ބައި އިލެކްޝަނާ ބެހޭ ގޮތުން ހުށަހެޅި ޝަކުވާތަކުގައި ބުރަދަނެއް ނެތް: ކޮމްޕްލެއިންސް ބިއުރޯ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ބެހޭ ގޮތުން މި ވަގުތު ބަލަމުންދާ ހަތް ޝަކުވާއެއް އެބައޮތް ކަމަށާއި ނަމަވެސް އެ ޝަކުވާތަކުގައި މާބޮޑު ބުރަދަނެއް ނެތްކަމަށް އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ލީގަލް އެފެއާޒް ޑިރެކްޓަރު އަދި ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާ އިބްރާހިމް ހާފިޒް "ސަން"އަށް ވިދާޅުވީ އިންތިހާބު ފެށުމުގެ ކުރިން ވެސް ތިން ޝަކުވާއެއް އެ ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާތަކަށް މިހާރު ޖަވާބު ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބު ފެށުނު ފަހުން ހުށަހެޅި ހަތް ޝަކުވާއެއް އަދިވެސް ބަލަމުންދާ ކަމަށާއި، ނަމަވެސް އެ ޝަކުވާތަކުގައި ހެކި ނެތުމުގެ ސަބަބުން އެ މައްސަލަތައް ކުރިއަށް ގެންދެވެން ވެސް ނެތް ކަމަށް ހާފިޒް ވިދާޅުވިއެވެ.

"އެހެން ވިޔަސް އަޅުގަނޑުމެން އިއްޔެ ވާނީ ޝަކުވާތަކާ ގުޅިގެން ވަގުތުން އަޅަން ޖެހުނު ފިޔަވަޅެއް ވިއްޔާ އަޅާފައި. އެއީ ފުލުހުންނާ ގުޅިގެން އެކަން ކުރަން ޖެހުނަސް،" އޭނާ ވިދާޅުވިއެވެ.

ހާފިޒް ވިދާޅުވީ މައްސަލަ ބެލުން ކުރިއަށް ގެންދެވޭނީ ހެއްކާއި ގަރީނާއަށް ބަލައި ކަމަށާއި، ނަމަވެސް ގިނަ މައްސަލަތައް ހުށަހަޅާފައި ވަނީ އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ކަމަށެވެ.

"މައްސަލަތައް އައިސް ހުރި އިރު ނެތް ހެއްކެއް ވެސް ނޫނީ ހެކިބަސް ދޭނެ ފަރާތެއްގެ ނަމެއް ވެސް. ދެން ބައެއް މައްސަލަތަކާ އެކު އެބަހުރި ފޮޓޯ، ވީޑިއޯ ހިމަނާފަ،" ހާފިޒް ވިދާޅުވިއެވެ.

ނަމަވެސް ހަމައެކަނި ފޮޓޯ އާއި ވީޑިއޯއަށް ބަލާފައި އެފަދަ މައްސަލަތައް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަކުރިއެވެ.

އިއްޔެގެ އިންތިހާބާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އިސްކަންދަރު ސްކޫލް ކައިރީގައި ހުރި ގަރާޖަކުން ފައިސާ ބަހަމުން ދިޔަކަމަށް ބުނެ، އެ ސަރަހައްދުގައި ހަމަނުޖެހުންތަކެއް ވެސް ހިންގާފައިވެއެވެ.

މީގެ އިތުރުން ފޯކައިދޫގައި ވޯޓުލަމުން ދިޔަ ސަރަހައްދުގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކެމްޕޭނު ކުރެއްވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ރާޝިދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ, 1،161 ވޯޓެވެ.

comment ކޮމެންޓް