މޮރޮކޯގައި 100 ފޫޓު ފުން ވަޅަކަށް ކުޑަކުއްޖަކު ވެއްޓިއްޖެ، އަދިވެސް ސަލާމަތް ނުކުރެވޭ!

ރަޔަން ސަލާމަތްކުރުމަށްޓަކައި މޮރޮކޯގެ އޮފިޝަލުން މަސައްކަތްކުރަނީ: ފޮޓޯ - އޭއެފްޕީ/ގެޓީ

މޮރޮކޯގައި 100 ފޫޓު ފުން ވަޅަކަށް ފަސް އަހަރުގެ ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

މީގެ ތިން ދުވަސްކުރިން ހިނގި މި ހާދިސާގައި ވަޅަށް ވެއްޓުނު އުމުރުން ފަސް އަހަރުގެ ރަޔަން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކުރީ ހުކުރު ދުވަހުއެވެ.

ރަޔަން އެ ވަޅަށް ވެއްޓުމާ ގުޅިގެން އެ ގައުމުގެ ސަލާމަތީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރިއަށެވެ. އަދި އެތައް ހާސް ނޫސް މީޑިއާތަކުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.

ރަޔަންގެ މާމަ ބުނީ، ރަޔަން އަކީ މުޅި އަވަށުގެ އެންމެންވެސް ވަރަށް ލޯބިވާ ކުއްޖެއް ކަމަށާއި، ރަޔަން ނެތި މިހާރު ތިން ރޭ ވެއްޖެ ކަމަށެވެ.

"ރަޔަން ދެކެ އެންމެންވެސް ލޯބިވޭ. ވަކި އޭނަގެ އާއިލާއިން އެކަންޏެއް ނޫން އޭނަ ދެކެ ލޯބި ވަނީ،" ރަޔަންގެ މާމަ ލާޒިޒާ ބުންޏެވެ.

"ރަޔަން މަތިން ވަރަށް ހަނދާންވޭ! މިހާރު ތިން ރޭ ވެއްޖެ" ލާޒިޒާ ރޮމުން ކިޔައިދިނެވެ.

ރަޔަން ވެއްޓުނު ވަޅުގެ ފުޅާމިނުގައި ހުރީ އެންމެ 45 ސެންޓިމީޓަރުކަމުން އޭނާ ސަލާމަތްކުރުމަށް އެ ވަޅުގެ ތެރެއަށް ފޭބުމަކީވެސް އުނދަގޫ ކަމެކެވެ.

ރަޔަންގެ ވާހަކަ މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު އާންމުން އަންނަނީ ސޭވް ރަޔަންގެ ނަމުގައި އޮންލައިން މަންސަތަކުގައި ހަމްދަރުދީ ފާޅުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް