ކަންނެލީގެ އަގު ދަށްވުމުން، މަސްވެރިންނަށް ތެޔޮ އަގުހެޔޮކޮށް ދޫކުރަން ގޮވާލައިފި

މަސް މާރުކޭޓު ސަރަހައްދު-- ސަން ފައިލް ފޮޓޯ

ބޮޑު ކަންނެލީގެ އަގު ދަށްވުމާ ގުޅިގެން، މަސްވެރިންނަށް ތެޔޮ އަގުހެޔޮކޮށް ގަންނަން ލިބޭނެގޮތް ހަދައިދިނުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ)އިން ގޮވާލައިފިއެވެ.

ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު މިއަދު "ސަން" އަށް ވިދާޅުވީ، ބޮޑު ކަންނެލީގެ އަގު ދަށްވެ، 30 ކިލޯއިން މަތި ނަމަ މިހާރު ކިލޯއެއް ގަންނަނީ 85 ރުފިޔާއަށް ކަމަށެވެ.

ފާއިތުވި އަހަރު ރަނގަޅު އަގެއްގައި ކަންނެލި ގަނެފައި ވަނީ، މަސްވެރިކަން ދަށްވާ ފެކްޓްރީ ތަކަށް އެކަށީގެންވާ ވަރަށް ކަންނެލި ނުލިބުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު، ސަރުކާރުން މަސްވެރިންނަށް ރަނގަޅު އަގެއްގައި މަސް ގަންގަން ލިބޭނެ ގޮތެއް ހަދައިދިނުމަށް އެދެން. ތެލުގެ އަގު މިހާރު ބޮޑުކުރިއިރު ކަންނެލި ކިލޯއެއްގެ އަގު ދަށްވުން މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. ސަރުކާރުން މަސްވެރިންނަށް ތެޔޮ ގަންގަން ލިބޭ އަގު ހެޔޮކޮށްދޭން ގޮވާލަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ފުދޭވަރަކަށް ގިނަ ދުވަހު ކަންނެލީގެ އަގު ހިފެހެއްޓިފައި ހުރުމަށްފަހު، މިހާރު އަގު ދަށްވީ، މި ރީޖަންގައި ކަންނެލީގެ މަސްވެރިކަން ރަނގަޅު ވުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަގު ދަށްވާން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު، 30 ކިލޯއިން މަތީގެ ކަންނެލި ކިރާފައި ވަނީ، ކިލޯއަކަށް 100 ރުފިޔާ އަށެވެ. އަދި 30 ކިލޯއިން ދަށްނަމަ، ކިލޯއެއް 60 ރުފިޔާއަށެވެ.

ބުރާސްފަތި ދުވަހު 30 ކިލޯއިން މަތީގެ ކަންނެލި ކިރާފައި ވަނީ، ކިލޯއަކަށް 95 ރުފިޔާ އަދި 30 ކިލޯއިން ދަށް، ކިލޯއަކަށް 50 ރުފިޔާއަށެވެ.

އަނެއްކާވެސް އަގު ދަށްވެ، އިއްޔެއާއި މިއަދު ކަންނެލި ކިރާފައި ވަނީ، 30 ކިލޯއިން މަތި 85 ރުފިޔާއަށް އަދި 30 ކިލޯއިން ދަށް 50 ރުފިޔާއަށް ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މިހާރު ޒަމާނީ ދޯނި ފަހަރުގައި ކަންނެލީގެ މަސްވެރިކަން ކުރާއިރު، ހަރަދުވެސް ބޮޑުވާނެ ކަމަށާއި ތެލުގެ އަގު ބޮޑުވުމުން އަނެއްކާވެސް މަސްވެރިންގެ އާމްދަނީ ދަށްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް