އާޒިމާއަށް ކުރާ ދައުވާގެ އަޑުއެހުމެއް އަހަރަކަށް ފަހު މާދަމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލްކޮށްފިއެވެ.

މާދަމާ ހެނދުނު 11:00 އަށް ތާވަލްކޮށްފައިވަނީ އެނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ.

އޭނާގެ މައްޗަަށް ކުރާދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީލޯޑަރިންގެ ދައުވާ އާ ގުޅިގެން އެންޓި ކޮރަޕްޝަންސް ކޮމިޝަން (އެސިސީ) އަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު އެއްބަސްވެވަޑައިގަތުމަށްފަހު އެއާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. އަދި މި ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ބައްލަވަން ފެއްޓެވީ ގާޒީ އަހުމަދު ހައިލަމްއެވެ. އަދި ހައިލަމް މަގާމުން ވަކި ކުރުމާއެކު މައްސަލަ ބެއްލެވުމަށް ހަވާލުކުރީ ގާޒީ ހަސަން ސައީދެވެ. ނަމަވެސް ސައީދު ވަނީ އެ މައްސަލައިން ތަނާޒުލްވެ ވަޑައިގަތްފައެވެ. އަދި މިހާރު ހަވާލުވެވަޑައިގެންފައި ވަނީ ގާޒީ އަލީ އާދަމެވެ.

comment ކޮމެންޓް