އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވާނެ ގެއްލުމެއް ނެތް: ސީޕީ

ސީޕީ މުހައްމަދު ހަމީދު --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން، ރާއްޖޭގެ ދާހިލިއްޔަތަށް ވާނެ ގެއްލުމެއް ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ 241 ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ ހަމީދު ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ ފެށުނު ހަރަކާތެއް ކަމަށެވެ.

"އިންޑިއާ އައުޓްގެ ގޮތުގައި މި ކުރިއަށް ގެންދާ ހަރަކާތަކީ ފެށުނު އިރުގައި އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ފެށިގެން އައި ހަރަކާތެއް، އެހެންނަމަވެސް އިންޑިއާ އައުޓް ހަރަކާތުގެ ނަމުގައި މި ހަަރަކާތް ކުރިއަށް މިިދަނީ،" އުޝާމް ވިދާޅުވިއެވެ.

މި ކެމްޕެއިނުގެ ބައިވެރިން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުން ކަން ފާހަގަކޮށް އުޝާމް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ސަބަބުން ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ހުރަހެއް ކުރޭތޯ ސުވާލުކުރައްވައިފައެވެ.

އުޝާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ވިދާޅުވީ މި ހަރަކާތް ހިންގާ ސަބަބުތަކުގެ ތެރޭގައި ހަ ކަމެއް މިހާތަނަށް ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. މިގޮތުން ގިނަ ހޯދުންތަކެއް މި ހަރަކާތާ ގުޅިގެން ހޯދައި ބަލައިފައިވާއިރު، ރާއްޖޭގެ ދާހިލީ ކަންކަމަށް އަސަރުކުރާނެ ފަދަ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއްގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ ތިޔަ ވިދާޅުވީ ބީދައިން އިންޑިއާގެ ސިފައިން ނުވަތަ ސިފައިން ކަމަށް ބެލެވޭ ބަޔަކު ރާއްޖޭގެ ތިބެގެން، އެ ކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދާހިލީ ސަލާމަތެއް ނުރައްކަލެއް އޮތް ކަމަކަށް. އަޅުގަނޑުމެންނަކަށް އަދި މިހާތަނަކަށް ފާހަގަކުރެވިފައެއް ނުއެއް ނެތް،" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމުން އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިފައިން ވެސް އެކި ގައުމުތަކުގައި ޔުނިފޯމް އަޅައިގެން ހަރަކާތްތެރިވާ ކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން ދާހިލީ ކަންކަމަށް އަސަރު ނުކުރިނަމަވެސް، އިންޑިއާ އައުޓަކީ ދާހިލީ ކަންކަމަށް ނުރަނގަޅު އަސަރު ކޮށްފާނެ ފަދަ ކަމެއްގެ ގޮތުގައި ސީޕީ ސިފަކުރެއްވިއެވެ.

comment ކޮމެންޓް