ޝައްކެއްވެސް ނެތް ގޮތުގައި މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ: ޕޮޗެޓީނޯ

ޕީއެސްޖީގެ މެޗެއްގެ ތެރެއިން ޕޮޗެޓީނޯ އަދި މެސީ

ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނެލް މެސީ ކަމަށް ޕީއެސްޖީގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފްރާންސް ލީގުގައި ރޭ ލީލް އަ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަދައްކުމުންނެވެ. އޭނާ ބުނެފައިވަނީ މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާމެދު އޭނާ އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ ޕީއެސްޖީއިން ލީގު ތާވަލްގެ އެއް ވަނައިގައި ބޮޑު ލީޑެއް ނެގިއިރު، މެޗުގައި މެސީގެ ގޯލަކާއި އެސިސްޓެއް ފެނުނެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އެހެން ކުޅުންތެރިންނެކޭ އެއް ގޮތަށް މެސީ އަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނާ ފިޒިކަލީ އެންމެ ރަނގަޅު ފޯމުގައި ފެންނަން އަދި ވަގުތު ނަގާނެކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

އަދި ޕީއެސްޖީގައި މެސީ ދައްކަމުންދާާ ކުޅުމާއި އޭނާގެ ހިތްވަރަކީ ވަރަށް މުހިންމުކަމެއް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ފާހަގަކޮށްފައެވެ.

މިވަގުތު ޕީއެސްޖީ ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ބޮޑު ލީޑަކާއެކުއެވެ. މެސީއާއެކު ޕީއެސްޖީއިން ރަނގަޅު ކުުޅުމެއް ދައްކަމުންދާއިރު، މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ވެސް ޕީއެސްޖީ ކުޅޭނެއެވެ. މިބުރުގައި އެ ޓިމު ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިއީ މެސީގެ އެންމެ ވާދަވެރި އެއް ކުލަބެވެ.

comment ކޮމެންޓް