ނޫސްވެރިޔާ ހައްވަ، އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުކަމަށް

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ހައްވާ: އޭނާއަށް ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފައި --

ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މީގެ ކުރިން ފާހަގަވި ނޫސްވެރިޔާ، ހައްވާ މުހައްމަދު (ހައްވި)އަށް ސިޔާސީ މަގާމެއް ދީފިއެވެ.

ހައްވައަށް ދީފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމެވެ.

އެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.

ހައްވަ ނޫސްވެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނިފައިވަނީ ވީޓީވީއިންނެވެ. އެއަށްފަހު ރޭޑިއޯ އެޓޯލްގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ހައްވާ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އަދި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައިވަނީ ރާއްޖެ ޓީވީގައެވެ. ރާއްޖެ ޓީވީގައި ހަތް އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ހައްވަ އެންމެ ފަހުން މި ދާއިރާގައި މަސައްކަތް ކޮށްފައިވަނީ ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގައެވެ.

މީޑިއާގައި ގިނަ ތަޖުރިބާތަކެއް ހޯދައިފައިވާ ހައްވައަށް ވަނީ މި ދާއިރާއިން ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ވިމެން އައިކަން އިން ދޭ "ވިމެން އިން މީޑިއާ" އެވޯޑު ލިބިފައެވެ.

ހައްވައަށް މި މަގާމު ދީފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްްވި ރިޒްނާ ޒަރީރާއި ތަހާރަތު މުހައްމަދު ވަހީދަށް ވެސް ވަނީ ދެ މިނިސްޓްރީއެއްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފައެވެ. އަދި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިންތަކަކަށް ވެސް ވަނީ ސިޔާސީ މަގާމުތައް ދީފައެވެ.

comment ކޮމެންޓް