Last Updated: 2 year 2 month ago

ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޝިދު ކާމިޔާބު ކުރައްވައިފި

ބުލޮގު ޚުލާސާ

ފޯރިގަދަ ކެމްޕެއިންއެއް ކުރިއަށް ގެންދިޔަ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މާލޭގައި ވޯޓްލުން ކުރިއަށް ދަނީ އިސްކަންދަރު ސްކޫލުގައެވެ. މިއަދު 8:00 ޖެހުމާއެކު ވޯޓްލާން ފެށިއިރު ގިނަ ބަޔަކު ކިޔޫގައި ތިއްބެވެ.

ވޯޓްލާން ފަށާ ގަޑި ޖެހުމާއެކު ށ. ކޮމަންޑޫއާއި ފޯކައިދޫގެ އިތުރުން މަރޮށީގައި ވެސް ވަނީ ވޯޓްލާން ފަށައިފައެވެ.

މި އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރަނީ މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްއިން މޫސާ ފަތުހީ އާދަމް ވާދަ ކުރާއިރު އެމްއެންޕީ އިން ވާދަ ކުރަނީ އަބްދުލް ހަންނާނު އިދުރީހެވެ.

މިއީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ ބައިއިލެކްޝަނެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއެކު، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ކުރިއަށް އެބަދެއެވެ.

18:03

ފޯކައިދޫ އާއި މަރޮށީގެ ރައްޔިތުން ވޯޓުލުމަށް އިސްކަންދަރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 237 ވޯޓް
2. މޫސާ ފަތުހީ އާދަމް 179 ވޯޓް
3. އަބްދުލްހަންނާން އިދުރީސް 68 ވޯޓް

17:47

ފޯކައިދޫ ސްކޫލްގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 223 ވޯޓް
2. މޫސާ ފަތުހީ އާދަމް 204 ވޯޓް
3. އަބްދުލްހަންނާން އިދުރީސް 11 ވޯޓް

17:39

ފޯކައިދޫ ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 195 ވޯޓް
2. މޫސާ ފަތުހީ އާދަމް 202 ވޯޓް
3. އަބްދުލްހަންނާން އިދުރީސް 13 ވޯޓް

17:24

ކޮމަންޑޫ ޕްރީސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 159 ވޯޓް
2. މޫސާ ފަތުހީ އާދަމް 92 ވޯޓް
3. އަބްދުލްހަންނާން އިދުރީސް 64 ވޯޓް

17:20

މަރޮށި އިޖުތިމާއީ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 161 ވޯޓް
2. މޫސާ ފަތުހީ އާދަމް 95 ވޯޓް
3. އަބްދުލްހަންނާން އިދުރީސް 41 ވޯޓް

17:07

ކޮމަންޑޫ ސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

1. މުހައްމަދު ރާޝިދު 144 ވޯޓް

2. މޫސާ ފަތުހީ އާދަމް 152 ވޯޓް

3. އަބްދުލްހަންނާން އިދުރީސް 37 ވޯޓް

17:01 މުހައްމަދު ޔަމީން

ފޯކައިދޫގައި ބެހެއްޓި އެއް ނަންބަރު ފޮއްޓަށް ވޯޓުލާފައި ވަނީ 412 މީހުން

ފޯކައިދޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލާފައި ވަނީ 446 މީހުން

އެ ދެ ފޮށި ވެސް މިހާރު ވަނީ ގުނަން ފަށާފައި

16:54

އިސްކަންދަރު ސްކޫލްގައި ބެހެއްޓި ކޮމަންޑޫ ދާއިރާގެ ދެ ފޮށި ވެސް ގުނަން ފަށައިފި

16:47 މުހައްމަދު ޔަމީން

ށ. ކޮމަންޑޫގައި ބެހެއްޓި ދެ ވޯޓު ފޮށި ގުނަން ފަށައިފި

16:15 މުހައްމަދު ޔަމީން

ވޯޓް ފޮށިތައް ބަންދު ކުރަން ފަށައިފި. އިސްކަންދަރު ސްކޫލުގައި ފޯކައިދޫ އާއި މަރޮށި މީހުން ވޯޓްލުމަށް ބަހައްޓާފައި ހުރި ވޯޓް ފޮށި ވަނީ ބަންދު ކޮށްފައި. އެފޮށި ބަންދުކުރިއިރު 497 މީހުން ވަނީ ވޯޓް ލައިފައި.

16:01 މުހައްމަދު ޔަމީން

ގަޑިން 4:00 ޖެހުމާއެކު އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓް ފޮށިތަކުގެ ކިޔޫ ބަންދު ކޮށްފި. މިވަގުތުވެސް ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި

15:53 މުހައްމަދު ޔަމީން

ވޯޓްލާ ސަރަހައްދުން މީހަކު ހައްޔަރު ކޮށްފި. ޗާންދަނީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކައިރިން އެ މީހާ ހައްޔަރު ކުރީ އެ ސަރަހައްދަށް އެއްވެ ތިބި މީހުން ފަހަތަށް ޖައްސަން އުޅުމުން ހިނގި ދެބަސްވުމެއްގެ ތެރެއިން.

ފުލުހުން މިހާރު ވަނީ އެ މީހާ ފުލުހުންގެ ވެހިކަލްއަށް އަރުވާފައި.

15:41 މުހައްމަދު ޔަމީން

ވޯޓްފޮށި ބަންދު ކުރާ ވަގުތު ކައިރިވުމާއެކު ވޯޓު ލުމަށް ގިނަ ބަޔަކު ކިޔޫގައި ޖެހިއްޖެ. އިސްކަންދަރު ސްކޫލުގެ ތެރޭގައި ދިގު ކިޔޫއެއް ވަނީ ހަދައިފައި.

ވޯޓް ލުމަށް ގިނަ ބަޔަކު ކިޔޫގައި-- ސަން ފޮޓޯ: ޔަމީން
15:32 އަހުމަދު ސާއިލް އަލީ

ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި މިހާތަނަށް 2570 މީހުން ވަނީ ވޯޓްލައިފައި. އެ ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 3309 މީހުންނަށް. މިހާތަނަށް ވޯޓް ނުލަނީ 22.33 ޕަސެންޓް މީހުން.

15:22

14:34 އަހުމަދު ސާއިލް އަލީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންސްއަށް ނުފޫޒު ފޯރުވަމުން ދާ ކަމަށް ބުނެ ހަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮމްޕްލެއިންޓްސް ކޮމެޓީން ބުނެފި. އޭގެ ތެރޭގައި އެމްޑީޕީން ފައިސާ ބަހާކަމަށް ބުނާ މައްސަލައެއް ވެސް ހިމެނޭ.

ކޮމްޕްލެއިންޓްސް ކޮމެޓީގެ ހެޑް އިބްރާހިމް ހާފިޒް ވިދާޅުވީ އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް.

14:28 އަހުމަދު ސާއިލް އަލީ

އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާ މައްސަލަ އެ ޕާޓީން ވެސް އިލެކްޝަންްސްއަށް ހުށަހަޅާފައިވާ ކަމަށް. އަދި އެމްޑީޕީން އިންތިހާބަށް ނުފޫޒު ފޯރުވަމުން ދާ ކަމަށް ތުހުމަތު ކުރޭ.

"އެމްޑީޕީގެ ކެންޑިޑޭޓް އަދިވެސް ހުރީ ވޯޓުލާ މަރުކަޒުގެ ތެރޭގައި. އެމްޑީޕީއިން އަންނަނީ ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން." އުޝާމް

14:14 އަހުމަދު ސާއިލް އަލީ

އިސްކަންދަރު ސުކޫލް ކުރިމަތީގައި ހުންނަ މއ. ސެމީ ޑީލް ގޭގެ ފުރަތަމަ ފަންގިފިލާގައި އެމްޑީޕީން ޖަގަހައެއް ހިންގަމުން ދާ ކަމަށް ބުނެ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ޕީޕީއެމުން ޖަގަހައެއް ހުޅުވައިފި. ޕީޕީއެމުން ބުނީ އެ ޖަހަގައިން ވޯޓް ލުމާ ގުޅޭ ކަންކަން އިންތިޒާމު ކުރާނެ ކަމަށް.

އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން ވަކި ވަގުތަކުން ފެށިގެން އިންތިހާބު ނިމެންދެން ކެމްޕެއިން ކުރުމާއި މަނާ ކަމެއް. އަދި ވޯޓްލާ މަރުކަޒު ހިމެނޭ ސަރަހައްދުގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ވެސް މަނާކަމެއް

Ma. Semi Deal 1st floor ( Iskandhar School kurimathi ) gai MDP ge jagaha eh hingamundhaathy E imaaraathuge 2nd floor gai PPM ge jagaha eh vany gaaim kurevifa. Mi jagahain vote lumaa gulhey kankan inthizaam kurevigen dhaane.

އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމުން ހަދާ ޖަގަހަ-- ސަން ފޮޓޯ: ޔަމީން
13:46 މުހައްމަދު ޔަމީން

ފޯކައިދޫ އާއި މަރޮށި މީހުން ވޯޓްލުމަށް މާލޭގައި ބަހައްޓާފައިވާ ފޮއްޓަށް މިހާތަނަށް 304 މީހުން ވަނީ ވޯޓް ލައިފައި. ކޮމަންޑޫ ފޮއްޓަށް 370 މީހުން ވަނީ ވޯޓްލައިފައި.

ވޯޓް ލުމަށް ދެ ފޮށި ކައިރީގައި ވެސް ގިނަ ބަޔަކު ކިޔޫގައި އެބަތިބި.

13:44

މާލޭގެ ވޯޓްލާ ސަރަހައްދުގައި އެމްޑީޕީގެ ޖަގަހައެއް ހިންގާ ކަމަށް ބުނެ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އިދިކޮޅުން ނިންމައިފި

13:23 މުހައްމަދު ޔަމީން

ކޮމަންޑޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮއްޓަށް މިހާތަނަށް ވޯޓުލާފައި ވަނީ 277 މީހުން. އަދި އެރަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓަށް މިހާތަނަށް ވޯޓުލާފައި ވަނީ 247 މީހުން.

13:18 މުހައްމަދު ޔަމީން

މިހާތަނަށް ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު މަދު ކަމަށް ފާހަގަކުރެވޭ. ގިނަ ބަޔަކު ވޯޓުލާން ނުކުންނާނީ ވޯޓު ފޮށި ބަންދުކުރަން ކައިރިވުމުން ކަމަށް ބެލެވޭ.

މިހާތަނަށް ވޯޓުލާފައި ވަނީ 1،857 މީހުން. އެއީ 916 ފިރިހެނުންނާއި 941 އަންހެނުން

13:16 މުހައްމަދު ޔަމީން
ވޯޓު ލެއްވުމަށްފަހު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވޯޓުލާ ސަރަހައްދުގައި
12:39 މުހައްމަދު ޔަމީން

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސް ވެސް ވޯޓު ލައްވައިފި. ހަންނާނު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލްގައި ބަހައްޓާފައިވާ ކޮމަންޑޫ ރައްޔިތުން ވޯޓުލާ ފޮއްޓަށް

އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް ވޯޓު ލައްވަނީ
12:34 މުހައްމަދު ޔަމީން

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު ރާޝިދު ވޯޓު ލައްވައިފި. އޭނާ ވޯޓު ލެއްވީ ފޯކައިދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވޯޓު ލައްވަނީ
12:33

12:28 މުހައްމަދު ޔަމީން

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރެއްވި މޫސާ ފަތުހީ އާދަމް ވޯޓު ލައްވައިފި. ފަތުހީ ވޯޓު ލެއްވީ ކޮމަންޑޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް

ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވޯޓު ލެއްވުން
ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް ވޯޓު ލައްވަނީ
12:24

11:48
ވޯޓްލީ މީހުންގެ ތަފާސްހިސާބު--
11:29 އަހްމަދު އާޒިފް

އިސްކަންދަރު ސްކޫލް ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެ، އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން

އިސްކަންދަރު ސްކޫލް ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ-- ސަން ފޮޓޯ: އަހުމަދު އާޒިފް
11:27 އަހުމަދު ސާއިލް އަލީ

އެމްޑީޕީގެ ކެންޑިޑޭޓް، ރާޝިދު ފޯކައިދޫގެ ވޯޓްލާ މަރުކަޒު ކައިރި ކެމްޕެއިންކޮށް ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްއިން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

11:11

ށ. މަރޮށީގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް މިހާތަނަށް 132 މީހުން ވަނީ ވޯޓްލައިފައި.

11:09 މުހައްމަދު ޔަމީން

މާލޭގައި ބަހައްޓާފައި ހުރި ފޯކައިދޫ އާއި މަރޮށި މީހުން ވޯޓްލާ ފޮއްޓަށް މިހާތަނަށް 134 މީހުން ވަނީ ވޯޓްލައިފައި. ކޮމަންޑޫ މީހުންނަށް ހާއްސަކޮށްފައިވާ ފޮއްޓަށް ވޯޓްލާފައިވަނީ 153 މީހުން. މިހާރު ވޯޓް ލުމަށް ކިޔޫގައި އެހާ މީހުނެއް ނެތް.

11:02 މުހައްމަދު ޔަމީން

އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމްއާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ހަމަނުޖެހުން ހިނގަމުން. ޕީޕީއެމްއިން ތުހުމަތު ކުރަނީ އިސްކަންދަރު ސްކޫލް ކުރިމަތީ ހުންނަ ރީތި ފޮޓޯ ކައިރި ހުރި ގަރާޖެއްގެ ތެރޭގައި އެމްޑީޕީއިން ރިޝްވަތު ފައިސާ ބަހަމުން ދާކަމަށް.

އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

10:30 އަހުމަދު ސާއިލް އަލީ

އިންތިހާބުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުން ވެސް ވަނީ ވޯޓް ލައްވައިފައި

10:13 އަހުމަދު ސާއިލް އަލީ

އިސްކަންދަރު ސްކޫލް ސަރަހައްދަށް އެއްވެފައި ތިބި ބައެއް މީހުން ދަނީ އަޑު ގަދަކުރަމުން. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ އެ މީހުންނާ ވާހަކަ ދައްކަމުން.

09:36
ބައި އިލެކްޝަންގެ ވޯޓްލުން ފެށުނު ގަޑިތައް---
09:19 މުހައްމަދު ޔަމީން

އިސްކަންދަރު ސްކޫލުގެ ބޭރުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތިއްބެވިއިރު އެ ސަރަހައްދުގައި ތިބި ބަޔަކު ދަނީ އަޑުގަދަ ކުރަމުން. ނަމަވެސް ހަމަނުޖެހުމެއް ނުހިންގާ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި މާލޭގެ މޭޔަރު އިސްކަންދަރު ސްކޫލް ބޭރުގައި މަޑުކޮށްލައިގެން-- ސަން ފޮޓޯ: ނާއިލް ހުސައިން
09:13

09:06 މުހައްމަދު ޔަމީން

ކޮމަންޑޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 365 މީހުންނަށް

ކޮމަންޑޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 347 މީހުންނަށް

ފޯކައިދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 471 މީހުންނަށް

މަރޮށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 367 މީހުންނަށް

މާލޭގައި ބެހެއްޓި ކޮމަންޑޫ ރައްޔިތުން ވޯޓުލާ ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 693 މީހުންނަށް

މާލޭގައި ބެހެއްޓި ފޯކައިދޫ އާއި މަރޮށީގެ ރައްޔިތުން ވޯޓުލާ ފޮއްޓަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 607 މީހުންނަށް

09:05

ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވަނީ، 15:00 އިން 16:00 އަށް

ފޯކައިދޫގައި ވޯޓްލުމަށް ގިނަ ބަޔަކު ކިޔޫގައި-- ފޮޓޯ: އަހުމަދު އަންވަރު
09:04 އަހުމަދު ސާއިލް އަލީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއެކު، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ކުރިއަށް އެބަދޭ

09:02 މުހައްމަދު ޔަމީން

ވޯޓު ގުނަން ފަށާއިރު، ވޯޓުލާ މަރުކަޒުގައި ޖާގަ އޮތް މިންވަރަކުން އެ މަންޒަރު ބެލުމުގެ ފުރުސަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައި

09:01 އަހުމަދު ސާއިލް އަލީ

މިއީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ އިންތިހާބެއް

08:59 އަހުމަދު ސާއިލް އަލީ

ވޯޓްލުން ކުރިއަށް ދަނީ ވަރަށް ސުލްހަވެރިކޮށް

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ: ސަން ފޮޓޯ: ނާއިލް ހުސައިން