ކެނެޑާގައި ވެކްސިން މެންޑޭޓާ ދެކޮޅަށް ކުރާ އިހުތިޖާޖު ވަރުގަދަކޮށްފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ---

ޓްރަކް ދުއްވާމީހުން އެމެރިކާ-ކެނެޑާ ބޯޑަރު ހުރަސްކުރުމަށް ވެކްސިން ޖަހާފައިހުރުން މަޖުބޫރު ކުރުމުގެ ސަބަބުން ކެނެޑާގައި ފެށި އިހުތިޖާޖުތައް އިތުރު ހަރުފަތަކަށް ޖެހިލައިފިއެވެ.

ވެކްސިން މެންޑޭޓާ ދެކޮޅަށް ފެށި މި އިހުތިޖާޖުތައް ފުޅާވެ، އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ސަރުކާރުގެ އުސޫލުތަކާ ދެކޮޅަށް ގިނަ އާންމުން ވަނީ މަގުމައްޗަށް ނުކުމެ ޝުޢޫރު ފާޅުކުރަން ފަށާފައެވެ.

ކެނެޑާގެ ގާނޫނުހަދާ މަޖިލީސް ހިމެނޭ ސަރަހައްދާއި، ވެރިރަށް އޮޓާވާގެ ގިނަ ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިން އަންނަނީ އަޑުއުފުލަމުންނެވެ.

މިކަމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކާ އިއުލާންކޮށްފައިވާއިރު، ހަޅުތާލުކުރަން ނުކުމެފައި ތިބި އާންމުންގެ އަދަދު ފުލުހުންނަށް ވުރެ ގިނަކަމަށް އެ ސިޓީގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުޅި ސިޓީގެ ޓްރެފިކްވެސް ހުއްޓުވާފައެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ސަޕޯޓް މި މުޒާހަރާއަށް ލިބެމުން އަންނައިރު، އޮޓާވާގެ މޭޔަރު ވިދާޅުވީ މިއީ އާންމުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ކެނެޑާގެ ޕާލިމެންޓުގެ ކުއްލި ޖަލްސާއެއް މިކަމާ ގުޅިގެން ބޭއްވުމަށް ނިއު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޖަގްމީތު ސިންގު ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވަނީ ކެނެޑާ އޮތީ ކާރިސާއެއްގައި ކަމަށް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެމީހުން އެދެނީ ވެކްސިންޖެހުން މަޖުބޫރުކުރުން ހުއްޓުވުމަށް ކަމަށެވެ.

"އަހަރެމެންގެ މަގުސަދު ވަރަށް ސާފު. ވެކްސިން މެންޑޭޓް ނިމުމަކަށް ގެނޭ. އަދި ކޮވިޑޭ ކިޔާފައި އަހަރެމެންގެ މިނިވަންކަން ނަގާލުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ކެނެޑާގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި މިއީ ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް ކުރާ މުޒާހަރާއަކަށްވުރެ ބޮޑަށް ޖަސްޓިން ޓްރޫޑޯގެ ސަރުކާރު ވައްޓާލުމަށް ކުރެވޭ ބަޣާވާތެކެވެ. މުޒާހަރާ ފެށުނީއްސުރެ ޖަސްޓިން ޓްރޫޑޯ ފިއްލަވައިގެން އުޅުއްވާއިރު، ކޮވިޑު ފިޔަވަޅުތައް އުވާލުމުގެ ވާހަކަތަކެއް އަދި ނުދެކެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް