އޮސްޓްރިއާގެ ދެ މިސްކިތަކަށް ގެއްލުންދީފި

ފޮޓޯ - އޭއޭ

އޮސްޓްރިއާގެ ދެ މިސްކިތަކަށް ގެއްލުންދީފިއެވެ.

ރަޖަބު މަސް ފެށުމުގެ ގޮތުން އޮސްޓްރިއާގެ މުސްލިމުން މުނާސަބަތެއް ފާހަގަކުރާ މި ދަނޑިވަޅުގައި އެ ގައުމުގެ ވެރިރަށް ވިއެނާގެ ދެ މިސްކިތަކަށް ގެއްލުން ދީފައިވަނީ ނިރުބަވެރި ޕީކޭކޭ ޖަމާއަތުންނެވެ.

އޮސްޓްރިއަން-ޓާކިޝް އިސްލާމިކް ކަލްޗާ އެންޑް ސޯޝަލް އެސިސްޓެންސް ޔޫނިއަންގެ ސެންޓްރަލް މިސްކިތަށާއި 16 ވަނަ ޑިސްޓްރިކްޓުގައި ހުންނަ ވަގުތީ މިސްކިތެއް ކަމަށްވާ އަބޫބަކުރު މިސްކިތަށް ވަނީ އެކިވަރުގެ ގެއްލުންތައް ދީފައެވެ.

އެގޮތުން އެ މިސްކިތްތަކުގެ ފާރުގައި ގްރެފިޓީ ކުރަހައި، ކުޑަދޮރުތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ދީފައެވެ.

އޮސްޓްރިއާގައި ހުންނަވާ ތުރުކީގެ އެމްބެސެޑަރު އޮޒަން ވަނީ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މި އަމަލުތައް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮސްޓްރިއާގެ އިންޓެގްރޭޝަން މިނިސްޓަރު ސުޒާން ރާބްވެސް ވަނީ މި އަމަލު ކުށްވެރި ކުރައްވާފައެވެ. އެ ގައުމުގެ ވެރިކަންކުރާ ގްރީން ޕާޓީގެ އިންޓެގްރޭޝަން ސްޕޯކްސްޕާސަން ވިދާޅުވީ މިއީ ޑިމޮކްރެސީ އާއި އަޅުކަންކުރުމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށެވެ.

ޔޫރަޕުގައި މުސްލިމުންނާ ދެކޮޅަށް މިފަދަ ގިނަ ކަންތައްތައް ހިނގަމުންދާއިރު، ބައެއް ގައުމުތަކުގެ ސަރުކާރުތަކުންވެސް އަންނަނީ މިފަދަ އަމަލުތަކަށް ހިތްވަރުދެވޭ ގޮތަށް ވާހަކަދައްކަމުންނެވެ.

comment ކޮމެންޓް