ވަޒީފާތަކަށް ސިޔާސީ މީހުން ބޭނުންގޮތެއް!

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ވަޒީފާއެއް އިއުލާން ކުރުމުން އެ ވަޒީފާއަށް އެދުމުގެ ކުރިން ޖެހެނީ ދާއިރާގެ މެމްބަރުގެ ނުވަތަ ސިޔާސީ ކޮންމެވެސް މީހެއްގެ ރުހުން ހޯދަންށެވެ. އެ ނޫންގޮތަކަށް ވަޒީފާއަކަށް ކުރިމަތިލައިގެން ވަޒީފާއެއް ހޯދުމަކީ މިހާރު ވުމަށް ވުރެން، ނުވުން ގާތް ކަމެކެވެ. ދިވެހި ރާއްޖޭގައި މިއޮތް ޑިމޮކުރަސީގެ ހަގީގަތަކީ މިއީއެވެ.

މިއަދުގެ ސަރުކާރަށް ބެލިނަމަވެސް އަދި ނިމިދިޔަ ސަރުކާރުތަކަށް ބެލި ނަމަވެސް ކަން އޮތީ އެހެންނެވެ. ޑިމޮކުރަސީ އާއި ހައްގުތަކާއި ހަމަހަމަކަން ވިއްކައިގެން ވެރިކަމަށް އައިސް އަމަލު ކުރަނީ ދިމާއިދިކޮޅަށެވެ. ކަންކަން އިންސާފުން ކުރުމުގެ ބަދަލުގައި މުޅިންވެސް އިސްކުރަނީ ގާތް މީހުންނާއި ޕާޓީ މީހުންނެވެ. ގާބިލު، ހައްގު މީހާއަށް ވަޒީފާ ދިނުމުގެ ބަދަލުގައި ޕާޓީ ކުއްޖާއަށް ނޫނީ ވަޒީފާއެއް ނުދެއެވެ.

ޕާޓީ މީހާއަށް ނޫނީ ވަޒީފާ ނުދޭނެ ކަމަށް ފާޅުގައި ވިދާޅުވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރަކަށް އައިސް ފާޅުގައި އެމަނިކުފާން ދެން ވެރިކަމަށް ވަޑައިގެންފިނަމަ ޕީޕީއެމްގެ މެމްބަރުންނަށް ނޫނީ ވަޒީފާ ނުދޭނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ. ޔާމީން ވިދާޅުވީ މި ސަރުކާރުން ވެސް ރަށްރަށުގައި އުފައްދާ ވަޒީފާތައް ދެނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށެވެ. އަދި އެ މަގާމުތަކަށް ޝަރުތު ފުރިހަމަވާ މީހުން ނަގަމުން ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްރަށުގެ ވަޒީފާތައް ޕާޓީ މީހުންނަށް ދޭންޖެހެނީ ތާއީދު ކުރާ މީހުން ހިފަހައްޓަން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމަށް ބަލާއިރު ވެސް ވަޒީފާ ދިނުމުގައި އިސްކުރީ ޕާޓީ މީހުންނެވެ. އަދި ސިޔާސީ ގޮތުން ފިކުރު ތަފާތު މީހުންނަށް ވަޒީފާގައި ގޮންޖެހުންތައް ކުރިމަތި ކުރުވިއެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމުން ވަޒީފާ އަދާކުރަމުން ދިޔަ ރަށާ މާ ދުރު އެހެން ރަށްތަކަށް ފޮނުވާލައިފައި ވެސް އެބަހުއްޓެވެ. މިފަދަ އެތައް ކަމެއް ކުރިއެވެ.

ޒަމާވީ މައްސަލަ، އަދިވެސް އެކަން އެގޮތަށް

ތިމާމެންގެ ޕާޓީ ނުވަތަ މަޖިލިސް މެމްބަރުގެ އާއިލާ މީހުންނާއި ތާއީދު ކުރާ މީހުންނަށް ނޫނީ ވަޒީފާ ނުދިނުމަކީ ޒަމާންވީ މައްސަލައެކެވެ. މިހާރު ވެސް ކަން ހިނގަނީ އެގޮތަށެވެ. ސިޔާސީ ގޮތުން ބާރު ހޯދުމަށް ޕާޓީ ކުދިން ރުއްސަނީއެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވެސް ބޭނުން ވާވަރަށް ވުރެން މާ އިތުރަށް މުވައްޒަފުން ނަގައި ބޮޑު ހޭދައެއް މުސާރަތަކަށް ކުރަން ޖެހޭ އެއް ސަބަބަކީ ވެސް ޕާޓީ މީހުންނަށް ވަޒީފާ ދިނުމެވެ.

"މިރަށުގައި ދިރިއުޅެނީ 250 އެއްހާ މީހުން. އިންޖީނުގޭގައި އެބައުޅޭ ވިއްސަކަށް މީހުން. އަދިވެސް ނަގަނީ އަދިވެސް ނަގަނީ. ހަމަ ޕާޓީ މީހުންނަށް. އާއިލާ މީހުންނަށް. ކަރަންޓް ބިލްތަކުން އިންޖީނު ގެއަށް ނުލިބޭނެ މުސާރަ ދޭނެ ވަރުވެސް. އެކަމަކު ވެސް ވަޒީފާތައް އުފައްދަނީ،" މެދު ރާއްޖެތެރޭ ރަށެއްގެ ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހަކު ހާލަތު ކިޔައިދެމުން ބުންޏެވެ.

ރަށްރަށުގެ އޮފީސްތަކާއި އެކިއެކި ކުންފުނިތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ ވަޒީފާތަކަށް އަބަދުވެސް ބޮޑު ޑިމާންޑެއް އޮވެއެވެ. އެއީ ރަށްރަށުގައި ނިސްބަތުން ވަޒީފާ މަދުވީމެވެ. އެހެންކަމުން ރަށްރަށުގެ ވަޒީފާތަކަށް ވެރިކަމުގައި އޮންނަ ޕާޓީގެ މީހުން ނުވަތަ މަޖިލިސް މެމްބަރު ބޭނުންވާ ބަޔަކު ނެގުމަކީ އެކަން ކުރާ ގޮތެވެ. އެކަމުގެ ސަބަބުން ގާބިލު މީހުންނަށް ފުރުސަތު ނުލިބި ހިދުމަތުގެ ފެންވަރު ދަށް ވެގެން ދަނީއެވެ.

މާލޭގެ މިނިސްޓްރީތަކާއި ކުންފުނިތައް ވެސް އެހާލަތެވެ. ސަރުކާރާއި ވެރިކަން ކުރާ ޕާޓީއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އުޅުމަށް ސިޔާސީ މަގާމު ދީފައި އެބަހުއްޓެވެ. އެކި ނަންނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ވަޒީފާ ދީފައި އެތިބީ ސަރުކާރު ޕްރޮމޯޓްކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރުމަށެވެ. މަތީ ތައުލީމާއި ތަޖުރިބާ ތިބި ސިވިލް ސާވެންޓުންނަށް ވުރެން، ސިޔާސީ ގޮތުން ވަޒީފާ ލިބޭ މީހާގެ މުސާރަ އާއި މަގާމު ވެސް ބޮޑެވެ. ކޮންފަދަ ބޮޑު އިސްރާފެއް ތޯއެވެ؟

ސިޔާސީ މަގާމުތަކަށް ބަލާއިރު ސަރުކާރަކަށް ވުރެން ސަރުކާރެއްގައި އެކަން ދަނީ އިތުރުވަމުންނެވެ. ޔާމީންގެ ސަރުކާރުގައި 700 އާއި ގާތްކުރާ އަދަދަށް ސިޔާސީ ބޭފުޅުން ތިއްބެވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ފެއްޓެވީ ސިޔާސީ މަގާމުތަކުގެ އަދަދު ރައީސް ޔާމީން ސަރުކާރަށް ވުރެ 20-30 ޕަސެންޓާ ދެމެދަށް މަދު ވާނޭކަމުގެ ވައުދާ އެކުއެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. މިދިޔަ އަހަރާ ހަމައަށް 967 އެއްހާ ސިޔާސީ މަގާމު އުފެއްދެވިއެވެ. މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1،045 ސިޔާސީ މަގާމުގައި މީހުން ތިބޭނެ ކަމަށް ވަނީ ލިޔެފައެވެ. އެ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި ދިނުމަށް 407.6 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ. އެއީ މިދިޔަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ އަދަދަށް ވުރެ 78 މަގާމުގެ އިތުރުވުމެކެވެ.

ޑިމްކުރަސީއާ ބީރައްޓެހި ކަމުނުދާ އުސޫލެއް

ވަޒީފާތަކަށް ނުފޫޒު ފޯރުވުމަކީ ރާއްޖޭގެ ތަރައްގީއަށް ވެސް އޮތް ނުރައްކަލެކެވެ. އޭގެ ސަބަބުން ގާބިލު މީހުން ބާކީވާތީއެވެ.

ޓްރާންސް ޕޭރަންސީގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރ ޝާޒިޔާ އަލީ ވިދާޅުވިގޮތުގައި ހުރިހާ ޕާޓީތަކަކުން ވެސް ވަޒީފާ ދޭއިރު ވަކި ބަޔަކަށް އެ ފުރުސަތު ދޭނެ ކަމަށް ބުނުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނާއި ޕާޓީތަކާއި ކެނޑިޑޭޓުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ކަންކަން ކަމަށެވެ.

"މިގޮތަށް ގާބިލްކަމަށް ނުބަލާ، އާއިލާ، ގާތްތިމާގެ މީހުން ނުވަތަ ސަޕޯޓަރުންނަށް ވަޒީފާ ދިނުމަކީ ރާއްޖޭގަ ވަރަށް އާއްމުކޮށް ސިޔާސީ މަންފާ ހާސިލު ކުރުމަށް ހުރިހާ ސަރުކާރުތަކަކުން ވެސް ބޭނުން ކޮށްފައިވާ އަދި ބޭނުން ކުރަމުންދާ އުކުޅެއް. މިއީ ކޮރަޕްޝަންއާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބުރޫ އަރާ. ކޮރަޕްޝަން އިންޑެކްސް ފަދަ ސާވޭ ތަކުގެ ނަތީޖާއަށް އޭގެ އަސަރު ކުރާ ކަންކަން،" ޝާޒިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނެގުމަށް ބަލައި ރައްޔިތުންގެ ހައްގުތަކާއި މުދާ ރައްކާތެރި ކޮށްދޭން ޖެހޭ ކަމަށެވެ.

މިއީ ހަގީގަތެވެ. އަދި މިއީ ބޮޑު މައްސަލައެކެވެ. ސިޔާސީ ކުލައެއްގައި ނެތީމައި ގާބިލް މީހުން އެބަ ބާކީވެއެވެ. މިއީ އިންސާފެއް ނޫނެވެ. އަދި ރައްޔިތުންގެ ފައިސާއިން ޕާޓީ މީހުންނަށް ވަޒީފާ ދިނުމަކީ ބޮޑު އިޝްރާފެކެވެ. ކަންކަން އިސްލާހު ކުރަން ބޭނުންނަމަ މިކަންކަން ރަނގަޅު ކުރަން ޖެހެއެވެ.

comment ކޮމެންޓް