ފޯރިގަދަ ހަރަކާތްތަކަކަށް ފަހު، ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގެ ކެމްޕެއިން ނިންމައިލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނު ވަނީ ނިމިފައި: ތިން ޕާޓީން ވެސް ފޯރިގަދަ ހަރަކާތްތަކެއް--- ފޮޓޯ/ޓްވިޓާ

ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކެއް ބޭއްވުމަށްފަހު، މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ހަރަކާތްތައް ނިންމައިލައިފިއެވެ.

މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ކެމްޕެއިން ކުރުމަކީ މަނާކަމެކެވެ.

މާދަމާ އޮންނަ ބައި-އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީއެވެ. ތިން ޕާޓީން ވެސް ވަނީ ދާއިރާގެ ރަށްތަކުގައްޔާއި މާލޭގައި ވެސް ކެމްޕެއިންގެ ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކެމްޕެއިންގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ވަނީ މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފައެވެ. އަދި ކެމްޕެއިން ނިންމާލުމުގެ ގޮތުން ކޮމަންޑޫގައި ވަނީ ޖަލްސާއެއް ވެސް ބާއްވައިފައެވެ. މި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްޕެއިނު ނިންމާލުމުގެ ގޮތުން ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތް-- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމް ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތައް ތިން ރަށުގައި ވެސް ނިންމައިލައިފައިވަނީ ދުއާއަކުންނެވެ.

ވެރިކަން ކުރާ އެމްޑީޕީން ވަނީ މިއަދު އެ ޕާޓީގެ ކެމްޕެއިނަށް ކޮމަންޑޫގެ ދާއިރާގެ ރަށްތަކުގައި ގޭގެޔަށް ޒިޔާރަތްކޮށްފައެވެ. ހަމައެހެންމެ ކެމްޕެއިން ނިންމާލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފޯކައިދޫގައެވެ.

ކެމްޕެއިނު ނިންމާލުމުގެ ގޮތުން އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރަކާތް-- ފޮޓޯ/ ޓްވިޓާ

މިއަދު ހަވީރު ފޯކައިދޫގައި ރެލީއެއް ކުރިއަށް ގެންދިޔައިރު، އެމްޑީޕީގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރެލީ ވެސް ނިންމައިލައިފައިވަނީ ދުއާއަކުންނެވެ.

ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން އެމްއެންޕީން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ތިން ރަށުގެ އިތުރުން އެމްއެންޕީ މާލެ ޖަގަހަގައިގައި ވެސް ކެމްޕެއިން ހަރަކާތްތަކާއެކު ހަވީރު ސައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެންޕީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވެސް ވަނީ ދުއާއެއް ކޮށްފައެވެ.

ކެމްޕެއިނު ނިންމާލުމުގެ ގޮތުން އެމްއެންޕީން ކުރިއަށް ގެންދިޔަ ހަރަކާތް-- ފޮޓޯ/ އެމްއެންޕީ

މާދަމާ ވޯޓުލުން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑިއަކީ ހެނދުނު 8:00 އެވެ. ދާއިރާގައި ހިމެނޭ ތިން ރަށުގެ އިތުރުން، މާލޭގައި ވެސް ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެ ވޯޓުފޮށި ބަހައްޓާނީ އިސްކަންދަރު ސުކޫލުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް މާދަމާ ކުރިއަށް ދާނެއެވެ.

comment ކޮމެންޓް