ހައްގުގެ އަޑަށް ބީރު ކަންފަތެއް!

އިންސާނީ ހައްގުތަކުގެ ދައުރު ރާއްޖޭގައި ބިނާވެފައި ވަނީ ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތަކަށާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ކަށަވަރުކޮށްދޭ ހައްގުތަކެވެ. އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ހައްގުތަކަށެވެ. ދިވެހިންނަށް އެ ހައްގުތައް ލިބިދިނުމުގެ މެދުވެރިއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އެވެ. ނަމަވެސް ހައްގުތައް ދިވެހިންނަށް ހޯދައިދިނުމުގައި މެދުވެރިއެއްގެބައި އަދާކުރާ މުއައްސަސާތަކުގެ ފަހަތުން އެޗްއާރްސީއެމުން ފާރަވެރި ވިޔަސް ހައްގުތައް ލިއްބައިދިނުމަށް އެ މުއައްސަސާތައް ފަސްޖެހިފައިވެ އެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުގައި ތަކުރާރުކޮށް އެދުމުން ވެސް އެތަން ތަނުން ވަނީ ބީރުކަންފަތެއް ދީފައިވެ އެވެ؛ ހައްގުތައް ހޯދައިދިނުމަށް އެ ތަންތަން ނުކުޅެދިފައިވެ އެވެ. އެގޮތުން ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝެރީ އެންޑް ރިހެބިލިޓެޝަން ސާވިސަސް އާއި ޖެންޑާ ޑިޕާޓްމަންޓުގެ އިތުރުން ލޭބާ ރިލޭޝަން އޮތޯރިޓީގެ ނަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ މުއައްސާސާތަކުގެ ތެރެއިން ގިނަ އިދާރާތަކީ ތަންފީޒީ އިދާރާތަކެވެ. އެތަންތަނުގެ ވެރިންނަކީ މުޖުތަމައުގައި ހުރި މައްސަލަތައް ފުނިފުންޏަށް މީޑިއާތަކުގެ ކުރިމަތީގައި ފަތުރަމުންދާ ބައެކެވެ. ނަމަވެސް އެޗުއާރުސީއެމްގެ ރިޕޯޓުން ދެއްކީ ތަފާތު މަންޒަރެކެވެ؛ މީޑިއާގައި ވާހަކަ ދައްކާ ވަރާ ގާތަށް ވެސް އަމަލީ މަސައްކަތް ނުކުރެވިވާ ތަނެވެ.

އެ މުއައްސަސާތަކާ ގުޅުން ހުރި މައްސަލަތައް އެޗްއާރްސީއެމުން ބަލަން ފެށުމުން ދެން ކަން ހިނގައިދިޔައީ ކޮން ގޮތަކަށް ކަން އެނގޭ ހެއްޔެވެ؟ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ކޮމިޝަނުން ބަލާފައިވާ މައްސަލަތައް ތަންފީޒުވާ މިންވަރު ދެނެގަތުމަށް ދިރާސާ ކުރުމުން އެކަމުގައި އަމަލީ ސިފަ ޖެހިފައެއް ނެތެވެ.

މީގެ އަށް އަހަރު ކުރިން، 2004 އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަގުތީ ހިޔާތަކުގައި 1067 މީހަކު އަދިވެސް އެބަތިއްބެވެ. އަދި އެ މީހުންނަށް ދާއިމީ ހިޔަލަށް ބަދަލު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަދިވެސް ވަނީ ނުކުޅެދިފައިވެ އެވެ. ބޯހިޔާވަހިކަމުގައި ހުރި ދަތިކަން ފާހަކޮށް، 2008 ވަނަ އަހަރު ކޮމިޝަނުން ކުރި ދިރާސާ ރިޕޯޓަށް ބަލައި، ހައުސިން މިނިސްޓްރީ އަށް އެޗްއާރްސީއެމުން ހުށަހެޅި 18 ހުށަހެޅުމެއްގެ ތެރެއިން އެއްވެސް ހުށަހެޅުމަކަށް މިހާތަނަށް އައިރު، ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭ ގޮތުން 2010 ވަނަ އަހަރު އެޗްއާރްސީއެމުން ކުރި ބޭސްލައިން އެސެސްމަންޓްގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އާބާދީގެ 23 ޕަސެންޓް މީހުންނަކީ ކޮންމެވެސް ގޮތުން ނުކުޅެދުންތެރިކަން ހުންނަ ބައެކެވެ. އަދި އެ މީހުންނަށް ބޭނުންވާ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް އެޗްއާރްސީއެމުން ހުށަހެޅި ހުޅަހެޅުންތަކުގެ ތެރެއިން ތަންފީޒު ކުރެވިފައި ވަނީ އެންމެ ހަތް ޕަސެންޓެވެ. އަދި ކުޑަކުދިންގެ ހިޔަލުގައި ތިބޭ ތުއްތު ކުދިންގެ އުމުރު ފުރައިން ފެށިގެން ފުރާވަރުގެ ކުދިންނަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ރަގަނޅު ކުރުމަށް 31 ހުށަހެޅުމެއް އެޗްއާރްސީއެމުން ހުށަހެޅުމުން އޭގެ ތެރެއިން އަމަލީ ސިފަ ގެނެސްފައި ވަނީ އެންމެ ތިން ޕަސެންޓް ހުށަހެޅުމަށެވެ. އަދި ގައިދީން ބަންދުކޮށްގެން ގެންގުުޅޭ ކަންތަތައްތަކާ މެދު ކަންބޮޑުވެ، ހިތްދަތި ހާލަތުން ގައިދީން ސަލާމަތް ކުރުމަތް މިދިޔަ އަހަރު އެޗްއާރްސީއެމުން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި 62 ހުށަހެޅުމުގެ ތެރެއިން ތަންފީޒުކޮށްފައި ވަނީ ދެ ޕަސެންޓް ހިދުމަތްތަކެވެ.

ހައްގުތައް ކަށަވަރުކޮށްދިނުމަށް ފާރަވެރިވާ އެޗްއާރްސީއެމުގެ ހުށަހެޅުންތަކަށް އިޖާބަ ނުދޭ މައްސަލާގައި އެ ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދު ވިދާޅުވީ ހައްގުތައް ލިއްބައިދިނުމުގައި މުއައްސަސާތަކަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ވުޖޫދަށް އަންނަ ޖެހޭ ގާނޫނުތައް ނައުމާއި ތަސްތީގުވާ ގާނޫނުތަކުގައި އެޗްއާރްސީއެމްގެ ލަފާދީފައިވާ ކަންކަން ގާނޫނުތަކުގައި ނެތުން ވެސް އެއީ މައްސަލައެއް ކަމަށެވެ.

"ގާނޫނުތައް ވެސް ވުޖޫދަށް އަންނަން ޖެހޭ. މުއައްސަސާތަކަށް ވެސް މާލީ އެހީތެރިކަން ވެސް ލިބެން އެބަޖެހޭ ނުވަތަ ރަނގަޅު ބަޖެޓެއް ހޯދަން އެބަޖެހޭ. އެކަންތައް ވެސް ކުރެވެން އޮތީ ދައުލަތުގެ ފަރާތުން ހައްގުތަކުގެ އަޑު އަހައިގެން،" އަޒްރާ ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރު އަހުމަދު އަބްދުކަރީމް ވިދާޅުވީ އަމިއްލަ ފަރުންގެ ފަރާތުން ވެސް ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ވެސް ފަހުން އެ ފަރާތްތަކުން އަޅާ ނުލައި ދޫކޮށްލާ ކަމަށެވެ. އަދި ބަޔާން ނަގަން އެދުމުން އެކަމުގައި އެފަރާތްތަކުން ބޭނުން ނުވެ، އެފަދަ ކަންތައްތައް ދޫކޮށްލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނުތަކާއި ފައިސާގެ ދަތިކަން ހައްލު ކުރެވެން އޮތީ ހައްގުތަކުގެ ވާހަކަ ދައުކަތުގެ ތިން ބާރުން ވެސް އަޑު އަހައިގެންނެވެ. މަޖިލީހުގެ ތެރެއިންނާއި ތަންފީޒީ ބާރުތަކުންނެވެ. ފަރުފީ ގޮތުން ވެސް އަދި ދައުލަތުގެ ތަންފީޒީ އިދާރާއަކުން ވެސް ހައްގުތައް ލިބިދިނުމުގައި އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި ފަސްޖެހިގެން ނުވާނެ އެވެ. އެފަދަ ކަންކަމުގައި ޖެހިލުންވެ، ފަރުވާ ކުޑަ ކުރާ ނަމަ ބަވަނަ ވެފައިވާ ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓިދިއުގެ ފުރުސަތު ބޮޑެ އެވެ. ވުމާ އެކު ހައްގުގެ އަޑަށް އަޅުގަނޑުމެން އިޖާބަދޭންޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް