އިންތިހާބު މާދަމާ: ކޮމަންޑޫ ކައިރީގައި ކަނދުފައްޗެއް އަޅައިފި

ކޮމަންޑޫ ކައިރީގައި ކަނދުފަތި އަޅަނީ-- ފޮޓޯ/ ފިޝަރީޒް މިނިސްޓަރު

މިއަދު ހެނދުނު ށ. ކޮމަންޑޫ ކައިރީގައި ކަނދުފައްޗެއް އަޅާފައި ވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ފެށޭއިރު، ކޮމަންޑޫގައި ތަފާތު މަޝްރޫއުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ.

ފިޝަރީޒް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ކައިރީގައި ދޮށިމަސްކަނދު، ކަނދުފަތި އަޅާފައި މިވަނީ، އެ ސަރަހައްދުގައިވާ ކަނދުފަތި ކެނޑިފައި ވާތީ ކަމަށެވެ.

މި ކަނދުފަތި އަޅާފައި މިވަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމަންޑޫ ކައިރީގައި ކަނދުފަތި އެޅި ސަރަހައްދު -- ފޮޓޯ/ ފިޝަރީޒް މިނިސްޓަރު

މާދަމާ ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލާ ދުވަސް ކައިރިވާއިރު، އެ ދާއިރާގެ ކެމްޕޭން ފޯރި އަންނަނީ ގަދަވަމުންނެވެ. ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫތުތަކެއް ހިންގަން ފަށާފައި ވާއިރު، އިދިކޮޅު ޕާޓީތަކުން ދަނީ ވައުދުތައް ވަމުންނެވެ. އިންތިޚާބު ކައިރިވެފައިވަނިކޮށް ސަރުކާރުން އެކި ކަހަލަ މަޝްރޫޢުތައް އެ ދާއިރާގައި ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

comment ކޮމެންޓް