ކޮވިޑް ވެކްސިންގެ ވިޔަފާރިން ފައިޒާ ކުންފުންޏަށް 32 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެ

ފައިޒާ ކުންފުނީގެ މައި އޮފީސް

ވޮޝިންޓަން (9 ފެބްރުއަރީ 2022) : ކޮވިޑް-19 ގެ ވެކްސިން އުފައްދައި އެވެކްސިން ވިއްކައިގެން ލިބެމުންދާ ފައިދާ އެތައް ބިލިޔަން ޑޮލަރަށް އަރާކަމަށާ މިއީ ކުރިން ކުންފުންޏަށް އެވްރެޖްކޮށް ލިބޭ ފައިދާއަށްވުރެ ދެގުނަ ބޮޑު ފައިދާއެއްކަމަށް އެމެރިކާގެ ފާސެއުޓިކަލް ކުންފުނި "ފައިޒާ" އިން ހާމަކޮށްފިއެވެ.

"ފައިޒާ" އިން ބުނީ މިދިޔަ ޖަނަވަރީގެ ނިޔަލަށް ސޮއިކޮށްފައިވާ ވެކްސިން ކޮންޓްރެކްޓްތަކުން 32 ބިލިއަން ޑޮލަރު ލިބޭނެ ކަމަށާ އޭގެތެރެއިން ބައެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އިތުރު 40 ބިލިޔަން ޑޮލަރުގެ ފައިދާ ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފައިޒާ ކުންފުނިން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން އުފެއްދީ ޖަރުމަނުގެ ބަޔޮންޓެކް ކުންފުންޏާ ގުޅިގެންނެވެ. މިއީ ދުނިޔޭގައި ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އެންމެ ރަނގަނޅު އެއްވެކްސިން އެވެ. ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ގިނަ ގައުމުތަކުން އެންމެ އިތުބާރުކުރާ ވެކްސިންގެ ތެރޭގައިވެސް ފައިޒާ ވެކްސިން ހިމެނެއެވެ.

ފައިޒާ ވެކްސިންގެ ޑިމާންޑް ބޮޑުވެފައި އެ ވެކްސިން ގަތުމުގެ ކޮންޓްރެކްޓްތައް ގިނަކަމުން މިދިޔަ އަހަރުގެ ކޮންމެ ކުއާޓަރެއްގައިވެސް ފައިދާ ދިޔައި އިންތިހާއަށް އިތުރުވެ ޑަބަލް ވެގެން ކަމަށާ 2020 ވަނަ އަހަރު ލިބުނު ފައިދާއަށްވުރެ 2021 ވަނައަހަރު ލިބުނު ފައިދާ ދެ ގުނަ އިތުރުކަމަށް ފައިޒާ ކުންފުނިން ބުނެއެވެ.

ފައިޒާ ކުންފުނީގެ މައިއޮފީސް ހުންނަނީ އެމެރިކާގައެވެ. ނަމަވެސް އެކުންފުނިން އުފައްދާ ބޭހާއި ވެކްސިން އުފައްދާ ލެބޯޓްރީތައް ޔޫރަޕާއި އޭޝިއާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގައި ހުރެއެވެ. ފައިޒާ ވެކްސިން އަށް އޮންނަ ޑިމާންޑާ އެއްވަރަށް އެކުންފުނީގެ ލެބޯޓްރީތަކުން ވެކްސިން ނުއުފެއްދޭތީ އިތުރު ލެބޯޓްރީތައް ގާއިމް ކުރުމުގެ މަސައްކަތްވެސް އެކުންފުނިން ގެންދަނީ ކުރަމުންނެވެ.

ފައިޒާ ކުންފުނިންވަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭހެއްވެސް އުފައްދައި އެބޭސް ބާޒާރަށް ނެރެފައެވެ. މީގެއިތުރުން ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓަށް ޚާއްސަ ވެކްސިން އެއް އުފެއްދުމުގެ މަސައްކަތްވެސް ފައިޒާ ކުންފުނިން ގެންދަނީ ކުރަމުންނެވެ.

މި އައު ވެކްސިން އަންނަ އެޕްރީލް މަހު ބާޒާރަށް ނެރެވޭވަރު ވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް