ކުށްތައް އާއްމުވުމުން، "އެވެސް އޯކޭ"!

ދުވަސްކޮޅެއް ކުރިން ރައްޓެއްސަކު ވާހަކަ ދައްކަމުން ކުރި ސުވާލެކެވެ؛ "ރާއްޖޭން ބޭރުގައި އުޅޭއިރު ވެސް ބޮނީ! ރިސޯޓްތަކުގައި ވެސް ބޮނީ، ގޭތެރޭގައި ވެސް ފިލާތިބެ ބޮނީ، ރިޔާސީ ގަނޑުވަރު ތެރެއިންވެސް ބަނގުރާ ހުސްކުރިފުޅިތައް މިފެންނަނީ، މިއޮތީ އެކަން އާއްމުވެފައެއްނު! ވީއިރު ދަރުބާރުގޭ ބިއްދޮށުން ބަނގުރާ ހުސްކުރިފުޅި ފެނުމުން ކޮބާ މައްސަލައަކީ؟"

އެވާހަކައަށް ދެކޮޅު ހެދުމުގެ މާނައެއް ނެތެވެ. އެކަން ވަމުން ދަނީ އެހެނެވެ. ރާއްޖޭގައި ބަނގުރާ އާންމު ވެއްޖެ ތިޔާގިވެފައިވާތާ ކިތަންމެ ދުވަހެކެވެ. މީހުން މެރުމާއި ޒިނޭ ކުރުމާއި ވައްކަންކުރުމާއި، ބަނގުރާ ބުއިމާއި، މިފަދަ ބޮޑެތި ކުށްތައް ބޮޑު މައްސަލައަކަށް ނުވެ އެވެ. އެފަދަ ކުށްތައް ކުރުމުގެ ވެއްޓެއް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ވެރިރަށް މާލޭގަ އެވެ.

ބަނގުރާ އާއްމުވެފައިވާއިރު ވިހެއުމަށްފަހު އެއްލާލާ ކުދިންނާއި މަރާލާ ކުދިންގެ މައްސަލަކުގެ ގްރާފު ވެސް ޖެހެމުން ދަނީ މައްޗަށެވެ. މިދިޔަ އަހަރު ވިހައި އެއްލައިލައި ކުދިންގެ އަދަދު ހަތަރަކަށް އަރާފައިވާއިރު އޭގެތެރެއިން ދެ ކުދިން ފެނުނު އިރުވެސް އޮތީ މަރާލާފަ އެވެ.

މިދިޔަ އަހަރުގެ ވިހައި އެއްލާލި ކުދިންގެ ވާހަކަތައް ފަލަ ސުރުހީތަކަށް ވެގެން ދިޔައިރު މީހަކާ އިނދެގެން އުޅުނު އަންހެނަކު ފިރިމީހާ ޖަލުގައި ހުއްޓާ ސިއްރުން ގޭގެ ފާހާނަތެރޭގައި ވިހޭ މައްސަލައެއް މިހާރު ވެސް ވަނީ ފެންމަތިވެފަ އެވެ.

ވެރިރަށް މާލޭގައި ރޯމާ ދުވާލުވެސް މާރަމާރީ ހިންގާ މީހުންގެ ފުރާނައަށް ނުރައްކާފަދަ އެތައް ހަމަލާތަކެއް ދެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ހުސްވި އަހަރު އެކަނި ވެސް މާރާމާރީތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު ހަޔަކަށް އަރަ އެވެ. ގިނައީ ގްރޫޕް މާރާމާރީގައި ޒަހަމްކޮށްލުމުން ފަރުވާދެމުން ދަނިކޮށް މަރުވި ޒުވާނުންނެވެ. މީހުން މެރުން އާއްމުވަމުން ގޮސް ހޯރަފުށީގައި ހުސޭނުބޭ ގެ މަރަކީ ފާހަގަ ކުރެވުނު މަރެކެވެ. ދ. ކުޑަހުވަދޫގައި އެރަށު ސަމަންދަރުގޭ، އަލީ ހަސަން(އައްޔުބެ)ގެ މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރުބުރިކޮށްލައި ރަހުމްކުޑަ ގޮތަކަށް ހިންގި ހާދިސާއެކެވެ.

ރާވައިގެން ކުރާ ބޮޑެތި ވައްކަންތަކުން ފެށިގެން "ސްޓައިލަކަށް" ވެގެން އާއްމު ތަންތަނުގައި ކުރަމުން ގެންދާ ބަދުއަހުލާގީ އަމަލުތައް ވެސް ވަނީ އާއްމުވެފަ އެވެ. އަދި އެކަންކަމާ ކަންބޮޑުވެގެން އެވާހަކަތައް ވެސް އޮންނަނީ ދެކެވި ދެކެވި އޮންނަ ވާހަކައެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ މުޖުތަމައުގެ "ބުރަކަށީ" ގައި ވަރުގަދައަށް ހިފަމުންދާ މި ނުބައި އާދަތަކަށް ދެ އަތް އުރާލައިގެން ހަމަތިބެންވީހެއްޔެވެ؟ އެވާހަކަތަކާމެދު ކަންބޮޑުވުން ފާޅު ކުރުން ނޫން ކަމެއް ނެތީ ހެއްޔެވެ؟ ހަމައެއާއެކުމިފަދަ ކަންތައްތައް އާއްމުވަނީ ހަގީގަތުގައި ވެސް އެކަމަށް އަޅާލަން ޖެހޭ މިންވަރަށް އަޅާ ނުލެވިގެންތޯ ނުވަތަ އެފަދަ ކަންތައްތައް ކުރުމަކީ އާއްމު ދިރިއުޅުމުގެ އެއްބައި ކަމުގައި ބަލައިގެނެގެން އުޅޭ މީހުން ގިނަ ވުމުންތޯ މިއީވެސް ސުވާލެކެވެ.

އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުނުވާ ފަދަ ގޮތަކަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ކަމަށް ބުނެފައިވާއިރު އެއްވެ އުޅޭ މުޒާހަރާކުރާ މީހުން ހިޔާލުފާޅުކުރަނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށްބާ އެވެ؟ މިސާލަކަށް ބޮޑެތި އިއްޒަތްތެރިން އަވަގުރާނަ ގޮވަމުން އެބަދެ އެވެ. އެފަދަ ބޭފުޅުން ތަކުރާރުކޮށް ހަޑިހުތުރު ބަސްތައް ބޭނުންކުރައްވަމުން މިގެންދަނީ ކުޑަކުދިންނާއި ކުދި ބޮޑު އެންމެން ޖަމާވެފައިވާ އާއްމު ތަންތަނުގަ އެވެ. އެކަން ވެސް މައްސަލައަކަށް ނުވެއެވެ.

އައްސައިޙް އާދަމް ނަސީމް (ބީއޭ ނަސީމް) ވިދާޅުވި ގޮތުގައި މުޖުތަމައުއެއްގައި އެފަދަ ކުށްތައް އާއްމުވާން ދިމާވާ އެއްތައް ސަބަބުތަކެއް ހިމެނޭއިރު އޭގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ތައުލީމީ ދާއިރާގައި ދީނީ އިލްމު ކުދިންނަށް އުނގަންނައިދެވެމުންދާ މިންވަރު މަދުވުމެވެ. އަދި ކިތަންމެ ކުޑަ މުޖުތަމައެއްގައި ވިޔަސް ނާދެވޭ އަމަލުތައް ހިންގުމަކީ އެކަށީގެންވާ ކަމަކަށްވާއިރު އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބުތައް ނުލިބުމަކީ ވެސް އެކަންތައްތައް އާއްމުވުމަށް މެދުވެރިވާ ސަބަބެކެވެ. އަދި ބޭރު ދުނިޔެއާ ގުޅުމުގެ ސަބަބުން ވެސް ވަރަށް ގިނަ ކަންތައްތަކަކަށް ބަދަލުތަކެއް އާދެ އެވެ.

" ދީނީ ތައުލީމާއި ތައުހީދުގެ ބައި އެބަޖެހޭ އިތުރުކުރަން. ބޭރު ދުނިޔެއާ ގުޅިގެން ލިބޭ ގެއްލުންތައް ވެސް އެބަ ފޫބެއްދޭ އަޅުގަނޑުމެންގެ އަގީދާ ވަރުގަދަކޮށްގެން. އިންސާނާއަކީ ކުށް ކުރެވޭނެ މީހެއް ކަމުގައިވާއިރު އެކަންކަމަށް ވެސް ކީރިތި ގުރުއާނުގައި ރަސޫލާގެ ސުންނަތުގަ އެބަ އޮވޭ ކަނޑައެޅިފައި އަދަބުތަކެއް، އެ އެފަދަ އަދަބުތައް ދީގެން ރަނގަޅުކުރެވޭނީ،" ނަސީމް ވިދާޅުވި އެވެ.

ކުށުގެ ވެއްޓެއް ގާއިމްވެގެން ދިއުމުގައި ނުވަތަ ކުށްކުށަށް އަރައިގަންނަ މިންވަރު އިތުރުވެ އާއްމުވަމުން ދަނީ އެފަދަ ކުށްކުށުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބި ނުވަތަ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އެކަށީގެންނުވާ ގޮތެއްގައި އަލުން އަނބުރާ މުޒުތަމައުގެ ތެރެއަށް ނެރެ ދޫކޮށްލުމެވެ.

ހޯމް މިނިސްޓަރު ޑރ. މުއްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ އެތައް ކަމެއް ރާއްޖޭގައި އާންމުވެފައިވާއިރު އެކަންތައްތައް ނުހުއްޓުވި ހުރީ ޒަމާނީ ތަރައްގީއާއެކު އަންނަ ކަންކަން ކަމަށް ގަބޫލުކުރެވިގެނެވެ.
"އަޅުގަނޑުމެން ނޭދެން ބަނގުރާ ފެންނަން ނުޖެހޭ ތަންތަނުން ބަނގުރާ ފެންނާކަށެއް. އަޅުގަނޑުމެން ނޭދޭން ބަނގުރާ ބޯން ނުޖެހޭ މީހުން ބަނގުރާ ބޯކަށެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މުޖުތަމައުގައި ބަނގުރާ އާންމުވެގެން މިދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފުރިހަމަ ގޮތުގައި ފުލުހުންގެ ބޭނުންކޮށް، އެކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް