"ހަދިޔާ އެމްވީ"ގެ ތުހުމަތުތައް، "ތިކި" އެޕުން ދޮގު ކޮށްފި

ތިކި އެޕްލިކޭޝަންގެ އޯނަރު އަޙުމަދު އަނަސް ހަބީބު-- ފޮޓޯ: ތިކި ފޭސްބުކް

ލޭ ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރާ މީހުންނަށް ޚާއްސަ ކޮށްގެން އަޙުމަދު އަނަސް ހަބީބު ތައާރަފްކުރި "ތިކި" އެޕަކީ އޭނާގެ އަމިއްލަ ޚިޔާލެއް ނޫންކަމަށާއި އެއީ ވައްކަމެއް ކަމަށް ބުނެ "ހަދިޔާ އެމްވީ"އިން ފަތުރަމުން ގެންދާ ވާހަކަތައް ދޮގު ކޮށްފިއެވެ.

"ހަދިޔާ އެމްވީ" ވެބްސައިޓްގެ ވެރިޔާ ޔޫސުފް ހަލީލް "ސަން"އަށް ކުރިން ވިދާޅުވެފައިވަނީ އެ ވެބްސައިޓަކީ ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އޭނާ އުފެއްދި ވެބްސައިޓެއް ކަމަށެވެ. އަދި އެ ވެބްސައިޓުގެ މޮބައިލް އެޕްލިކޭޝަނެއް ހެދުމަށް އަނަސްއާ ހަވާލުކުރުމުން އޭގައި ހުރި މައުލޫމާތުތައް ކޮޕީކޮށްގެން "ތިކި"ގެ ނަމުގައި އެޕެއް ތައްޔާރުކުރީ ކަމަށެވެ.

ހަލީލް ވިދާޅުވެފައިވަނީ އަނަސްއާ އެ މަސައްކަތް ހަވާލުކުރިފަހުން މަސައްކަތް މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު، މީހެއްގެ ފަރާތުން އަޑުއިވުނީ 'ތިކި' އެޕްލިކޭޝަން ލޯންޗްކުރަން އުޅޭ ވާހަކަ ކަމަށެވެ.

ޔޫސުފް ހަލީލް މިހާރު ވަނީ އެ މައްސަލަ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅައިފައެވެ.

"ހަދިޔާ އެމްވީ"ގެ ތުހުމަތުތަކާއި ގުޅުވައިގެން ތިކި މޯބައިލް އެޕްލިކޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ތިކި މޮބައިލް އެޕްލިކޭޝަން، ވުޖޫދު ކުރުމުގައި "ހަދިޔާ އެމްވީ"ގެ އެއްވެސް މައުލޫމާތެއް ނުވަތަ ޑާޓާއެއް ވެސް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.

"ތިކި އެޕްލިކޭޝަނާއި އެ އެޕްގެ ފައުންޑާ އަހްމަދު އަނަސް ހަބީބުގެ ނަމާއި އަބުރު ގެއްލޭގޮތަށް ބައެއް މީޑިއާތަކާއި މީސް މީޑިއާގައި މިކަމާ ގުޅިގެން ހަގީގަތާ ހިލާފް ވާހަކަތައް ޝާއިއު ކޮށްފައިވާ އަދި ކުރިއަށް އޮތް ތާނގާ ޝާއިއު ކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމައިފިން،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އަދި މިހާތަނަށް ތިކި އެޕްލިކޭޝަން ހުއްޓާލަން ނުވަތަ އެޕްލިކޭޝަން ޕްރޮމޯޓް ކުރުން ހުއްޓާލަން ޝަރުއީ އެއްވެސް ކޯޓަކުން ނުވަތަ ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އެޕްލިކޭޝަން ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް ހުރަސް އަޅާފައިވާ، އަދި ކުރިއަށް އޮތް ތަނުގައި ހުރަސް އަޅާ ފަރާތްތަކަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ އެކި ފަރާތްތަކުން ތިކި ޓީމުގެ ބައެއް މެންބަރުންނަށް މަގުމަތިން ދިމާކޮށް އަދި ބިރުދައްކާ އިންޒާރު ދެމުން އަންނާތީ އެފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

"ތިކި" އެޕް އިފްތިތާހުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް