ބަލި ގަބޫލުކުރަން, ސަރުކާރުން ހުރިހާ ވައްތަރެއްގެ ނުފޫޒު ފޯރުވި: ފަތުހީ

ކޮމަންޑޫ ދާއިރާގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ފަތުހީ ---- ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ހުރިހާ ވައްތަރެއްގެ ނުފޫޒު ފޯރިވި ނަމަވެސް ނަތީޖާ ގަބޫލުކުރައްވާ ކަމަށް އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިވަޑައިގަތީ 1،396 ވޯޓެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރެއްވި ފަތުހީއަށް ލިބިވަޑައިގަތީ, 1164 ވޯޓެވެ.

"ނަތީޖާ ގަބޫލުކުރަން އަޅުގަނޑު. އެކަމަކު ސަރުކާރުގެ ނުފޫޒާ ދައުލަތުގެ މުދަލާ ވަސީލަތް ނަހަމަ ގޮތުގައި އިންތިހާބަށް ނުފޫޒު ފޯރުވައިގެން މިކަން ކޮށްފައި މިވަނީ. އެއީ ފެންނަން އޮތް ހަގީގަތެއް," ފަތުހީ ވިދާޅުވިއެވެ.

މިއަދު ފެނުނީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ނަތީޖާ ނޫންކަން ފާހަގަކުރައްވައި ފަތުހީ ވިދާޅުވީ, މި އިންތިހާބަށް ސަރުކާރުން ފައިސާއާއި ބާރާއި މަގާމުގެ ނުފޫޒު ފޯރުވުމުގެ އިތުރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ފަތުހީ ވަނީ ތުހުމަތުކުރައްވާފައެވެ.

"މިނިވަން އިންސާފުވެރި އިންތިހާބެއްގައި ހަމަހަމަ ފުރުސަތު ދީގެން ވާދަކުރި ނަމަ މި ނަތީޖާއެއް ނޫން ނިކުންނާނީއެއް," ފަތުހީ ވިދާޅުވިއެވެ.

އިންތިހާބަށް ނުފޫޒު ފޯރުވަމުންދިޔަ މައްސަލަ މީގެ ކުރިން އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ފަތުހީ ވިދާޅުވީ, އެއްވެސް އިދާރާއަކުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

އެގޮތުން ފަތުހީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތައް ނުބަލާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އޭސީސީގައި އެއްވެސް މެންބަރެއް ނެތުމުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތައް ހުއްޓިފައިވާ ކަމަށް ފަތުހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއްގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމާއި ޕީޕީއެމްގެ ފަރާތުން ބޭނުންވި ހުރިހާ އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އަދި އިންތިހާބުން ބަލިވި ނަމަވެސް ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ލިބުނު އަދި ތިން ރަށުގެ ޕާޓީގެ މެންބަރުންގެ އެއްބާރުލުން ވެސް ވަރަށް ރަނގަޅަށް ލިބުނު. އެހެންވީމަ ނަތީޖާ ބަދަލުވެގެން މިދިޔައީ ހަމަ ނުހައްގު ނުފޫޒާ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން," ފަތުހީ ވިދާޅުވިއެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއްގެ ގޮތުން ފަތުހީދެއްކެވީ, ފެނަކަ އިން ކޮމަންޑޫގެ ގިނަ ރައްޔިތުންތަކަކަށް ވަޒީފާ ދިނުމާއި އެ ދާއިރާއަށް އަމާޒުކޮށްގެން މި ފަހުން ފެށި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ބަދަލެވެ.

comment ކޮމެންޓް