ކެނެޑާގެ މުޒާހަރާ ނަމޫނާއަކަށް ބަލައިގެން ނިއުޒިލެންޑުގައި ފެށި މުޒާހަރާ ހޫނުވެއްޖެ

ކޮވިޑް-19 ދިފާއު ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށް ނިއުޒިލެންޑުގައި ފެށި މުޒާހަރާގެ ބައިވެރިއެއް: ފޮޓޯ - ދަ ގާޑިއަން

ކޮވިޑް-19 ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށް ނިއުޒިލެންޑުގައި ފެށި މުޒާހަރާތައް ހޫނުވެއްޖެއެވެ.

ނިއުޒިލެންޑުގެ ގާނޫނުހަދާ މަޖިލީސް ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ފެށި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ފުލުހުން ވަނީ ނުކުމެފައެވެ.

ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ކޭމްޕުވެސް ހަދާފައެވެ.

ފުލުހުން އަންނަނީ އެ ކޭމްޕުތައް ރޫޅާލައި، މުޒާހަރާގެ ބައިވެރިން ގެއަށް ފޮނުވައިލުމަށް މަސައްކަތްކުރަމުންނެވެ.

ކެނެޑާގެ ފުލުހުން ވަނީ ގާނޫނުހަދާ މަޖިލީސް ކައިރީގައި ކޭމްޕު ހަދައިގެންތިބި މީހުން އެތަނުން ދުރުނުވާނަމަ، ހައްޔަރުކުރާނެކަމަށް ބުނެފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ކެނެޑާގައި ކުރިއަށްދާ 'ފްރީޑަމް ކޮންވޯއި' މުޒާހަރާ ނަމޫނާއަކަށް ބަލައި ނިއުޒިލެންޑުގައި މުޒާހަރާ ކުރާ މީހުން ވެސް ވަނީ ވެރިރަށުގެ ބައެއް މަގުތަކުގައި ޓްރެފިކް ހުއްޓުމަކަށް ގެނެސްފައެވެ. އަދި ވެކްސިން މެންޑޭޓާއި ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ނިއުޒިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ގްރާންޓް ރޮބަޓްސަން ވިދާޅުވީ، މުޒާހަރާ ކުރުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އާންމުންނަށް އުނދަގޫނުވާ ގޮތަށް އެކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ނިއުޒިލެންޑުގެ މުޒާހަރާގެ ސަބަބުން ވިޔަފާރިތައްވެސް ހުއްޓުމަކަށް އައިސްފައިވާއިރު އެ ގައުމަކީ ކޮވިޑް-19 އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ.

comment ކޮމެންޓް