އޮޅުން ބޮޑު ދެ އަކުރު

ފަތްތޫރަތަކެއް--

އިންސާނުން މޮށެއުޅޭ ކޮންމެ ބަހެއް ވެސް ބިނާވެފައިވަނީ، ގަވާއިދާއި ހަމައޭ މި ކިޔާ ބިންގަލުގެ މަތީގައެވެ. އެ ބިންގާ ހަރުދަނާކުރުމަށް ޓަކައި، އެ ބަހެއްގެ އަހުލުވެރިން މަސައްކަތްކުރާން ޖެހޭނެއެވެ. އެހެންނޫންނަމަ އެ ބަހެއް ބަލިކަށިވެ ރޫޅި ދާނެއެވެ. އެއްވެސް ހާލެއްގައި ގަވާއިދާއި ހަމަ އޮތުމަކީ، ބަހުގެ ހަރުކަށިކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ބަހުގެ ހަރުދަނާކަމެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވާފައި، ހަމައެއް ގަވާއިދެއް އުސޫލެއް ނެތި، އުޅޭނޭ ގޮތަކަށް އުޅޭން ދޫކޮށްލާފައި އޮތް ނަމަ، ދުނިޔެ ވާނީ ކޮން ފަދަ ނުރައްކާތެރި ބިރުވެރި ތަނަކަށްތޯއެވެ.

ދިވެހިބަހަކީ ވެސް ހަމަތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައި އޮތް ބަހެކެވެ. މި ދެންނެވި ހަމަތަކާއި ޤަވާއިދުތައް އެކުލަވާލައިފައި ވަނީ، ބަހަށް ލޯބިކުރާ، މި ބަހުގެ އަހުލުވެރިންނެވެ. މި ހަމަތަކާއި ގަވާއިދުތައް އެނގިފައި އޮތުމަކީ، ދިވެހިބަހުން މުޢާމަލާތުކުރާ، ލިޔެކިޔާ ކޮންމެ ފަރުދެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ. އަދި ގަވާއިދާއި ހަމައާ އެއްގޮތަށް ބަސް ބޭނުންކުރުމަކީ ވެސް ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ ބައެއް ދިވެހިން މި ކަންކަމާ މެދު ވިސްނާންވާ މިންވަރަށް ނުވިސްނައި ބަސް ބޭނުންކުރަމުން ގެންދިޔުމެވެ. ބުނާ އެއްޗެއް، ނުވަތަ ލިޔެފައި އޮންނަ އެއްޗެއް، އަނެކާއަށް ދޭހަވުމުން ފުދުނީކަމަށް ގަބޫލުކުރުމެވެ.

މި ލިޔުމުގައި ބަލައިލާން މި އުޅެނީ، މިހާރަކަށް އައިސް ވަރަށް ބޮޑަށް އޮޅުންއަރަމުން އަންނަ ދެ އަކުރެއްގެ މައްޗަށެވެ. މި ދެ އަކުރަކީ ވެސް ދިވެހިބަހުގައި ހަމައަކަށް ފައްތާފައި އޮތް ދެ އަކުރެވެ. މި ފަދަ އަކުރުތަކަށް ވެސް ހަމަ އުފައްދާފައި އޮތްކަމީ، ބަހަށް ލިބޭ ތަނަވަސްކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އެ ދެ އަކުރަކީ "އާ" އާއި "އާއި" އެވެ. މިއީ ލިޔެކިޔުމުގައި ތަފާތު ދެ ހާލަތެއްގައި، ބޭނުންކުރަމުން އަންނަ ދެ އަކުރެވެ. އެހެންކަމުން މި ދެ އަކުރު ބޭނުންކުރެވޭ ހަމަތަކުގެ މައްޗަށް ނަޒަރެއް ހިނގައިލަމާތޯއެވެ.

"އާއި" މި އަކުރު ބޭނުންކުރާ ހަމައަކީ، އެއް ނަމަކަށް ވުރެ ގިނަ ނަން، ނުވަތަ އެއް ކަމަކަށްވުރެ ގިނަ ކަން، އެއް ޖުމުލައެއްގައި ވިދިވިދިގެން ލިސްޓެއްގެ ގޮތުގައި ލިޔާ އިރު، އެއިން ކޮންމެ ދެ ނަމެއްގެ ނުވަތަ ދެ ކަމެއްގެ ދެމެދުގައެވެ. މިސާލަކަށް ބަލައިލަމާތޯއެވެ. "މުޙައްމަދު އާއި ހަސަނު އާއި އަލީ އާއި ނަބީލު އާ އެކު ހައްވަ ވެސް އަތުވެއްޖެއެވެ."

މި ޖުމުލައިގައި ލިސްޓެއްގެ ގޮތުގައި ލިޔެފައި މި އޮތީ ހަތަރު ނަމެކެވެ. އެ ހަތަރު ނަން ލިޔެފައި އޮތް އިރު، ކޮންމެ ދެ ނަމެއްގެ ދެމެދުގައި ލިޔެފައި އެ އޮތީ "އާއި" އެވެ. އެއީ އެ ނަންތައް ގުޅުވުމަށް ޓަކައި ބޭނުންކޮށްފައި އޮތް އަކުރެކެވެ. އެހެންނަމަވެސް "ނަބީލު" މި ނަމުގެ ފަހަތަށް އައިސްފައި އޮތީ "އާ" އެވެ. ސަބަބަކީ "ނަބީލު"ގެ ފަހަތަށް އެހެން ނަމެއް އައިސްފައި ނެތީމައެވެ. "ނަބީލު"ގެ ފަހަތުގައި އޮތީ "އެކު" އެވެ. "އެކު" އެއީ އަކުރެކެވެ. އެހެންކަމުން އެ ތަނަށް "އާއި" ގެންނާކަށް ބަހުގެ ހަމަ، ހުއްދައެއް ނުކުރެއެވެ. އެހެންކަމުން އެ ޖުމުލަ ލިޔާނީ، "މުޙައްމަދާއި ހަސަނާއި އަލީއާއި ނަބީލާ އެކު ހައްވަ ވެސް އަތުވެއްޖެއެވެ." މި ގޮތަށެވެ.

އެހެން މިސާލަކަށް ބަލައިލަމާތޯއެވެ. "މޫސަ އައިސް ގެއަށް ވަނުން އާއި ކެއުން އާއި ދިޔުން އާ އޮތީ އެކުއެކީގައެވެ." މި މިސާލުގައި މި އޮތީ "ވަނުން" "ކެއުން" "ދިޔުން"އެވެ. އެއް ލިސްޓަކަށް އެއް ޖުމުލައެއްގައި ގެނެސްފައި އޮތް ތިން މަސްދަރެވެ. ނުވަތަ ކަން އުފެދުމުގެ އަސްލެވެ. މިއިން ކޮންމެ ދެ މަސްދަރެއްގެ ދެމެދަށް ވެސް ވަދެފައި އެ އޮތީ "އާއި" އެވެ. އެއީ އެ މަސްދަރުތައް ގުޅުވުމަށެވެ. އެހެންނަމަވެސް އެންމެ ފަހަތުގައި އޮތް "ދިޔުން" މި މަސްދަރުގެ ފަހަތުގައި އޮތީ "އާ" އެވެ. އެއީ އޭގެ ފަހަތަށް އެހެން މަސްދަރެއް އައިސްފައި ނުވާތީއެވެ. އެ މަސްދަރުގެ ފަހަތުގައި އޮތީ "އޮތީ" އެވެ. އެހެންކަމުން އެ ދެމެދެދަށް "އާއި" އެއް ނުގެނެވޭނެއެވެ. އެހެންކަމުން މި ޖުމުލަ ލިޔާނީ "މޫސަ އައިސް ގެއަށް ވަނުމާއި ކެއުމާއި ދިޔުމާ އޮތީ އެކުއެކީގައެވެ." މި ގޮތަށެވެ.

މި ދެ ޖުމުލައިން އެނގުނު ގޮތުގައި "އާއި" ބޭނުންކުރާނީ މި ގޮތަށް އެއް ޖުމުލައެއްގައި ވިދިވިދިގެން ލިސްޓެއް ގޮތަށް ނަން ނުވަތަ ކަން ލިޔާއިރު، ދެ ނަމުގެ ނުވަތަ ދެ ކަމުގެ ދެމެދުގައެވެ. ނަމެއްގެ ނުވަތަ ކަމެއްގެ ފަހަތަށް އެހެން ނަމެއް ނުވަތަ ކަމެއް ނާންނަ ނަމަ، އޮންނާނީ "އާ"އެވެ.

ދެން އޮތީ "އާ" މި އަކުރެވެ. މި އަކުރު ލިޔެވޭނެ ހަމަ، މިހާރު ވެސް ކޮންމެވެސް ވަރަކަށް މި ވަނީ އޮޅުން ފިލާފައެވެ. އާދޭހެވެ! ނަމެއް ނުވަތަ ކަމެއްގެ ފަހަތަށް އިތުރު ނަމެއް ނުވަތަ ކަމެއް ނާންނަ ނަމަ، "އާއި" ލިޔާކަށް ބަހުގެ ހަމަ ހުއްދައެއް ނުދެއެވެ. އެ ފަދަ ތަންތަނުގައި ލިޔަންވާނީ "އާ" އެވެ. މި ހަމައިގެ ބައެއް މިސާލުތަކަށް ބަލައިލަމާތޯއެވެ.

1. އިހުތިރާމް އާ އެކު ދަންނަވަމެވެ. (އިހުތިރާމާ އެކު ދަންނަވަމެވެ.)

2. ހަސަނު އާ ދެކޮޅަށް އުފުލާފައި އޮތް މައްސަލައެކެވެ. (ހަސަނާ ދެކޮޅަށް އުފުލާފައި އޮތް މައްސަލައެކެވެ.)

3. ފައިސަލް އާ ވާދައެއް ނުކުރެވޭނެއެވެ. (ފައިސަލާ ވާދައެއް ނުކުރެވޭނެއެވެ.)

މި ތަނުން ފުރަތަމަ މިސާލުގައި އޮތް ޖުމުލަ "އިހުތިރާމާއި އެކު...." މި ގޮތަކަށް ނުލިޔެވޭނެއެވެ. ސަބަބަކީ އެ ގޮތަކަށް ލިޔެފި ނަމަ އެ ގެނެވެނީ "އާއި" އެވެ. އެހެންނަމަވެސް "އިހުތިރާމް"ގެ ފަހަތަށް އެހެން ނަމެއް އެ ޖުމުލައިގައި އައިސްފައެއް ނެތެވެ. އޮތީ "އެކު" އެވެ. އެހެންކަމުން އެ ތަނުގައި އޮންނާންވާނީ "އާ" އެވެ. ހަމަ އެގޮތަށް ދެ ވަނަ ޖުމުލައިގައި ވެސް "ހަސަނާއި ދެކޮޅަށް..." މި ގޮތަކަށް ނުލިޔެވޭނެއެވެ. އެއީ "ހަސަނު"ގެ ފަހަތަށް އެހެން މީހެއްގެ ނަން އައިސްފައި ނުވާތީއެވެ. އަދި ތިން ވަނަ މިސާލުގައި ވެސް "ފައިސަލާއި ވާދައެއް..." މި ގޮތަށް ލިޔުން ރަނގަޅެއް ނޫނެވެ. އެއީ ފައިސަލްގެ ލިސްޓަށް އެހެން ނަމެއް އައިސްފައި ނުވާތީއެވެ.

މި ދެކެވުނު ވާހަކަތަކުގެ ކުރު ޚުލާސާއަކީ "އާއި" ލިޔާނީ ދެ ނަމެއް ނުވަތަ ދެ ކަމެއް ލިސްޓެއް ގޮތަށް، އެއް ޖުމުލައެއްގައި ވިދިވިދިގެން އަންނަ ހާލަތުގައެވެ. އާ" ލިޔާނީ ނަމެއްގެ ނުވަތަ ކަމެއްގެ ފަހަތަށް އެހެން ނަމެއް ނުވަތަ ކަމެއް ނާންނަ ނަމައެވެ. އެހެންކަމުން މި ހަމަ މި ގޮތުގައި ހިފެހެއްޓުމަށް ލިޔުންތެރިން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެމާތޯއެވެ.

comment ކޮމެންޓް