ޖަރުމަނުގައި ގަޑިއަކު 417 ކިލޯމީޓަރު ބާރުމިނުގައި ކާރެއް ދުއްވި މީހެއްގެ މައްސަލަ ބަލަނީ

ޗެކް ރިޕަބްލިކަށް ނިސްބަތްވާ މިލިއަނަރު ރެޑިމް ޕާސާ؛ ފޮޓޯ މަސްދަރު -- ޓެކްނޯޕިކްސެލް.އޯގް

ޖަރުމަނުގެ ސްޓޭޓެއްގައި ގަޑިއަކު 417 ކިލޯމީޓަރުގެ ބާރުމިނެއްގައި ކާރެއް ދުއްވި މީހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ޗެކް ރިޕަބްލިކަށް ނިސްބަތްވާ މިލިއަނަރު ރެޑިމް ޕާސާގެ މައްސަލަ ޖަރުމަނުން ބަލަން ނިންމީ އޭނާ އެ ދުވެލީގައި ކާރު ދުއްވި ވީޑިއޯއެއް ޔޫޓިއުބުގައި ހިއްސާކުރުމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ އޭނާ ބުގާޓީ ޗީރޯންއަކުން ގަޑިއަކު 417 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައިދާ ތަނެވެ. މި މައްސަލަ ޖަރުމަނު ފުލުހަށް ހުށަހަޅާފައި ވަނީ އެ ގައުމުގެ މީޑިއާތަކުން މި ވާހަކަ ހިއްސާކުރަން ފެށުމުންނެވެ.

މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެ އަހަރު ދުވަހުގެ ޖަލުހުކުމެއް އަތުވެދާނެއެވެ. ނުވަތަ ބޮޑު ޖޫރިމަނާއަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ.

ޖަރުމަނުގައި ކާރު ދުއްވަން ސްޕީޑް ލިމިޓެއް ނޯންނައިރު، ޕާސާގެ މި އަމަލަކީ އެ ގައުމުގެ ގާނޫނު ބުނާގޮތުން ޓްރެފިކް ކޯޑާ ޚިލާފުވުމުގެ ބޮޑު ކުށެކެވެ.

ޖަރުމަނުގެ ޓްރާންސްޕޯޓް މިނިސްޓަރު ވޮލްކާ ވިސިން ވަނީ ޕާސާގެ މި އަމަލު ކުށްވެރިކުރައްވާފައެވެ. އަދި ސްޕީޑް ލިމިޓެއް ނެތަސް، ކާރު އަބަދުވެސް ދުއްވަންޖެހޭނީ ކޮންޓްރޯލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް