އިންޓްރެސްޓު ކުޑަކޮށް، ސްޓޫޑެންޓް ލޯނަށް 720 ފުރުސަތު ހުޅުވައިލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ސަން ފޮޓޯ

ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު ކުޑަކޮށް، މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު 720 ލޯނުގެ ފުރުސަތަށް ހުޅުވައިލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އަލަށް ހުޅުވާލި މި ފުރުސަތުތައް، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ވަނީ އިއުލާންކުރައްވައިފިއެވެ.

މިއަދު އިއުލާނުކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިއުލާނު ކުރެވުނު ފުރުސަތުތަކުގައި އެންމެ ބޮޑު ބަދަލަކަށް ގެނެސްފައިވާނީ ކުރިން އެޑްމިޝަން ފީގެ ގޮތުގައި ނަގަމުން އައި ތިން އިންސައްތައިގެ އިންޓްރެސްޓު، އެއް އިންސައްތައަށް ކުޑަކުރުން ކަމަށެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ފުރަތަމަ އަހަރު ވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަ ކޮށްފައި، އަދި އަޅުގަނޑުމެން ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި މި އެޑްމިޝަން ފީ އެއް ޕަސެންޓަށް ކުޑަކުރުމަށް ވާނީ ކަނޑައަޅައިފައި،" ޑރ. އިބްރާހިމް ވިދާޅުވިއެވެ.

ހަމައެހެންމެ ފްރީ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އެ ކުދިންގެ ކޯސް ފީގެ އިތުރުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކުރުމަށް ޓަކައި ގެނެވޭ ބަދަލެއް ކަން ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ރިޒާވްކޮށްފައެވެ.

މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް 720 ފުރުސަތު ހުޅުވާލާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވައިފައެވެ.

comment ކޮމެންޓް