އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް ކުރިމަތިލައްވަނީ

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް: އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަވާފަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އަސްލަމް މިރޭ "ސަން"އަށް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ މެމްބަރަކީ އަސްލަމެވެ. 2005 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަސްލަމް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުކޮށްފައެވެ. އަދި 2019 ވަނަ އަހަރު އާ މަޖިލިސް އިންތިހާބު ކުރުމާ ހަމައަށް އަސްލަމް ވަނީ އެ މަގާމު ފުރުއްވާފައެވެ.

މިވަގުތު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އާ ދައުރަކަށް ކުރިމަތިލައްވާނެކަން އޭނާ އަދި އިއުލާނެއް ނުކުރެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އިންތިޚާބު މި މަހުގެ 28 ވަނަ ދުވަހު ބާއްވާއިރު، ޕީޖީ ލީޑަރު ކަމަށް ކުރިމަތިލާނެކަން އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅަކީ އަސްލަމެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އެއްބޭފުޅަކު އިންތިޚާބު ކުރާއިރު، އެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެބޭފުޅަކު އިންތިޚާބު ކުރާނެއެވެ. އަދި އަމީން އާއްމުގެ މަގާމަށް އެއްބޭފުޅަކު، އަމީން އާއްމުގެ ނާއިބުގެ މަގާމަށް އެއްބޭފުޅަކު ޗީފް ވިޕްއަށް ހަ ބޭފުޅުން އިންތިޚާބު ކުރާނެއެވެ.

comment ކޮމެންޓް