އެމްއެންޕީން ވެސް ރާޝިދަށް ހޫނު މަރުހަބާއެއް ކިޔައިފި

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީ ކެންޑިޑޭޓް، މުހައްމަދު ރަޝީދަށް އެމްއެންޕީން މަރުހަބާ ކިޔައިފި --- ފޮޓޯ/ އެމްއެންޕީ

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރާޝިދަށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

އެމްއެންޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ އެންމެހާ ރައްޔިތުންނަށް، އެ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޢަބްދުލް ހަންނާން އާއި ޕާޓީގެ ރައީސް، މުހައްމަދު ނާޒިމް އާއި ޕާޓީގެ ލީޑާޝިޕުގެ އިތުރުން ޕާޓީގެ މެމްބަރުންގެ ފަރާތުން ވަރަށް އިހްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އެމްއެންޕީން ބުނީ މި އިންތިހާބުން ހާމަވެގެންދިޔަ އެއްކަމަކީ ރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި އިންތިހާބުތަކާ ގުޅޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ.

"އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ގާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިޕާޓީން ކުރަމުންގެންދާނަން،" ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި އެމްއެންޕީން ބުނީ އެހާ ގިނަ އަހަރުތަކެއް ފާއިތު ވެގެން ދިޔައިރުގައި ވެސް ރައްޔިތުން އެދޭ ތަރައްގީއާ ފުދުންތެރިކަން އަންނަމުން ނުދާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް އުފެއްދި އެމްއެންޕީ އަކީ ދިވެހިންނަށް ލިބުނު އުންމީދީ ދަންމަރެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިހާބެއްގައި ބިރެއްނެތި ބައިވެރިވެ، ހިއްވަރާއެކީ މަސައްކަތްކުރުމަކީ މި ޕާޓީގެ ކުރިމަގު ނުހަނު އުޖާލާކަން އަންގައިދޭ ކަމެއް ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އެމްއެންޕީން އަބަދު ވެސް މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތި ކަމާއި ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ފުރުސަތު ފަހި ކޮށްދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

comment ކޮމެންޓް