ވޯޓަށް ނުފޫޒު ފޯރުވަން ދަނީ މަސައްކަތްކުރަމުން، އީސީން ހައްލެއް ނުލިބޭ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް -- ސަންފޮޓޯ/ ނާއިލް ހުސައިން

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މައްސަލަތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހައްލު ނުލިބޭ ކަމަށް މޯލްޑީވްސް ނެެޝަނަލް ޕާޓީ (އެމްއެންޕީ)ން ބުނެފިއެވެ.

ށ. ފޯކައިދޫ ވޯޓުލާ މަރުކަޒު ކައިރީގައި އެމްޑީޕީގެ ކެންޑިޑޭޓު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެ އެމްއެންޕީން ވަނީ އެ މައްސަލަ އީސީއަށް ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް މިއަދު "ސަން"އަށް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ހިނގަމުން އަންނަ ކަމަށެވެ. އަދި މިކަން ފެންނަނީ ހަމައެކަނި ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިންތިހާބުގެ ގާނޫނުގައި ސާފުކޮށް ބުނެފައި އޮންނާނެ އިންތިހާބުގެ ކުރީ ދުވަހުގެ ހައެއް ޖެހުމުން ފެށިގެން ކެމްޕެއިނުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް. އެ ގާނޫނަށް ބަލާނަމަ، ވޯޓުލާ މަރުކަޒު ކައިރީގައި ކެންޑިޑޭޓުން ތިބެގެން އެ ކުރާ ކަންކަމަކީ ތާއީދު ހޯދުމުގެ ގޮތުން ކުރާ ކަންކަން ގޮތުގައި ބެލެވޭނީ،" އުޝާމް ވިދާޅުވިއެވެ.

ވޯޓު ލާން ފެށުނީއްސުރެ އެމްޑީޕީގެ ކެންޑިޑޭޓު ވޯޓުލާ މަރުކަޒު ބޭރުގައި ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކޮށް، އުޝާމް ވިދާޅުވީ އީސީއަށް ހުށަހަޅާ އެއްވެސް މައްސަލައަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"އެ މައްސަލަ އެކި ލެވެލްގައި އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރެވިއްޖެ. އެކަމަކު އަދި މިހާތަނަށް ވޯޓުލާ ގަޑި ހަމަވެގެން ދާއިރު ވެސް އެ މައްސަލައަކަށް ހައްލެއް ހޯދިފައެއް ނުވޭ، އެހެންވީމާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަންތައްތަކެއް ކުރަމުން އެބަ ދެޔޭ ބުނަން މި ޖެހެނީ،" އުޝާމް ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒު ކައިރީގައި އެމްޑީޕީގެ ކެންޑިޑޭޓު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނާ މައްސަލަ އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އީސީއަށް ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން އީސީގެ އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ ހެޑް، އިބްރާހިމް ހާފިޒް "ސަން"އަށް ވިދާޅުވީ ހުށަހެޅިފައިވާ ޝަކުވާތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަތައް ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރަކުން މައްސަލަތައް ބަލައި، އެ ބޭފުޅުންގެ ޝަކުވާތައް އެ ވިދާޅުވާ ކަމެއް އެއީ ހަގީގަތެއް ކަމަށް ވަނީނަމަ ފުލުހުންނާ ގުޅިގެން އެކަން ވެސް ބަލާނަން. އެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ހާފިޒް ވިދާޅުވިއެވެ.

އިންތިހާބާ ގުޅޭ ޖުމްލަ ހަތް މައްސަލައެއް މިހާތަނަށް ހުށަހެޅިފައިވާ ކަމަށް އީސީން ބުނެއެވެ.

comment ކޮމެންޓް