީއެވެ.

އެ އެމްބަސީގެ ލަފާގެ ދަށުން، އެމްބަސީއާއެކު އެ ދަރިވަރުން ގުރޫޕެއް ހެދިއެވެ. އެއީ އެމަޖެންސީ ހާލަތެއް ދިމާވެގެން ގުޅޭނެ ގޮތެއް ނުވެދާނެތީއެވެ.

އެހެން ނަމަވެސް އެ ގުރޫޕުގައި އެއްވެސް މީހަކު އެ ދަރިވަރުންނާ ވާހަކަ ނުދައްކާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ގުރޫޕު ހެދިތާ ތިން ދުވަސް ވީ ފަހުން އެ ދަރިވަރުން ޔޫކްރެއިންގެ ހާލަތާ ގުޅޭ ޚަބަރުތައް ގުރޫޕަށް ލުމުން، އެ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެއަށްފަހު ހުރިހާ ދަރިވަރުންގެ އެމަޖެންސީ ކޮންޓެކްޓުތައް ފުރަން ގޫގުލް ފޯމެއް އެމްބަސީން ފޮނުވިކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ގޫގުލް ފޯމު ފޮނުވިފަހުން އެމްބަސީގެ ހަބަރެއް ނުވާކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުންނާ އެއްވެސް ބަޔަކު ކޮންޓެކްޓެއް ނުކުރޭ، އަޅުގަނޑުމެންނަށް ދަތިތަކާ ކުރިމަތިވޭތޯ އެއްވެސް ބަޔަކު ސުވާލެއް ނުކުރޭ. އަޅުގަނޑުމެންގެ ޔުނިވާސިޓީގެ ނިންމުންތަކެއް އެކަކު ވެސް ނާހާ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

"ޓިކެޓުގެ އަގުތައް 24 ގަޑިއިރަށްވުރެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި 2500 ޑޮލަރަށް އުފުލިގެން ގޮސްފައިވާތީ، އަޅުގަނޑުމެން އަމިއްލައަށް ފުރައިގެން ދިޔުމުގެ ފުރުސަތު ވެސް އޮތްތޯ އެއްވެސް މީހަކު އަޅުގަނޑުމެންނާ ސުވާލެއް ނުކުރޭ،" އެ ބަޔާނުގައި އިތުރަށް ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ދަރިވަރުންނަށް އެންމެ ހައިރާންކަން ލިބުނީ މި ހާލަތުގައި އެމްބަސީން އަމަލުކުރި ގޮތާ މެދު ދޮގު ބަޔާންތައް ދެމުންދާތީ ކަމަށެވެ. އަދި ޔޫކްރެެއިންގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގެ ވާހަކަ އެ ބަޔާނުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން، ޔޫކްރެއިނުން ބޭރުވާން ސަރުކާރުގެ ފަހަތުން ދުވަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޔޫކްރެއިނުގައި ތިބީ ރާއްޖޭގެ މަދު އަދަދެއްގެ ދަރިވަރުންތަކެއްކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައިވަނީ ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުން ތިބި ގައުމުތަކުން ވެސް އެ ދަރިވަރުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓިކެޓްގެ އަގު އުފުލުމުގެ ކުރިން އެކަހެރިވުމުގެ ރަސްމީ ނޯޓިހެއް ދިނުމަށް އެދުނު ކަމަށާއި އޭރު އަމިއްލައަށް ޓިކެޓް ނަގައިގެން ވެސް ރާއްޖެއަށް ދާން ތައްޔާރަށް ތިބިކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް މިހާރު ޓިކެޓުގެ އަގު ބޮޑުވެފައިވާތީ އަމިއްލައަށް ގައުމަށް އާދެވޭނެ ގޮތެއް ނެތް ކަމުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ 2014ވަނަ އަހަރު ހަނގުރާމަ ފެށުމުން، އޭގެ ފަހުން އެކަމަށް ތައްޔާރުވެގެން ތިބޭނެ ކަމަށް އެ ދަރިވަރުން ހީކުރި ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ އެހީއަށް އެދި އެ ދަރިވަރުންގެ ބެލެނިވެރިން އެތަނަށް ގޮސް އާދޭސް ކުރި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މި ކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ވަރަށް ގާތުން ޔޫކްރެއިނާއި ރަޝިއާގައި ހިނގަމުން އަންނަ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއާއި ޔޫކްރެއިންގައި ތިބި ދަރިވަރުންނާ ވާހަކަ ދެއްކޭކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ބާލިންގައި ހުންނަ ދިވެހި އެމްބަސީން އެ ކުދިންނާ ވާހަކަ ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވެސް އެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް ހާލަތު އޮޅުންފިލުވައިދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ހުރިހާ ދަރިވަރުންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެ ދަރިވަރުން ތިބި ސިޓީތަކުގެ ހާލަތު ވެސް ރަނގަޅު ކަމުގައި މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް