ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާއާއި މާމަގެ ހަނދާނުގައި ކްލިނިކެއް

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ފަސް އަހަރުގެ ސަދާ ސައުދުﷲ --

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މިދިޔަ އަހަރު އޮކްޓޯބަރު މަހު މަރުވި ސަދާއާއި ދެހާސް ސަތާރަވަނަ އަހަރު އެ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ މާމަގެ ހަނދާނުގައި ކްލިނިކެއް ހުޅުވައިފިއެވެ.

"ސަން" އާ ވާހަކަދައްކަވަމުން އެ ކްލިނިކުގެ ވެރިފަރާތް އަދި ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ދީދީ ބުނީ ދެމައިންގެ ހަނދާނުގައި ހުޅުވި ފުވައްމުލަކު މެޑިކަލް ސެންޓަރުގެ އަމާޒަކީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް އެހެން އާއިލާއަކުން ތަހަންމަލްކުރަން ނުޖެހޭފަދަ ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން ނުލިބޭ ސިއްހީ ގިނަ ޚިދުމަތްތަކެއް އެ ކްލިނިކުން ފޯރުކޮށްދިނުމަކީވެސް އަމާޒެއްކަމަށް އޭނާ ބުންޏެވެ.

"ކްލިނިކުން މި ވަގުތު އަޅުގަނޑުމެން މިދޭ ޚިދުމަތްތަކަކީ މިހާރު ކުޑަކުދިންގެ ޑޮކްޓަރުން ދާއިމީކޮށް ބަލަމުންދާނެ. ޖެނެރަލް ޑޮކްޓަރެއް އިންނަވާނެ. އަދި ލޯފަން މީހުންނަށް ޚާއްސަކޮށް މާލެއިން މަހަކު ހަތަރުވަރަކަށް ޑޮކްޓަރުން އެބަ ގެންނަން،" ސައުދުﷲ ބުންޏެވެ.

އެ ކްލިނިކުގައި ޚިދުމަތް ދިނުމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އާއި ކުޑަކުދިންގެ ޑޮކްޓަރު ހުސައިން މާހިރު މިހާރު ރަޖިސްޓްރީވެފައި ވާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ނަފްސާނީ ޑޮކްޓަރު ޑރ. އައިޝަތު އަލީ ނާޒް އާއި، ހަމުގެ ޑޮކްޓަރު މުހައްމަދު ހައިކަލް އަލީ ރަޙްމާން އަދި ނާރުގެ ޑޮކްޓަރު އަހުމްދު ރަޝީދުގެ އިތުރުން ޑައިޓީޝަން އާސިޔާ ޢަބްދުއްރަހީމް ރަޖިސްޓްރީވެފައި ވާކަމަށް ސައުދުﷲ ބުންޏެވެ.

"އަޅުގަނޑުމެން ދެން މިހާރު މި މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގަ ސްޕީޗް ތެރަޕީ، ފިޒިއޮ ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕެޝިއަލް އެޑިއުކޭޓަރަކާއެކު ޚިދުމަތް ފުޅާކުރުމަށް،" އޭނާ ބުންޏެވެ.

އުމުރުން ފަސް އަހަރުގެ ސަދާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ފްލޫ ކްލިނިކަށް ގެންގޮސްގެން ފަރުވާ ނުލިބުމުންނެވެ. ހޮސްޕިޓަލަށް ގެންގޮސް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުޑަ އިރުކޮޅެއްތެރޭގައި ސަދާ މަރުވީކަމަށް ސަދާގެ ބައްޕަ ބުންޏެވެ.

comment ކޮމެންޓް