އެމްޑީޕީން ފައިސާ ބަހާކަމަށް ތުހުމަތުކޮށް، މައްސަލަ އީސީއަށް!

ހަމަނުޖެހުން ބޮޑުވުމުން އިސްކަންދަރު ސްކޫލް ކައިރި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީން، އެމްޑީޕީން ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަމުން ދާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ މާލޭގައި ވޯޓު ފޮށި ބަހައްޓައިފައިވާ އިސްކަންދަރު ސުކޫލުގައި ހުރި ރެސްޓޯރެންޓެއް ރިޒާވްކޮށްގެން، ފައިސާ ބަހައި އިންތިހާބަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެފައެވެ.

އިދިކޮޅުގެ އިސް ބޭފުޅުން އީސީއަށް ވަޑައިގެން، މި މައްސަލަ މިހާރު އީސީއަށާއި ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފައެވެ.

އެމްޑީޕީން ރިޒާވްކޮށްފައިވާ ރެސްޓޯރެންޓު: އިދިކޮޅުން ވަނީ މި ތަނުގައި ފައިސާ ބަހަމުން އަންނަ ކަމަށް ތުހުމަތުކޮށްފައި-- ފޮޓޯ/ ޕީޕީއެމް

މިކަމާ ގުޅިގެން އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ ހެޑް، އިބްރާހިމް ހާފިޒް "ސަން"އަށް ވިދާޅުވީ މިއަދު ކުރިއަށްދާ ކޮމަންޑޫ ބައި-އިލެކްޝަނާ ގުޅޭ ޖުމްލަ ހަތް މައްސަލައެއް މިހާތަނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ބެހުމާއި، ރިޝްވަތު ދިނުމުގެ މައްސަލަތަކެއް ވެސް ހުށަހެޅިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ހުށަހެޅިފައިވާ ޝަކުވާތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަތައް ބަލަމުން ގެންދާނެ ކަމަަށް ހާފިޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރަކުން މައްސަލަތައް ބަލައި، އެ ބޭފުޅުންގެ ޝަކުވާތައް އެ ވިދާޅުވާ ކަމެއް އެއީ ހަގީގަތެއް ކަމަށް ވަނީނަމަ ފުލުހުންނާ ގުޅިގެން އެކަން ވެސް ބަލާނަން. އެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ހާފިޒް ވިދާޅުވިއެވެ.

ޕީޕީއެމުން ވަނީ ވޯޓު ފޮށި ހުންނަ ސަރަހައްދުގައި އެމްޑީޕީގެ ޖަގަހައެއް ހުރި ކަމަށް ބުނެ އެ މައްސަލަ ވެސް އީސީއަށް ހުށަހަޅައިފައެވެ. އަދި ށ. ފޯކައިދޫ ވޯޓުލާ މަރުކަޒު ކައިރީގައި އެމްޑީޕީގެ ކެންޑިޑޭޓު ކެމްޕެއިނުކޮށް، ނުފޫޒު ފޯރުވާ ކަމަށް ބުނެ ވެސް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް